twitterviber whatsapp telegramfacebookyoutube instagram
6th February 2025

ޣައްޒާގެ ބިމަކީ ފަލަސްތީނު ރައްޔިތުންގެ މިލްކެއް: ރައީސް

Feb 6, 2025

ޣައްޒާގެ ބިމަކީ ފަލަސްތީނުގެ ރައްޔިތުންގެ މިލްކެއް ކަމަށާއި، ޣައްޒާ އިން ރައްޔިތުން ބޭލުމަށް އެއްްވެސް ފަރާތުން ކުރާ އެއްވެސް ކަމަކަށް ރާއްޖެއިން ދުވަހުކުވެސް ތާއިދު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅެމުން އަންނަ ދެ މިލިއަން ރައްޔިތުން އެ ބިމުން ބާލުވައި އެ ތަން ވެރިކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވާހަކަ ދައްކާފައެވެ.

ޓްރަމްޕް ބުނީ ޣައްޒާއާ އަވަށްޓެރި ގައުމުތައް ކަމަށްވާ މިސްރާއި އުރުދުން އިން ޣައްޒާގެ ރައްޔިތުން އެ ގައުމުތަކަށް ގެންދާ ތަން ދެކެން ބޭނުންވާ ކަމަށެވެ. ޣައްޒާގެ ރައްޔިތުން އެ ބިމުން ފައިބަން އެ ރައްޔިތުން ވެސް ބޭނުންވެފައި ތިބި ކަމަށާއި އެމީހުން ވެސް އެކަމާ އުފާކުރާނެ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

ޓްރަމްޕް ބުނި ގޮތުގައި އިސްރާއީލްގެ ވައިގެ ހަމަލާތައް "މާދަމާ ވެސް ފެށިދާނެ"އެވެ. އަދި ޣައްޒާއަކީ "ތަޅާލަން ޖެހިފައިވާ ސައިޓެއް" ކަމަށް ވެސް އޭނާ ސިފަކުރިއެވެ. އެކަމަކު، ޓްރަމްޕް ބުނީ ޣައްޒާގައި އިސްރާއީލްގެ ރައްޔިތުން ވަޒަންވެރި ކުރުމަށް ތާއީދު ނުކުރާ ކަމަށެވެ. އެއީ ކޯލިޝަން ޕާޓީތަކުން އެދޭ ގޮތް ކަމަށް އޭނާ ބުންޏެވެ.

މި ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ މުސްލިމް ގައުމުތަކާއި ހުޅަނގުގެ ބައެއް ގައުމުތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން އެ މަނިކުފާނު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ ކަމަކަށް ރާއްޖޭން ދުވަހަކު ވެސް ތާއިދުނުކުރާނެ ކަމަށެވެ.

އެގޮތުން، ރާއްޖޭން އަބަދު ވެސް މަސައްކަތް ކުރާނީ ފަލަސްތީނުގެ ވަކި ދައުލަތެއް އުފެއްދުމަށް ކަމަށާއި އެކަން ކާމިޔާބު ކުރުމަށް އެގައުމުން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދިވެހި ސަރުކާރުން އަބަދު ވެސް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފަލަސްތީނު ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި، އދ.އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން އިސްރާއިލުން އުފުލަން ޖެހޭ ޒިންމާތަކާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަށް އެދި، މިދިޔަ ޑިސެމްބަރު 19ގައި އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރު ރާއްޖޭން ކޯ ސްޕޮންސާ ކޮށްފައިވާކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

"ޣައްޒާގެ ބިމަކީ ފަލަސްތީނުގެ ރައްޔިތުންގެ މިލްކެއް. ޣައްޒާއިން ފަލަސްތީނު ރައްޔިތުން ބޭލުމަށް ކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖޭން ދުވަހަކު ވެސް ތާއިދުނުކުރާނެ. އަޅުގަނޑުމެން އަބަދު ވެސް ވާކާލާތު ކުރާނީ 1967ގެ ކުރީގެ ބޯޑަރުތަކަށް ތަބާވެ، އިރުމަތީ ޖެރޫސުލަމްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ގަބޫލުކޮށް، ފަލަސްތީނުގެ ވަކި ދައުލަތެއް އުފެއްދުމަށް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހިންގަމުން އައި ގަތުލްއާންމު މިހާރު އޮތީ މެދުކަނޑާލާފައެވެ. މާރިޗު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހަމާސާ އެކު ހަދައިފައިވާ އެއްބަސްވުމެއްގެ ދަށުން އިސްރާއީލުގެ 33 އަސީރުން ދޫކޮށްލަން އެއްބަސްވެފައިވާއިރު، ފަލަސްތީނުގެ 2،000 މީހުން މިނިވަންކުރަން އިސްރާއީލުން ވަނީ އެއްބަސްވެފައެވެ.

އޭގެތެރެއިން، މިދިޔަ ހޮނިހިރު ދުވަހު ވަނީ އިސްރާއީލުގެ ޖަލުތަކުގައިތިބި ފަލަސްތީނުގެ 183 ގައިދީން މިނިވަން ކުރުމަށް ނިންމައިފައެވެ. އިންގްލިޝް އަރަބިޔާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއްބަސްވުމުގެ ދަށުން އިސްރާއީލުން ގިނައިން މިނިވަންކޮށްފައި ވަނީ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355