ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވަމުންދާ ދެ ފެކަލްޓީއެއްގެ 8 ދަރިވަރަކު އެ ޔުނިވާސިޓީ ދެމުންދާ އެންމެ ޝަރަފްވެރި އެވޯޑް ހާސިލްކޮށްފި. އެއީ ނަރުސްކަން ކިޔަވަމުންދާ 4 ދަރިވަރަކާއި މުދައްރިސްކަން ކިޔަވަމުންދާ 4 ދަރިވަރަކެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ސަނަދާއި ނަރުހުން އިގްރާރުވުމާއި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. ރޭ އެ ކެމްޕަހުގެ އޮޑިޓޯރިއަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް އަދުނާން އަލީ އެވެ.
މިރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ދެ ފެކަލްޓީއެއްގެ ކިޔަވަމުންދާ 8 ދަރިވަރަކުން ވަނީ ޑީންސް އޮނަރލިސްޓް އެވޯޑް ހާސިލުކޮށްފަ އެވެ. އެއީ ސްކޫލް އޮފް ނަރސިންގ ހަތަރު ދަރިވަރަކާއި ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ 4 ދަރިވަރެކެވެ.
މީގެ އިތުރުން ސްކޫލް އޮފް ނަރސިންގއިން ދޭ ޓޮޕް އެޗީވަރސް އެވޯޑްވެސް އެ ކެމްޕަހުގެ 14 ދަރިވަރަކު ހޯދި އެވެ.
އެމްއެންޔޫގެ ކުޅުދުއްފުށީ ކެމްޕަހަކީ މާލެ ކެމްޕަސް ފިޔަވާ އެންމެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ކެމްޕަހެވެ. އެ ކެމްޕަހުގައި އެޑްވާންސް ސެޓިފިކެޓް އިން ނަރސިންގ އިން ފެށިގެން ބެޗެލަރ އޮފް ނާރސިންގ އާއި ހަމައަށް 7 ބެޗެއްގައި ޖުމްލަ 173 ދަރިވަރުން މިވަގުތު ތަޢުލީމް ހާސިލު ކުރަމުން އެބަ ގެންދެއެވެ. އަދި ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ 5 ބެޗެއް 41 ދަރިވަރަކު އެ ކެމްޕަހުގައި އަންނަނީ ތައުލީމު އުނގެނެމުންނެވެ.
މި ރަސްމިއްޔާތުގައި ނަރުސްކަން ކިޔަވަމުންދާ 60 ދަރިވަރުން އިޤްރާރުވި އެވެ. މި ދަރިވަރުންނަށް އިޤްރާރު ލައިދެއްވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް ނަރސިންގ، ކްލިނިކަލް ނަރސް އިނާސާ މުހައްމަދެވެ.
ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނަރސިންގ އިން ދޭ ޓޮޕް އެޗީވަރސް އެވޯޑަކީ، ފުރަތަމަ ޑިގްރީން ދަށުގެ ކޯސްތަކުން، އެއްވެސް މާއްދާއަކުން ފެއިލްނުވެ ގްރޭޑް ޕޮއިންޓް އެވަރެޖު 3.0 ނުވަތަ އެއަށްވުރެ މަތި ޙާސިލްކުރާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ. މި އެވޯޑް އަދި ދެމުން އަންނަނީ ހަމައެކަނި ސްކޫލް އޮފް ނަރސިންގގައެވެ. ނަމަވެސް، އެކި ފެކަލްޓީތަކުން ދެމުން އަންނަ ޑީންސް އޮނަރލިސްޓް އެވޯޑަކީ، ފުރަތަމަ ޑިގްރީން މަތީގެ ކޯސްތަކުން، ކިޔެވި ހުރިހާ މާއްދާއަކުން ޑިސްޓިންކްޝަން ނުވަތަ އެއަށްވުރެ މަތީ ދަރަޖަ ހާސިލްކޮށްފައިވާތީ އެކަން ފާހަގަކޮށް އެ ފެކަލްޓީ/ސްކޫލެއްގެ ޑީން ދެއްވާ ޝަރަފުވެރިކަމުގެ އެވޯޑެކެވެ.
މި ރަސްމިއްޔާތުގައި ސިޓީ ކައުންސިލަރުންނާއި އެ ކެމްޕަހުންގެ މެނޭޖަރު އައިމިނަތު އަލީ އާއި ކޭއާރުއެޗްގެ ސީއީއޯ ނާޒިމާ އަލީ، އަދި ސްކޫލްތަކުންގެ ވެރިންނާއި ދަރިވަރުން ބައިވެރިވި އެވެ.