twitterviber whatsapp telegramfacebookyoutube instagram
21st March 2025

ކުޅުދުއްފުށީ ޓުއަރިޒަމް އެޑްވައިޒަރީ ބޯޑެއް އެކުލަވާލަން ނިންމާ ކުރިމަތިލުމަށް ހުޅުވާލައިފި

އަބްދުލް ވާހިދު ޙަސަން
Mar 20, 2025

ކުޅުދުއްފުށި ސިޓީގައި ފަތުރުވެރިކަން ތަރައްގީކުރުމާއި، ބެލެހެއްޓުމާއި، މާކެޓްކުރުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކާ ޓުއަރިޒަމް އެޑްވައިޒަރީ ބޯޑެއް އެކުލަވާލުމަށް ނިންމާ، ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ސޯޝަލް މީޑިއާގައި މޭޔަރު މުހައްމަދު އާތިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބޯޑު އެކުލަވާލި މައިގަނޑު މަގުސަދަކީ، ސިޓީ ކައުންސިލުން ހިންގާ މަޝްރޫއުތަކާއި ހަރަކާތްތަކުގައި މިހާރަށްވުރެވެސް ބޮޑަށް މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ހާއްސަ ކަންކަމުގައި އެދާއިރާތަކުގެ މަސްލަހަތުވެރިންނާއި، ފަންނީ ފަރާތްތަކާއި އެދާއިރާތަކުގެ އިލްމާ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަސް ސިޔާސަތު ކަނޑައެޅުމުގައި ހޯދުން ކަމަށެވެ.

އަދި މިއީ މި އުސޫލުގެ ދަށުން އެންމެ ފުރަތަމަ އުފައްދާ ބޯޑަކަށް ޓުއަރިޒަމް އެޑްވައިޒަރީ ބޯޑް ކަނޑައަޅާފައި މިވަނީ، މިއަހަރުގެ ކައުންސިލްގެ މަސައްކަތުތާވަލުގައި ލޯކަލް ޓުއަރިޒަމްގެ ސިނާއަތް ކުޅުދުއްފުއްޓަށް ގެނައުމަށް ރަށު ފެންވަރުގައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޝަނަށް އަންނަންވާއިރަށް ކުޅުދުއްފުށި އެކަމަށް ތައްޔާރުވެ، ރަށުގެ ރައްޔިތުންނަށް މި ސިނާއަތުގެ މަންފާ ލިބޭނޭގޮތްތައް ހޯދާ އެކަމަށް މަގުފަހިކުރުން ކަމަށެވެ.

'ވޮލަންޓިއަރ އެޑްވައިޒަރ' ބޯޑުގެ އުސޫލުން ހިންގުމަށް އެކުލަވާލި މި ބޯޑަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައިވާއިރު މި ބޯޑު އެކުލަވާލާނީ 9 މެންބަރުން ހިމެނޭ ގޮތަށެވެ.

އެއީ، އާންމުންގެ ތެރެއިން 06 މެމްބަރުންނާއި، ސިޓީ ކައުންސިލްގެ ދެ މެންބަރުންނާއި، ކައުންސިލް އިދާރާގެ ޓޫރިޒަމް ނުވަތަ ސިޓީ ޕްލޭނިންގއާ ގުޅުންހުރި ޑިޕާޓްމަންޓުން އިދާރީ މުވައްޒަފެއްގެ މައްޗަށެވެ.

ދެ އަހަރުގެ ދައުރަކަށް ހޮވައި މި ބޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްރީލްމަހުގެ 10 ވަނަ ދުވަހުގެ މެންރުރު 12 ގެ ކުރިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީކުރަން ޖެހެ އެވެ. އަދި މި ބޯޑާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ނަންބަރު 7971621 އަށް ގުޅައި ނުވަތަ [email protected] އީމެއިލް އެޑްރެސް މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެކަމަށް ސިޓީ ކައުންސިލުން މައުލޫމަތުދެ އެވެ.

މި ބޯޑަށް ހޮވޭނީ ބޯޑުގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ލިޔުންތައް ދިރާސާކުރުމަށްފަހު ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަވިއު ކުރުމަށްފަހުއެވެ.

މިބޯޑަށް އާންމުންގެ ތެރެއިން މެމްބަރުން ހޮވުމުގައި އަންނަނިވި ފަރާތްތަކަށް އިސްކަންދެވޭނެއެވެ؛

- ޓޫރިޒަމްއާއި ގުޅުންހުރި ވިޔަފާރިތަކަށް އިންވެސްޓްކޮށް އެކަމުގައި ހަރަކާތްތެރިވާ ފަރާތްތައް.

- ޓޫރިޒަމް ދާއިރާގެ ތައުލީމާ ތަޖުރިބާ ހުރި ފަރާތްތައް.

- މާރކެޓިން، ސޯޝަލް މީޑިއާ އަދި ކޮންޓެންޓް ކްރިއޭޝަންގައި ހަރަކާތްތެރިވާ ފަރާތްތައް.

- ފަތުރުވެރިކަމުގެ ދާއިރާގައި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355