twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި ޑީއާރުޕީއަށް ނާކާމިޔާބުވަނީ ކީއްވެ؟

Jun 13, 2011

އަހަރެން ދެކޭގޮތް

އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުޅުދުއްފުށީގެ ގިނަމީހުން ވޯޓްދިނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް ކަމަށްވިޔަސް އޭގެ ފަހުގެ އިންތިޚާބުތަކުގައި، ޑީއާރުޕީއަށް ކާމިޔާބެއް ކުޅުދުއްފުށީގައި ލިބިފައެއް ނުވެއެވެ. ތަކުރާރުވަމުން މިދާ ނާކާމިޔާބުގެ ފަހަތުގައި ސަބަބުތަކެއް ވާނެކަން ޔަގީނެވެ.

އެންމެ ފުރަތަމަވެސް ފާހަގަކުރެވެނީ ރައްޔިތުންގެ މަޖިލީހުގައި، ކުޅުދުއްފުށީގެ ދެގޮނޑި ހުރިއިރުވެސް ކުޅުދުއްފުށި އެއީ މުހިންމު ދާއިރާއެއް ކަމަށް ޑީއާރުޕީއަށް ގަބޫލުކުރެވިފައި ނޯންނަކަމެވެ. ކުޅުދުއްފުށި އެއީ، ޑީއާރުޕީއަށް މުހިންމު ދާއިރާއެއްކަމަށް ގަބޫލުނުކުރެވޭކަން ސާބިތުވި ހެއްކަކީ ރައްޔިތުންގެ މަޖިލީހުގެ އެންމެފަހު އިންތިޚާބެވެ. މި ދެންނެވި އިންތިޚާބުގައި، ކުޅުދުއްފުށީގެ އެއްވެސް ދާއިރާއަކަށް ޑީއާރުޕީގެ ޓިކެޓްގައި ކެންޑިޑޭޓުން ކުރިމަތިކޮށްފައި ނުވުން ދޭހަކޮށްދެނީ، ޑީއާރުޕީއަށް ކުޅުދުއްފުށީގެ ދެގޮނޑި މުހިންމު ނޫންކަމަށް އެ ޕާޓީގެ ކޮންމެވެސް ބަޔަކަށް ގަބޫލްކުރެވިފައި ވާކަމެވެ. ފަހަރެއްގައި އަމިއްލަ ގޮތުން ކުރިމަތިލި މުހަންމަދު ނަޝީދާއި، އަބްދުﷲ މުހަންމަދާއި ޕީއޭގެ ފަރާތުން ކުރިމަތިލި އާދަމް މުހަންމަދު އެއީ ޑީއާރުޕީގެ ވިސްނުމުގެ ކެންޑިޑޭޓުންކަމަށް ގަބޫލުކުރެވުނީ ކަމަށްވެދާނެއެވެ. އެހެން ކަމަށްވާނަމަވެސް، ޑީއާރުޕީގެ މި ‘ވަރިހަމަ އުސޫލު’ގެ ދޭހައަކީ ޑީއާރުޕީއަށް ކުޅުދުއްފުށި މުހިންމު ނޫންކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު ދެންއައީ ކައުންސިލް އިންތިޚާބެވެ. ކައުންސިލް އިންތިޚާބު އައިއިރު، ޑީއާރުޕީ އޮތީ ދެބަޔަށް ބެހިފައެވެ. ނަތީޖާއަކީ އެހެން ރަށްރަށުގެ ގޮފިތަކެކޭ އެއްފަދައިން ކުޅުދުއްފުށީގައި ވެސް ޑީއާރުޕީގެ ގޮފި ވަރަށް ދެރަވަރުގައި އޮތުމެވެ. ޕާޓީގެ ރިޔާސަތާއި، އިސް ގުނަންތަކާއި ކުޅުދުއްފުށީ ޑީއާރުޕީގެ ގޮތްޕާއި އެކްޓިވިސްޓުންގެ މެދުގައި ގުޅުމެއްނެއްތާނގައި ފޯރިއެއްވެސް ނެތެވެ.

