ހދ އަތޮޅު ކައުންސިލުން ނިންމާ ބައެއް ނިންމުންތައް ތަންފީޒުކުރުމުގައި އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިބުރާހިމް އުމަރު އުޒުރުވެވަޑައިގަންނަވާކަމަށް، މީޑިއާ ކޯޑިނޭޓަރ އަބުދުﷲ އަސްލަމް ވިދާޅުވީ، ކައުންސިލްގެ ރިޔާސަތާއި މެންބަރުންގެ ދައުރެއް އޮވެގެން ނޫންކަމަށާއި އެކަން ހަރުކަށި އިބުރާތުން ކުށްވެރިކުރާކަމުގައި އަތޮޅު ކައުންސިލުން ބުނެފި އެވެ.
އަތޮޅު ކައުންސިލްގެ މީޑިއާ ގުރޫޕަށް މިދިޔަ ހޮނިހިރުދުވަހު އެ ކައުންސިލްގެ މީޑިއާ އޮފިސަލް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އަތޮޅު ކައުންސިލްގެ އެސްޖީ އިބުރާހިމް އުމަރަކީ އަތޮޅު ކައުންސިލުން ނިންމާ ބައެއް ނިންމުންތައް ތަންފީޒުކުރުމަށް އުޒުރުވެރިވާ ފަރާތެއް ކަމަށާއި އެކަން މީޑިއާތަކުގެ ސަމާލުކަމަށް ގެންނަކަމަށެވެ.
އަދި އެކަން ވަރަށް އަވަހަށް އެލްޖީއޭގެ ސަމާލުކަމަށް ގެނެސް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭތީ އެސްޖީގެ މައްޗަށް އިތުބާރު ނެތްކަމަށް ކަނޑައެޅުމަށް ކައުންސިލަށް އެޖެންޑާކުރާނެކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން މިއަދު އަތޮޅު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމުގައި އާއި ކައުންސިލްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ރާވާ އިންތިޒާމުކޮށް ހިންގުމުގައި އެސްޖީ އިބުރާހިމް އުމަރުގެ ފަރާތުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ކަމަށެވެ.
"މީޑިއާގައި އެފަދަ ޚަބަރެއް މީޑިއާ ކޯޑިނޭޓަރ އާންމުކުރައްވާފައިވަނީ އަތޮޅު ކައުންސިލުންހެ ރިޔާސަތާއި އަދި އަތޮޅު ކައުންސިލްގެ މެންބަރުންގެ އެއްވެސް ދައުރެއް އޮވެގެން ނޫންކަމަންވެސް ދަންނަވަން. އެހެންކަމުން އެކަން މި ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން." އަތޮޅު ކައުންސިލް ހިންގުމާ ހަވާލުވެ ހުންނެވި ނައިބު ރައީސް މުހައްމަދު ވަހީދު ސޮއިކުރައްވާ ނެރުނު ބަޔާނުގައިވެ އެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ، އެކައުންސިލްގެ ރައީސެއް ނެތި ފާއިތުވެގެންދާ ދުވަސްތަކުގައިވެސް ކައުންސިލްގެ އިދާރީ މަސައްކަތްތައް ވިލަރެސްކުރުމުގައި އެސްޖީގެ ފަރާތުން ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ.