ރާއްޖޭގައި ބައެއް ފަރާތްތަކުން ނުހައްގުން މުއްސަނދިވެ، ބިމާއި އިމާރާތްތައް ގަންނައިރުވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާގޮތަށް ބަދަލުކުރަން ޤާނޫނުތަކަށް ވަނީ އިޞްލާހު ހުށައަޅާފައެވެ. އެ އިޞްލާހުތަކުގެ ތެރެއިން މިއަދުގެ ޖަލްސާގައި ބަހުސް ކުރިއަށް ގެންދެވީ އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލަށެވެ.
އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް ހުށަހެޅި އިސްލާހަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވާ ނާޒިމް ވިދާޅުވީ، މިއީ އަލަކަށް ކުރާކަމެއް ނޫން ކަމަށެވެ. މީގެ ކުރީ ސަރުކާރުން ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އައްޔަނުކުރުން ވެސް އެ ބިލާ އެއްގޮތަށް ބަދަލުގެނެސް، އެ ބާރު ރައީސުލްޖުމްޙޫރިއްޔާއަށް ދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، އޭސީސީގައި ފަސް މެންބަރުން ތިއްބަވާއިރު ބާކީ ތިބި މެންބަރު ހިހޫތަނުން ކާލައިގެން އެއްވެސްކަމެއް ނުކޮށް ތިބެވޭ ގޮތަށް އެ މީހުންނަށް ޖާގަ ދޭނެ ރައީސްއަކު އެތަނަށް ލައިގެން މި ފަސް އަހަރު އެހެން ހިންގުމަށް ދޫކޮށްލައިގެން އެތަން ބަލާކަން ނުތިބެވޭނެ ކަމަށެވެ.
"ކޮރަޕްޝަންގެ ކަންކަން އިސްލާހުވެ ހުއްޓޭ ތަނެއް ނުފެނެ. ސްމަގުލް ކުރުމާއި ނުހައްގުން މުއްސަދިވެ ވެގެން ގޮސް ބިންބިމާއި އިމާރާތްތައް ގަނެގެން ދާއިރު ވެސް އޭސީސީން އޮތީ" ނާޒިމް ވިދާޅުވިއެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުންނަމަ އޭސީސީގެ ރައީސް އައްޔަން ކުރަނީ އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައިވާ ގޮތުން އޭސީސީއަށް ރައީސެއް އައްޔަން ކުރުމަށް، ކޮމިޝަންގެ މެމްބަރުންގެ ތެރެއިން މެމްބަރެއްގެ ނަން މަޖިލީހަށް ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މި ނަން ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ. އެ މަގާމުތަކުން އިސްތިއުފާދޭން ހުށަހަޅަން ޖެހޭނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
އޭސީސީގެ އިތުރުން ވެސް އިންތިހާބުތަކުގެ ކަންތައް ބަލަހައްޓަމުން އަންނަ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސްއަށް ލިބޭ ގޮތަށް އިސްލާހު ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.