އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އަބްދުލް ހަސީބް އިސްލާއިލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ހަސީބު އައްޔަންކުރަނީ އީސީގެ މެންބަރުކަމުގެ މަގާމުގައި މިހާރު ހުންނެވި, އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ އެވެ. އެ މަގާމަށް ހަސީބް އައްޔަންކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ 14 ވަނަ ދުވަހެވެ.
ހަސީބަކީ އެ މަގާމަށް އެކަށީގެންވާ ބޭފުޅެއްތޯ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވި އެވެ.
އެ ކޮމިޓީއިން ވަނީ ހަސީބާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާ, ހަސީބާ އިންޓަވިއުކޮށްފަ އެވެ. ކޮމިޓީ ރިޕޯޓު ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު, މާފުށި ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ އާދަމް ވިދާޅުވީ ޝަކުވާއެއް ލިބިފައި ނުވާ ކަމަށާއި އިންޓަވިއުއިން ހަސީބަށް 88.88 އިންސައްތަ މާކްސް ލިބިފައިވާ ކަމަށެވެ.
ހަސީބް އެ މަގާމަށް އައްޔަންކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ އިއްތިފާގުންނެވެ.
ހަސީބު ވަނީ 2019 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމަށް އައްޔަންކޮށްފައެވެ. އޭގެ ފަހުން އޭނާ ސަސްޕެންޑްކުރުމަށް ފަހު މަގާމުން ދުރުކުރީއެވެ.
ހަސީބު މިހާރު ހުންނެވީ އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައެވެ.
އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ އިތުރުން އެ މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ ހަސީބް ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމްވެސް އަދާކުރައްވާފަ އެވެ.
ފުއާދުގެ ދައުރު ހަމަވާތީ އީސީގެ މެންބަރުކަމަށް ހުޅުވައިލީ ސެޕްޓެމްބަރު 12 ގައެވެ.
ފުއާދު ވަނީ އީސީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. އެ ގޮތުން، 2008 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން 2009ގެ ސެޕްޓެމްބަރާ ހަމައަށް އީސީގެ މެންބަރުކަން ކުރެއްވިއެވެ. އޭގެ ފަހުން ސެޕްޓެމްބަރު 2009 އިން ފެށިގެން މާޗު 2014 އާ ހަމައަށް އީސީގެ ރައީސްކަން ކުރެއްވިއެވެ.