ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ނިންމާފައިވާ ހައުސިން މަޝްރޫއު ކުރިއަށްގެންދާނީ، ގެއަޅަން ބޭނުންވާ މީހުންގެ ގޯތީގައި ގެ އަޅައިދިނުމަށް އިސްކަންދެއްވައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ގެދޮރުވެރިކަމަކީ އެންމެ މުހިންމު މަޝްރޫއު ކަމަށާއި މީދޫގައި އެޅުމަށް ނިންމާފައިވާ 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްކުރިއަށްދާއިރު، ރައްޔިތުން ބޭނުންވާނަމަ ރައްޔިތުންގެ ގޯތީގައި ގެ އަޅާނދޭނެކަމަށެވެ.
"މި ޕްރޮޖެކްޓުގައި މިއަޅަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެއް. އޭގެ ބައެއް ކަނޑައެޅިދާނޭ ރައްޔިތުން ބޭނުންވާނަމަ ބޭނުންވާ ރައްޔިތުންގެ ގޯތީގައި 3 ކޮޓަރީގެ ގެއެއް އަޅާދެވިދާނޭ. އެމީހާގެ އަމިއްލަ ގޯތީގައި އެގެ ގާއިމްކުރެވޭނީ. އެގޮތަށް ކަނޑައަޅާ ނިމުނީމަ މި ޕްރޮޖެކްޓުގެ ދަށުން ހައުސިން މަޝްރޫއު ކުރިއަށްގެންދާނީ މަޝްރޫއު ކުރިއަށްގެންދާ ސަރަހައްދުގައި". ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ މުއިއްޒު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 12 ހާހަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށް ވައުދުވެވަޑައިގެންފައެވެ. އެވައުދު ފުއްދެވުމަށް ހުރިހާ ހައުސިން މަޝްރޫއެއް ކުރިއަށްގެންދިއުމަށް ބަޔަކު ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. އެގޮތުން 57 ރަށެއްގައި ހައުސިން ޔުނިޓް އެޅުމަށް ވަނީ ބަޔަކު ހޯދުމަށް އިއުލާންކޮށްފައެވެ.
ރައީސް ވިދާޅުވީ، ކޮންމެ ރަށެއްގައި ރަމަޟާން މަސް ނިމުމުގެ ކުރިން އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅަންބޭނުންވާނަމަ އެކަން ސަރުކާރަށް އެންގުމަށް އެދިވަޑައިގެންފައެވެ. އެގޮތަށް އެދޭ ކޮންމެ މީހެއްގެ ގޯތީގައި ގެއަޅާދިނުމަށް އިސްކަންދެއްވާނެކަމަށާއި، އެއަށްފަހު ވަކި ހައުސިން ޔުނިޓްތައް އަޅާނީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސަރަހައްދުގައިކަމަށެވެ.
ރައީސްގެ ވަޢުދު ފުއްދެވުމަށް ބީލަމަށް ހުޅުވާލާފައިވަނީ 4 ކެޓަގަރީއެއްގެ ހައުސިން މަޝްރޫއުތަކެވެ. އެގޮތުން 50 ހައުސިން ޔުނިޓަށްވުރެ މަދުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގައި އެމަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ހުށައެޅޭނީ ރާއްޖޭގެ ކޮންޓްރެކްޓަރުންނަށެވެ. އަދި 51 ހައުސިން ޔުނިޓާއި 150 ހައުސިން ޔުނިޓް އަދި 200-250 އާ ދެމެދުގެ ހައުސިން ޔުނިޓްތަކާއި، 300 އަށްވުރެ ގިނަ ހައުސިން ޔުނިޓް ތަރައްގީކުރުމަށް ރާއްޖެއާއި ބޭރުގެ ކޮންޓްރެކްޓަރުންނަށް ހުށަހެޅޭނެކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ރަށްރަށުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން 50 އަށްވުރެ މަދުން ހައުސިން ޔުނިޓްތައް އަޅަނީ 18 ރަށެއްގައެވެ. އަދި 51 އާއި 150 ދެމެދުގެ އަދަދަކަށް ހައުސިން ޔުނިޓްތައް ތަރައްގީކުރަނީ 17 ރަށެއްގައެވެ. އަދި 200-250 އާ ދެމެދުގެ އަދަދަކަށް ހައުސިން ޔުނިޓްތައް ތަރައްގީކުރަނީ 10 ރަށުގައެވެ. އަދި 300 އަށްވުރެ ގިނައިން ހައުސިން ޔުނިޓްތައް ތަރައްގީކުރަނީ 12 ރަށެއްގައެވެ.