twitterviber whatsapp telegramfacebookyoutube instagram
27th February 2025

ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް މިއަހަރު ކުޅުދުއްފުށީގައި ބޭއްވޭނެކަމުގެ ފެހި ސިގްނަލް ވަނީ ލިބިފަ: މޭޔަރު

އަބްދުލް ވާހިދު ޙަސަން
Feb 27, 2025

ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް މިއަހަރު ކުޅުދުއްފުށީގައި ބޭއްވޭނެކަމުގެ ފެހި ސިގްނަލް ކަމާ ގުޅުން ހުރި ފަރާތްތަކުން ދީފައިވާކަމުގައި މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މުޅިން އަލަށް މާލެ ސަރަހައްދުން ބޭރުގައި ގައުމީ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުޅުދުއްފުށީގައި ސިޓީ ކައުންސިލާއި ހޭޑްބޯލް އެސޯސިއޭޝަންއާ ގުޅިގެން ފެށިގެން ކުރިއަށްދާއިރު އެ ޓީމުގައި ގިނައިން އަދަދަކަށް ކުޅުދުއްފުށީ ކުޅުންތެރިން ތިބިކަން މޭޔަރު އާތިފް އުފަލާއެކު ފާހަގަކުރެއްވި އެވެ.

ސިޓީ ކައުންސިލާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ކުޅުދުއްފުށީގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަނީ "ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެލެންޖް 2025" އެވެ

އަންގާރަދުވަހު ރޭ ބޭއްވި ރައްޔިތު ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް މިއަހަރު ބޭއްވޭނެކަމަށެވެ. އަދި އެކަމުގެ ފެހި ސިގްނަލް ހޭންޑްބޯލް އެސޯސިއޭޝަން އާއި އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަންގެ ސެކެރެޓަރީ ޖެނެރަލް ދެއްވާފައިވާ ކަމަށެވެ.

"އިންޓަނޭޝަނަލް ބީޗް ހޭންޑްބޯލް މުބާރާތެއް ކުޅުދުއްފުށީގައި ބޭއްވުމަށް އަޅުގަނޑުމެން މަސައްކަތް އެބަކުރަން. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް އިރާދަކުރެއްވިއްޔާ މިއަހަރު ކުޅުދުއްފުށީގައި ބޭއްވޭނެ. އަޅުގަނޑުމެންނަށް އެސޯސިއޭޝަނުންވެސް އަދި އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަންގެ ސެކެރެޓަރީ ޖެނެރަލްވެސް މިހާރުވަނީ އެކަމުގެ ފެހިސިގްނަލް ދެއްވާފަ." މޭޔަރު ވިދާޅުވި އެވެ.

މި މުބާރާތް ކުޅުދުއްފުށީގައި ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީއާއި ހޭންބޯލް މޯލްޑިވްސްގެ ރައީސް މިދިޔަ ބުރާސްފަތިދުވަހު ވަނީ ކުޅުދުއްފުއްޓަށް ޒިޔާރަތްކުރެއްވި އެވެ.

ކުޅުދުއްފުއްޓަށް ބީޗް ހޭންޑްބޯލް ތައާރަފްކޮށް އެ ކުޅިވަރު ތަރައްގީކުރަން އެންމެ ބޮޑަށް މަސައްކަތްކޮށްފައިވަނީ ޑަބުލިއު ސްޕޯޓްސް އެކަޑަމީ އިން ކަން ފާހަގަކޮށްލެވެ އެވެ.

އިންޓަ ސްކޫލް ސްވިމިން މުބާރާތާއި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް ހޯސްޓްކުރުމަށް ފްރޮޕޯސަލް ހުށަހައިފި

މި ބައްދަލުވުމުގައި ވޭތުވެދިޔަ އަހަރު ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ސިޓީ ކައުންސިލުން ކުރި މަސައްކަތްތައްވެސް މޭޔަރު ފާހަގަކުރެއްވި އެވެ. އެގޮތުން ދެ ވޮލީކޯޓް ތަރައްގީކުރުމާއި އަންހެނުން ކޮމެޓީ ގުޅިގެން ނެޓްބޯޅަ ކޯޓް ތަރައްގީކުރުން ހިމެނެ އެވެ. އަދި ބިލިއާޑް ރޫމަކާއި ޓޭބަލް ޓެނިސް ރޫމެއްގެ ހިދުމަތްވެސް ލިބޭނެކަމުގައި މޭޔަރު ވިދާޅުވި އެވެ.

މިއަހަރުވެސް އިންޓަ ސްކޫލް ސްވިމިން ކޮމްޕެޓިޝަން ބޭއްވުމަށް ޕްރޮޕޯޝަން ހުށަހަޅާފައިވާއިރު ވޭތުވެދިޔަ ދެ އަހަރުވެސް އެ މުބާރާތް ބޭއްވި ކުޅުދުއްފުށީގަ އެވެ. އަދި މީގެ އިތުރުން އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް ހޯސްޓްކުރުމަށްވެސް ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށް މޭޔަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355