ކައުންސިލްތަކުގެ އިންތިޚާބަށް ޑީއާރުޕީއިން ކެންޑިޑޭޓުން ނެރުނީ ޕުރައިމަރީއަކަށްފަހު ކަމަށްވިޔަސް، ނެރުނު ކެންޑިޑޭޓުންގެ ‘އޮފެއް’ ނެތެވެ. ގިނަ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓުންނާއި ޚިލާފަށް ދުވަސްވީ ކެންޑިޑޭޓުންނެވެ. ރައްޔިތުން ކުރިން ވަކަރަށްޖަހާފައިވާ ކެންޑިޑޭޓުންނެވެ. މުޅި އިންތިޚާބަށް ބަލާއިރު، ޑީއާރުޕީގެ އެކްޓިވިސްޓުން ނެގިމަޑުވެފައި ތިބީއެވެ. އަނެއްކޮޅުން އެމްޑީޕީގެ އެކްޓިވިސްޓުން ޒުވާންވެފައި ހަރަކާތްތެރިކަން ދިޔައީ އިންތިޚާބުގެ ތެރޭގައި އިތުރުވަމުންނެވެ.

ކެމްޕެއިން ކުރުމުގެ ރޭވުންތެރިކަމާއި، ފަރުވާތެރިކަމަށް ބަލާއިރުވެސް ޑީއާރުޕީ އުޅުނީ ‘ކޮންމެ ގޮތެއް ވަރިހަމަ އުސޫލު’ގައެވެ. ގޭގެއަށް ވޯޓް ހޯދުމަށް ހިނގުމާއި، ލީފްލެޓް ބެހުމާއި ފޯރިނެގުމުގައި އާދަޔާޚިލާފަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއި އެ ޕާޓީގެ ޒުވާން އެކްޓިވިސްޓުން ހަރަކާތްތެރިވިއިރު، ޑީއާރުޕީގެ ކެންޑިޑޭޓުން ތިބީ ގާތްގަނޑަކަށް ހުއްޓުން އަރާފައެވެ. އެމްޑީޕީގެ ކެންޑިޑޭޓުން އެއްފަހަރަށްވުރެ ގިނަފަހަރު ޚުދު ކެންޑިޑޭޓުން ގޭގެއަށް ޒިޔާރަތްކުރަމުން ދިޔައިރު، ޑީއާރުޕީގެ ކެންޑިޑޭޓުން އެންމެ ފަހަރަކުވެސް ޒިޔާރަތްނުކުރާ ގޭގެ ހުރިކަމީ ހަގީގަތެކެވެ. ވޯޓްލީ ދުވަހު ވޯޓްލުމަށް މީހުން ނެރުމުގައިވެސް އެމްޑީޕީ އުޅުނީ މާކުރީގައެވެ.

ޑީއާރުޕީއާއި ޚިލާފަށް، ކޮންމެ އިންތިޚާބެއްގައި، އެމްޑީޕީގެ އިސްފަރާތްތަކުން އެޕާޓީގެ ކެންޑިޑޭޓުންނަށް ހުރިހާ މާނައެއްގައި ހިތްވަރުދެއެވެ. މާލެއިން ޕާޓީގެ އިސް ފަރާތްތައް އައިސް ކެމްޕެއިނަށް ފަންނީ އެހީދެމުން ދެއެވެ.

ކައުންސިލް އިންތިޚާބުގެ ބޮޑު ނާކާމިޔާބަށްފަހު ދެން ފެނިގެން ދިޔައީ ޑީއާރުޕީ ކުޅުދުއްފުށީ ގޮފި ކަފުންކުރެވިގެން ދިޔަތަނެވެ. ގޮފީގެ އިސްފަރާތްތަކުން ގޮތްޕާއި ފޭއަށްޖެހި، އިސްތިޢުފާވެސް ދިންތަނެވެ. އަނެއްކޮޅުން، ޑީއާރުޕީގެ ތެރޭގައި އުފެދިފައިވާ ކޯޅުން ވަނީ އޭގެ ކުންނަށް އަރާފައެވެ. މި ދަނޑިވަޅުގައި ބޯމަތިވީ އަތޮޅުކައުންސިލްގެ ބައި އިލެކްޝަންއެވެ.

ބައި އިލެކްޝަންއަށް ބަލާއިރު، ވާދަޔަށް ނުކުތީ އެމްޑީޕީއާއި ޑީއާރުޕީއެވެ. ނަމަވެސް ފެނިގެން ދިޔައީ ކުރީގައިވެސް ކެމްޕެއިންކުރުމުގައި ކުޅުދުއްފުށީ ޑީއާރުޕީ ގޮފި ހެދި ގޯސްތައް ތަކުރާރުކުރި މަންޒަރެވެ. ކުޅުދުއްފުށީ ޑީއާރްޕީ ގޮފީގެ ‘ވިޔަފާރި މަރުކާއެއް’ ކަމަށް މިހާރުވެފައިވާ ، ‘ވަރިހަމަ އުސޫލް’ގައި ހިފައިގެން ފަހަތުގައި ރަނގަޅު ޓީމެއްނެތި ޑީއާރުޕީގެ ކެންޑިޑޭޓް ނުކުތީއެވެ.

