އެސްޓީއޯއިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މައުލޫމާތު ވަގުތުން ބެލޭނެގޮތަށް، ޑޮކްޓަރުންނަށް ހާއްސަކޮށްގެން އޮންލައިން ޕްލެޓްފޯމެއް ގާއިމްކުރުމަށް ނިންމައިފިއެވެ.
މިގޮތަށް ނިންމީ ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން އެސްޓީއޯ އާއި، މޯލްޑިވްސް ޑޮކްޓާސް ޔޫނިއަން އާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
މި މަޝްވަރާ ބައްދަލުވުން ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާމެދު ހުރިހާ ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، އެކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާއެކު ބޭސް ލިބޭނެ ނިޒާމެއް ޤާއިމުކުރުންކަމަށް މިމަޝްވަރާ ބައްދަލުވުމުގެ ބައިވެރިންގެ ފަރާތުން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓްގައިވެއެވެ.
މިބައްދަލުވުމުގައިވަނީ ބޭހާ ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ބައެއްކަންކަން ކުރުމަށް ނިންމާފައެވެ. އެގޮތުން އެސްޓީއޯއާއި، އާސަންދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭ، މޯލްޑިވްސް ޑޮކްޓާސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ހިމެނޭގޮތަށް ހުރިހާ މުއައްސަސާއެއް ބައިވެރިވާ ޖޮއިންޓް ކޮމިޓީއެއް އުފެއްދުމަށް ވަނީ ނިންމާފައެވެ. މި ކޮމިޓީގެ ސަބަބުން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށްވެސް ދިމާވާ ދަތިތަކާމެދު މަޝްވަރާކޮށް، އެކަށީގެންވާ ރަނގަޅު މަޢުލޫމާތުގެ އަލީގައި އަވަސް ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެކަމަށް މިބަޔާނުގައިވެއެވެ.
މީގެއިތުރުން، އެސްޓީއޯއިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މައުލޫމާތު ވަގުތުން ބެލޭނެގޮތަށް، ޑޮކްޓަރުންނަށް ހާއްސަކޮށްގެން އޮންލައިން ޕްލެޓްފޯމެއް ގާއިމްކުރުމަށްވެސްވަނީ ނިންމާފައެވެ.
އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރައްވާނެކަމަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުގައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އާސަންދަ މެދުވެރިކޮށް ބަޔަކު ނާޖައިޒު މަންފާ ނަގަމުންދިޔަކަން ހާމަވެފައިވާކަމަށާއި އެކަން ހުއްޓުވުމަށް މިދިޔަ އަހަރު ފިޔަވަޅުތަކެއް އެޅުއްވިކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް ބަލްކް ޕްރޮކިއުމަންޓް އުސޫލުން ބޭސް އެތެރެކުރުމުގެ މަސައްކަތް ފައްޓަވާ ބޭސް އެތެރެކުރުމުގެ ޒަމާންވީ ނަހަމަ ވިޔަފާރިއާއި ނިޒާމީ އިސްރާފު ހުއްޓުވުމަށް 250 ބޭހެއްގެ އަގު ކޮންޓްރޯލްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއާއެކު ބައެއް ފަރާތްތަކުން ކަންކުރަން ފެށިގޮތުން ޢާއްމު ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާން ފެށިކަން އެމަނިކުފާނުވަނީ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާކަމަށާއި، އެކަމުގައި ކުރިއަށް ފިޔަވަޅު އަޅުއްވަމުންގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަހަރު ތެރޭގައި މިފިޔަވަޅުތައް ވަރުގަދަކުރައްވާނެކަމަށެވެ. ހަމައެއާއެކު އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާވަނީ އަރުއްވާފައެވެ.