ކުރީގެ ސަރުކާރުން ކުޅުދުއްފުށީގައި އައިސްޕްލާންޓްގެ އިމާރާތް ހަދަން ފެނަކަ ކޯޕަރޭޝަންއާ ހަވާލުކުރީ ފައިސާ ނެތިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ރައްޔިތުން މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. މެންބަރު މުހައްމަދު، ވަޒީރު އަރިހުން އެއްސެވީ، ކުޅުދުއްފުށީގައި އަޅަން ފަށާފައިހުރި އައިސް ޕްލާންޓާއި ނާގޯށި ބޮޔާއި ކޯލްޑް ސްޓޯރޭޖްގެ އަދާހަމަ ސާފުކުރެއްވުމަށެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ކުރީގެ ސަރުކާރުން ކުޅުދުއްފުށީގައި އަޅަން ފަށާފައިވާ އައިސްޕްލާންޓްގެ މަސައްކަތް ފެނަކައާ ހަވާލުކުރެވުނުއިރު އެ މަސައްކަތްކުރާނެ ފައިސާއެއް އެ ކުންފުނީގައި ނެތްކަމަށެވެ. އައިސްޕްލާންޓްގެ އިމާރާތުގައި ހުރީ ހަތަރުވަރަކަށް ތަނބުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެތަނުގައި ގާއިމުކުރަން ރާވާފައިވާ އައިސްޕްލާންޓަށްވުރެއް ކުޑަ ޖާގައެއްގައި ތަނބު ޖަހާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
" 4 ވަރަކަށް ތަނބު އެބަހުރިއެތާގައި [އައިސްޕްލާންޓްގަ] އެހެންނަމަވެސް އިތުރު އެއްވެސް މަސައްކަތެއް ނުދޭ. އެތަނުގައި ގާއިމުކުރަން ރާވާފައިވާ އައިސްޕްލާންޓަށްވުރެށް ކުޑަ ޖާގައެއްގައި ތަނބު ޖަހާފަހުރިކަންވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އަނެއްކާ އިތުރަށް ވަރަށް ބޮޑު ހޭދައެއް ސިވިލް މަސައްކަތްތަކަށްވެސް ދާނެކަހަލަ ގޮތަކަށް މި މަސައްކަތް މި އޮތީ." މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ފަސް އައިސްޕްލާންޓެއްގެ މަސައްކަތް ފެށުމަށް ޕްރައިވެޓް ފަންޑިން އެޖެންސީތަކާއެކީ ކުރިއަށްދާ ކަމަށާއި މިހާރު އެ މަރުހަލާ އޮތީ އެޑްވާންސް ސްޓޭޖްކަމަށެވެ. އަދި އެ ފަންޑުގެ ތެރެއިން އައިސްޕްލާންޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީ ކޮޅު ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނާގޯށި ބޮޔެ ކެނޑުނުތާ ދެ ހަފްތާއެއް އަދި ނުވާނެ ކަމަށާއި އެ ބޮޔެވެސް ލަސްތަކެއް ނުވެ އެޅިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
" ކޯލްޑް ސްޓޯރޭޖް ޕްލޭން އަދި ސީދާ ކުޅުދުއްފުއްޓަށް ކުރެވިފައިނެތް މަސައްކަތަކަށްވެފައިވީނަމަވެސް ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު އަނެއްކާ ދަތުރުވެރިން ހާއްސަކޮށް މަސްވެރިން އެކި ކަހަލަ ބޭނުންތަކަށް ދާރަށަކަށްވާތީ، އަޅުގަނޑުމެންގެ ވިސްނުމުގައި އެބަހުރި އައިސްޕްލާންޓް އަޅާއިރު ކޮންކަހަލަ ވަސީލަތެއްތޯ އިތުރަށް އެތަނަށް އިތުރުކުރެވޭނީ." މިނިސްޓަރު ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ކުރީގެ ސަރުކާރުން އައިސްޕްލާންޓް އަޅަން ފެށީ ސަރުކާރުގެ ފަހު ދުވަސްތަކުގައި އަވަސް އަރުވަލައިގެންނެވެ.