ހަގީގަތުގައި ދުރާލައި ރޭވިގެން ޓީމް މަސައްކަތެއްގެ ގޮތުގައި ނުކުތްނަމަ، މި ބައި އިލެކްޝަންގައި އެމްޑީޕީ ބަލިކުރެވުނީހެވެ. ސަބަބަކީ، އެމްޑީޕީއާއި އިދިކޮޅު ހުރިހާ ފަރާތްތައް ޑީއާރުޕީގެ ކެންޑިޑޭޓްގެ ފަހަތަށް ގެނެވުމުގެ ފުރުސަތު މިފަހަރު އޮތީމައެވެ. ޢަދާލަތާއި ޕީއޭ އާއި އަދި ވެސް އެހެނިހެން ޕާޓީތަކަށް ތާއީދުކުރާ މީހުންނާއި، ވަކި ޕާޓީއަކަށް ތާއީދުނުކުރާ މީހުންގެ ހިތް ފަސޭހަކަމައެކު ޑީއާރުޕީއަށް ފަތަހަ ނުކުރެވުނީ ނެގިމަޑުވެފައި ފަރުވާ ކުޑަވީމައެވެ. ރޭވުންތެރިކަމެއް ނެތީމައެވެ. ޕާޓީގެ ފަރާތުން ކެންޑިޑޭޓް ގިނިކަންޏާ ދޫކޮށްލީމައެވެ.

ތަކެތީގެ އަގުބޮޑުވުމާއި ސަރުކާރުގެ ވަޢުދުތަކާއިމެދު މާޔޫސްވެފައި ރައްޔިތުން ތިބި ދަނޑިވަޅުގެ ފައިދާނަގައިގެން ހީވާގިކަމާއެކު ހަރަކާތްތެރިވެ، ވޯޓް ހޯދަން ނުވިސްނުމުގެ ނަތީޖާ އަކަށްވީ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް ހުރިހާ ވޯޓްތައް ކަހާލުމެވެ. މަހެއްހާ ދުވަސް ކުރިން ޕްލޭންކޮށް، ދަތިތަކާއި ގޮންޖެހުންތައް ހުރިކަން ދެނެގަނެ، ހަރަކާތްތެރި ޒުވާން އެކްޓިވިސްޓުން ފަހަތަށް ޖަމާކޮށްލުމުގެ ނަތީޖާ އެމްޑީޕީގެ ކެންޑިޑޭޓަށް ފެނުނީ އާދަޔާޚިލާފް ފޮނިކޮށެވެ.

ކުރުކޮށް ދަންނަވާނަމަ، ބައި އިލެކްޝަނަށް ބަލާއިރު ޑީއާރުޕީގެ ކެންޑިޑޭޓް ވުޖޫދުގައި ނުވެސް ނެތެވެ. މުޅި ރަށުން ފެނުނީ އެމްޑީޕީގެ ކުލަޔާއި ބެނާރ ތަކެވެ. އެކްޓިވިސްޓުންގެ ހަރަކާތެވެ. އަނެއްކާވެސް ބުނަންޖެހެނީ ޑީއާރުޕީގެ ކެންޑިޑޭޓަށް ޕާޓީ ގޮފީގެ މެންބަރުންގެ ފަރާތުންނާއި މާލޭގައި ހުންނަ ޕާޓީ ސެކްރެޓޭރިއޭޓުން މާބޮޑު ސަމާލުމެއް ނުދިންވާހަކައެވެ. ފަހަރެއްގައި ޑީއާރުޕީއަށް ކުޅުދުއްފުށި އެއީ މުހިންމު ދާއިރާއަކަށް އަދިވެސް ނުވަނީ ކަންނޭނގެއެވެ. ފަހަރެއްގައި ޑީއާރުޕީ އޮންނާނީ ކުޅުދުއްފުށީގައި އަބަދުވެސް ބޮޑު ވަރިހަމައިގައި ކަންނޭނގެއެވެ. އެހެން ކަމަށްވާނަމަ ރަށަށް އެލިބެނީ ގެއްލުމެކެވެ.

ޝައްކެއްވެސް ނެތްގޮތުގައި މިރަށަށް ހަރަކާތްތެރި އިދިކޮޅު ބާރެއް އެބަ ބޭނުންވެއެވެ. ފެންނަ ފެނުމަށް އެބާރަކީ އަދި ޑީއާރުޕީއެއް ނޫނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355