ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އިނގިރޭސިވިލާތުން އިސްތިއުމާރުކޮށްފައި އޮތް ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޭން އެ ގައުމުން އެއްބަސްވުމާ އެކު ރައީސުލްޖުމަހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.
އެ ސިޓީގައި ރައީސް ވިދާޅުވީ ޗާގޯސްގެ ރަށްތައް ރާއްޖެ އަށް ލިބުން "މާ އައުލާންކަން ބޮޑު" ކަމަށެވެ.
ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދީ އެތަނުގައި މީހުން ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަށް އިނގިރޭސި ވިލާތުން އެއްބަސްވެ، އެކަމާ ގުޅޭ ބަޔާނެއް އެ ގައުމުގެ ފޮރިން މިނިސްޓްރީން ނެރުނީ މިދިޔަ މަހުގެ ކުރީކޮޅެވެ.
އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ޑޭވިޑް ލެމީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފޯޅަވަހީގައި ކުރިން ދިރިއުޅުނު މީހުންނަށް އަނބުރާ އެ އަތޮޅުގެ ރަށްރަށުގައި ވަޒަންވެރިވެވޭނެ ގޮތަށް ފޯޅަވަހީގެ ހުރިހާ ސިޔާދަތީ ބާރުތަކެއް މޮރިޝަސްއަށް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، މޮރިޝަސްއާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ފޯޅަވަހީގައި އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގާ ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު އަދިވެސް އެތަނުގައި ދެމިއޮންނާނެ ކަމަށް އެ ބަޔާނުގައިވެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށްޓަކައި މި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށާއި އެ ސަރަހައްދުން ބައެއް ގެއްލުނީ ބަޔަކު ގަސްތުގައި ކުރި ކަމަކުން ކަމަށެވެ. ގާނޫނުއަސާސީއާ ހިލާފަށް ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލި އިރު ކަނޑުން ގެއްލުނު ބައި ހޯދަން މި ސަރުކާރުން ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރޯމާ ދުވާލު ކަނޑައެޅިފައިވާ ދުސްތޫރީ ނިޒާމާ ހިލާފަށް، ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގައި އަހާލުމެއް ނެތި އަޅުގަނޑުމެންގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލީ." ރައީސް ވިދާޅުވިއެވެ.
އިިނގިރޭސިން ޗާގޯސްގެ ރަށްތަކަށް ވެރިވެގަތީ 1965 ވަނަ އަހަރު މޮރިޝަސް އެ ގައުމުގެ އިސްތިއުމާރުގެ ދަށުގައި އޮތްއިރުއެވެ. އަދި ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް ކުއްޔަށް ދީފައި ވަނީ 2036ގެ ނިޔަލަށެވެ.
ނަމަވެސް 2019ގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގައިފައެވެ.
އެ ރަށްތަށް އަނބުރާ މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުގެ ކިބައިން އދ.އިން ވެސް ވަނީ ތަކުރާރުކޮށް އެދިފައިވެއެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ.
އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.
އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް އެކުލަވައިލައިފައިވެއެވެ. އެ ކޮމިޓީގައި އިސްކޮށް ހުންނަވަނީ ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލެވެ.