"ޖޮއިން ދަ ހީރޯސް"ގެ ނަމުގައި ލޭ ހަދިޔާ ކުރުމުގެ ޤައުމީ ކެންޕެއިން ފަށައިފިއެވެ.
"ޖޮއިން ދަ ހީރޯސް"ގެ ނަމުގައި ކުރިއަށްގެންދާ ލޭ ހަދިޔާކުރުމުގެ ޤައުމީ ކެންޕެއިނަކީ މޯލްޑިވިއަން ބްލަޑް ސަރވިސަސްއާއި ލޭ އެޕް ގުޅިގެން ކުރިއަށްގެންދާ ކެންޕެއިނެކެވެ. މިކެންޕެއިން ފަށްޓަވައިދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.
ކެންޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ތެލެސީމިއާ ހުންނަ މީހުންނަށް އަޅާލުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި ލޭ ބޭނުންވާ މީހުންނަށް އެކަށީގެންވާ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއްކަމަށެވެ. އެހެންކަމުން ލޭ ހަދިޔާކުރުމަށާއި ރައްކާތެރިކަމާއެކު ލޭ ރައްކާކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ލޭ އެޕް މެދުވެރިކޮށް ލޭ ހަދިޔާކުރުމަށް މިފެށި ކެންޕެއިންގެ ސަބަބުން މުޅި ރާއްޖޭގައި މިކަމަށް ހޭލުންތެރިކަން އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
The National Blood Donation Campaign was officially launched by the Minister of Health, Mr. Abdullah Nazim Ibrahim. He urged everyone to be ready to say "yes" to blood donations, which will benefit children with thalassemia and others in health emergencies. pic.twitter.com/gK0opM99AW
— Maldivian Blood Services (@MBS_mv) January 31, 2025
"ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެމްބީއެސްއަށް މީހުން އިސްވެ ލޭ ހަދިޔާކުރަނީ 35 އިންސައްތަ. އަމާޒަކީ މި ދެންނެވި އިންސައްތަ އިތުރުކުރުން. މިހާތަނަށް ކުރެވުނު މަސައްކަތުން 2023 އާއި 2024އާ ބަލާއިރު ލޭ ހަދިޔާކުރާ މިންވަރު 33 އިންސައްތަ ވަނީ އިތުރުވެފައި. މިވަރުން ފުއްދާލެވޭކަށް ނެތް. ޢާއިލާތަކާ ވާހަކަދައްކާއިރު އަދިވެސް ލޭ ލިބުމުގައި ދަތިތައް ހުރިކަން އެބޭފުޅުން ފާހަގަކުރައްވާ." ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.
"ޖޮއިން ދަ ހީރޯސް"ގެ ނަމުގައި ކުރިއަށްގެންދާ ލޭ ހަދިޔާކުރުމުގެ ޤައުމީ ކެންޕެއިންގެ މަޤުޞަދަކީ މުޅި ރާއްޖޭގައި އިސްވެ ލޭ ހަދިޔާކުރުމަށް ހޭލުންތެރިކަން އިތުރުކުރުންކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރެވޭނެ މަގެއް ފަހިކުރުމަކީވެސް ކެންޕެއިންގެ މަޤުޞަދެއްކަމަށް އެ ވުޒުރާއިން ވިދާޅުވެއެވެ. މި ކެންޕެއިން ނިންމާލުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހަށެވެ. އެއީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހެވެ.