ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ (ޕީ.އައި.އެލް.ސީ.)އިން އިންތިޒާމުކޮށްގެން ކުޅުދުއްފުށީގައި ދިރިއުޅެމުންދާ ރައްޔިތުންނަށާއި ބިދޭސީ މަސައްކަތްތެރިންނަށް ހިލޭ ޤާނޫނީ އެހީ ފޯރުކޮށްދިނުމަށާއި ޤާނޫނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުގެ ގޮތުން ފެބްރުއަރީ 21 އިން 22 އަށް މޯބައިލް ލީގަލް އެއިޑް ޕްރޮގްރާމެއް ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިއްޖެއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޕީ.އައި.އެލް.ސީ.ގެ ނައިބު ރައީސް އަލް އުސްތާޛު އަބްދުالله ނާހިދު ވިދާޅުވި ގޮތުގައި މި ހަފުތާ ބަންދުގައި ކުޅުދުއްފުށީގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ޕްރޮގްރާމުގައި ދެ ބައެއް އޮންނާނެއެވެ. އެގޮތުން ހުކުރު ދުވަހުގެ ހަވީރު 04:00 އިން 06:00 އަށް ކުޅުދުއްފުށީ ރަށްމަތި ފަންނުގައި ލީގަލް އެއިޑް ކްލިނިކެއް ކުރިއަށް ގެންދާއިރު މި ކްލިނިކުން މަދަނީ މައްސަލަތަކާ ގުޅޭގޮތުން ހިލޭ ޤާނޫނީ ލަފާ ދިނުމާއި ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ޚިދުމަތް ލިބޭނެއެވެ.
މީގެ އިތުރުން ކުޅުދުއްފުށީގައި ހިންގަމުންދާ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން ޤާނޫނުތަކަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންގައި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު، ކޯޓުތަކަށް މައްސަލަ ހުށަހެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން، އެއްބަސްވުންތައް އެކުލަވާލުމާއި އުވާލުމުގެ އިޖުރާޢަތްތައް، ޤަވާޢިދުތައް އެކުލަވާލުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން، ވަޒީފާއާ ބެހޭ ޤާނޫނު، ބިމާ ބެހޭ ޤާނޫނު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދު، މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ފަދަ މުހިއްމު ޤާނޫނުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ.
“އެެއްވެސް ފަރާތަކުން ޤާނޫނީ މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ ލީގަލް އެއިޑް ކްލިނިކަށް ވަޑައިގަތުމުން ހިލޭ ޤާނޫނީ ލަފާ ލިބިގެންދާނެ. މީގެ އިތުރުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް ބާއްވާ ޤާނޫނަށް ހޭލުންތެރިކުރުމުގެ ސެޝަންގައި ކައުންސިލާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސަައްކަތަށް ބޭނުންވާ ޤާނޫނީ މުހިންމު މައުލޫމާތު ފޯރުކޮަށްދެވިގެންދާނެ. މިފުރުޞަތުގެ ބޭނުން ހިފާ ބޭނުންވާ ޤާނޫނީ ލަފާ ހޯއްދަވާ”- ޕީއައިއެލްސީގެ ނައިބު ރައީސް އަލްއުސްތާޛު އަބްދުالله ނާހިދު
ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރަކީ މުޖްތަމަޢުގެ އާންމު މަސްލަހަތަށް ގެއްލުންވާ ކަންކަމާއި އިންސާނީ ޙައްޤުތަކަށް ގެއްލުން ލިބޭ ކަންކަން ދެނެގަނެ އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރުމާއި މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ޤާނޫނީ ކަންކަމާއި މުޖުތަމަޢުގެ އާންމުންގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރަމުންދާ ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާއިން މިފަދަ ލީގަލް އެއިޑް ޕްރޮގްރާމެއް 2023 އޮކްޓޯބަރ 13 އިން 14 އަށް ވެސް ކުޅުދުއްފުށީގައި ވަނީ ހިންގާފައެވެ.