ރާއްޖެ އަންނަ ފަތުރުވެރިން އަމިއްލަ ގެންނަ ދުންފަތުގެ ބާވަތްތަކުގެ ތެރެއިން ވަކި މިންވަރަކަށް ޑިއުޓީ ނުދައްކާ އެތެރެ ކުރެވޭ ގޮތަށް އަލުން ހަމަޖައްސައިފިއެވެ.
މީގެ ކުރިން ދިވެހިންނާއި ފަތުރުވެރިން އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތައް ޑިއުޓީ ނުދައްކާ ވަކި މިންވަރަކަށް ރާއްޖެ އެތެރެ ކުރެވޭ ގޮތަށް އޮއްވައި، ސަރުކާރުން ވަނީ އެ ކަން ހިފަހައްޓައިފައެވެ.
ނަމަވެސް ސަރުކާރުގެ ގެޒެޓްގައި އާންމުކޮށް އަމަލުކުރަން ފެށި ދަތުރުވެރީން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި، ވިޔަފާރި ސާމްޕަލުގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލުގައި ދުންފަތުގެ ބާވަތްތަކުން ވަކި މިންވަރެއް ޑިއުޓީ ނުނަގާ އެތެރެކުރެވޭ ގޮތަށް އަނެއްކާވެސް ވަނީ ހަމަޖައްސައިފައެވެ.
އެ އުސޫލުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ، އުމުރުން 18 އަހަރު ފުރިފައިވާ ބޭރުގެ ފަތުރުވެރީން އަމިއްލަ ބޭނުމަށް ގެންނަ ސިނގިރޭޓާއި ސުއްޓާފަދަ ތަކެތީގެ ތެރެއިން 200 ސިނގިރޭޓް ނުވަތަ 25 ސުއްޓާ ނުވަތަ 250 ގްރާމުގެ ދުންފަތް ހިމެނޭހެން މިއިން ކޮންމެ އެއްޗަކަށް ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުނުވާނަމަ ޑިއުޓީ މާފުކުރެވޭނެ ކަމަށެވެ.
އިމްޕޯޓް އެކްސްޕޯޓް ގާނޫނާއެކު ސިނގިރޭޓާއި ބިޑީގެ ޑިއުޓީ %50 ބޮޑުކޮށް، ސިނގިރޭޓަކުން ނަގާ ޑިއުޓީ 8ރ. އަށް އަދި ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ ހުންނަ ދުންފަތުގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ފްލެވާއާއި ސްޓިކުން %50 އާއި ވޭޕް ސްޓިކަކުން ނަގާ ޑިއުޓީ 8ރ. އަށް ބޮޑުކުރަން ވަނީ ނިންމައިފައެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތަކުން ނަގާ ޑިއުޓީގެ މިންވަރު %200 ވަނީ ބޮޑުކޮށްފައެވެ.
އާއްމުކޮށް ސިނގިރޭޓް ފޮށްޓެއް މިހާރު ވިއްކަނީ 235ރ. އާއި 265ރ. އާ ދެމެދުގެ އަގެއްގައެވެ. ކުރިން ސިނގިރޭޓު ފޮއްޓެއް ވިއްކަނީ 100ރ. އާއި 110ރ. އާ ދެމެދުގައެވެ. ވަކިވަކިން ސިނގިރޭޓު ވިއްކުމަކީ ގާނޫނުން މަނާކޮށްފައި އޮންނަ ކަމެކެވެ.