ކުޅުދުއްފުއްޓަށް އަލަށް ފޮނުވި ސްވިމިންގ ޓްރެކް އަޅާނީ ބޯޒިޔާރާތް ބީޗް ތަރައްގީކުރުމަށްފަހު އެ ސަރަހައްދުގައި ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
ދެވަނަ ސްވިމިންގ ޓްރެކްއެއް އެޅުމަށް ބޭނުންވާ ސާމާނު ހޯމަ ދުވަހު ކުޅުދުއްފުއްޓަށް ވަނީ ލިބިފަ އެވެ.
މިކަމާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ، މި ޓްރެކް ރާވައި، ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލުން މިއަހަރު ކުރިއަށްގެންދިއުމަށް ރާވާފައިވާ ބޯޒިޔާރަތް ބީޗް ތަރައްގީކުރުމުގެ މަޝްރޫއަށްފަހު، އެސަރަހައްދު މޫދުގަ ކަމަށެވެ.
ކައުންސިލުން ބުނީ، ފާއިތުވި ދެ އަހަރު ސްވިމިންގ އެސޯސިއޭޝަންއާއި ސިޓީ ކަންސިލް ގުޅިގެން އިންޓަ ސްކޫލް ފެތުމުގެ މުބާރާތް ކުޅުދުއްފުށި ސިޓީގައި ކާމިޔާބުކަމާއެކު ބާއްވާ، މުބާރާތާއި ގުޅިގެން ކުރެވުނު މަޝްވަރާތަކާއެކު، ސިޓީ ކައުންސިލުން އެދުނު ގޮތަށް ސްވިމިން އެސޯސިއޭޝަނުން ކުޅުދުއްފުއްޓަށް ސްވިމިން ޓްރެކެއް ފޯރުކޮށްދެއްވާފައިވާތީ އެ ސޯސިއޭޝަން އާއި މިނިސްޓްރީއަށް ޝުކުރު އަދާކުރާ ކަމަށެވެ.
ދެވަނަ ސްވިމިންގ ޓްރެކް ކުޅުދުއްފުއްޓަށް ގެނައުމާ ގުޅިގެން ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ނަވާޒް އައްސަދު ސޯޝަލް މީޑިއާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ލިބުނު ޓްރެކް ސިޓީ ކައުންސިލާ ހަވާލުކުރެވިފައިވާ ކަމަށާއި މިކަން ވުޖޫދަށް ގެނައުމުގައި އެހީތެރިކަން ދެއްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާއަށާއި، މިނިސްޓަރަށާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިއީ ކުޅުދުއްފުށީގައި ކުޅިވަރާއި ދުޅަހެޔޮކަން ކުރިއެރުވުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށާއި އަދި މިކަމުގެ ސަބަބުން މިދާއިރާއިން އިތުރަށް ކުރިއެރުން ލިބޭނެކަމާމެދު ޝައްކެއްނުކުރާ ކަމަށެވެ.
ކުޅުދުއްފުއްޓަށް ދެވަނަ ސްވިމިންގ ޓްރެކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބުދުﷲ ރާފިއު ހާމަކުރެއްވީ، ތިލަދުންމަތީ ސްކޫލްތަކުގެ ފެތުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގަ އެވެ.