މުޙައްމަދު އާދަމް
ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލުގެ ދިވެހި ކްލަބާ ގުޅިގެން ކުރުވާހަކަ ލިޔުމުގެ މުބާރާތެއް ބާއްވާގޮތައް ހަމަޖައްސައިފިއެވެ.
ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިމަހުގެ 25 ގައި ބާއްވާގޮތަށް ހަމަޖެހިފައިވާ މިމުބާރާތާ ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިންގެ އެގްޒެކެޓިވް އެޑިޓަރ މުހައްމަދު އިސްމާއީލް ވިދާޅުވީ، ޖަލާލުއްދީން ސްކޫލުގެ ދިވެހި ކްލަބާ ގުޅިގެން ބާއްވާ މި މުބާރާތަކީ ދިވެހި ބަސް ކުރިއަރުވާ ވާހަކަ ލިޔުމުގެ ފަންނު ކުދިންގެ ކިބައިގައި އަށަގެންނެވުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މިމުބާރާތުން އެންމެ މޮޅު ތިން ވާހަކަ ހޮވައި އެކުދިންނަށް އަގުހުރި އިނާމެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
ޖޫން މަހުގެ 25 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2 ބަޔަކަށް ބަހާލައިގެން ކަމަށާއި މުބާރާތުން ހޮވޭ އެންމެ މޮޅު 10 ވާހަކަ ކުޅުދުއްފުށީ އޮންލައިންގައި ޝާއިއު ކުރާނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
“މުބާރާތް މި ބާއްވަނީ ދެބަޔަކަށް ބަހާލައިގެން. އެއީ ގްރޭޑް 8 އަދި 9 ވަކިން. ދެން ގްރޭޑް 10، 11، 12 ވަކިން. މުބާރާތުގައި އެންމެ މޮޅު ތިން ވާހަކައެއް ހޮވައި އެވާހަކަތައް ލިޔުނުކުދިންނަށް ރަނގަޅު އަގުހުރި އިނާމަކާއި ހަނދާނީ ލިޔުމެއް ދޭގޮތަށް ހަމަޖެހިފަ އޮތީ. އޭގެ އިތުރުން އެންމެ މޮޅު 10 ވާހަކަ ހޮވައި މިނޫސް މެދުވެރިކޮށް ކިޔުންތެރިންނަށް އެ 10 ވާހަކަ ގެނެސްދޭނަން” ކުޅުދުއްފުށީ އޮންލައިންގެ އެގްޒެކެޓިވް އެޑިޓަރ މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ.
ކުރު ވާހަކަ ލިޔުމުގެ މުބާރާތް ބޭއްވުމަށްޓަކައި ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލުގެ މެނޭޖްމަންޓުން އެއްބަސްވުމަކަށް އައިސް މުބާރާތުގެ ގަވާއިދު މިހާރު ވަނީ އެކުލަވާލާފައެވެ. އެގޮތުން މުބާރާތުގައި ވާހަކަ ލިޔަން ޖެހޭނީ ހަވާލުކުރެވޭ ފެށުންތަކެއްގެ ތެރެއިން ކޮންމެވެސް އެއް ފެށުމަކަށް، ނުވަތަ ހަވާލުކުރެވޭ ނަންތަކެއްގެ ތެރެއިން ކޮންމެވެސް އެއްނަމަކަށް ، އޭ ފޯ ސައިޒްގެ 2 ޞަފްހާއަށްވުރެ ކުރުނޫން އަދި 3 ޞަފްހާއަށްވުރެ ދިގުނޫން މިންވަރަކަށެވެ.
އޭގެ އިތުރުން މުބާރާތުގައި ލިޔާ ވާހަކަތަކުން ވަނަ ހޮވުމުގައި ބަލާނެ ކަންތައްތަކަކީ، ހާދިސާ، އިބާރާތްކުރުން، ކިޔައިދިނުން، ބަސްކޮށާރު ނުވަތަ ބަހުރުވަ، ސިފަކުރުން އަދި ބަހުގެ ގަވާއިދާއި ހަމަތަކަށެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުން މިމަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނަން ނޯޓުކުރުމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން އެދެއެވެ. ނަން ނޯޓު ކުރުން ކުރިއަށް ދަނީ ޖަލާލުއްދީން ސްކޫލުގެ ދިވެހި ޓީޗަރުންނާއި އެސްކޫލުގެ ދިވެހި ކްލަބް މެދުވެރިކޮށެވެ.