twitterviber whatsapp telegramfacebookyoutube instagram
12th April 2025

ސިޓީ ކައުންސިލުން ތަރައްގީކުރި ޒަމާނީ ފެންވަރުގެ ހިނަވާގެ ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Apr 10, 2025
3

ސިޓީ ކައުންސިލުން ކުޅުދުއްފުށީގައި އިމާރާތްކުރި ޒަމާނީ ފެންވަރުގެ ހިނަވާގެ ހުޅުވައިފި އެވެ. މި ހިނަވާގެ ހުޅުވީ މިއަދު ހަވީރު އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި މޭޔަރު މުހައްމަދު އާތިފާއި އިސްރަށްވެހިންނެވެ.

ސިޓީ ކައުންސިލުގެ ބަޖެޓުން 4.2 މިލިއަން ރުފިޔާ ހަރަދުކޮށް ވޭވްލެންތާ ހަވާލުކޮށް ތަރައްގީކުރި މި ހިނަވާގައި އެއްފަހަރާ ތިން މީހުން ހިނެވޭނެހެން ތިން ހިނަވާ ކޮޓަރީ އާއި ހަތަރު މީހުންގެ މޯޗަރީ އަކާއި ކަފުން ތައްޔާރުކުރާ ދެ ކޮޓަރި އާއި ސްޓާފް ރޫމާއި ލޯންޑްރީ ރޫމަކާއި ސެކިއުރިޓީ ހަޓަކާއި ދެ ޗޭންޖިންގ ރޫމް އަދި ހިތްގައިމު ލޮބީ އޭރިއާއެއް ހިމެނެ އެވެ.

އަދި ފާހާނަތައް ގާއިމުކޮށްފައިވަނީ ވީލް ޗެއަރގައި ހުޅޭ ފަރާތްތަކަށްވެސް ވަދެވޭނެހެންނެވެ. މި ހިނަވާގެ ހުޅުވީ، ހޮސްޕިޓަލް ފުރަގަހު އޮކްސިޖަން ޕްލާންޓް ހުޅަނގު ފަރާތުގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ސިޓީ ކައުންސިލްގެ ދައުރު ފެށުމާއެކު ކައުންސިލްގެ މިސްރާބު ހިފީ ސިޓީއެއްގެ ސިފަ ކުޅުދުއްފުއްޓަށް ޖެއްސުމާއި ސިޓީއެއްގެ ގާއިމުވެފައިވާ ފެންވަރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރުމަށް ކަމަށެވެ.

މިފަދަ ބޮޑެތި މަޝްރޫއުތައް ކައުންސިލަށް ހިންގެނީ ކައުންސިލްތައް ބާރުވެރިކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނެވުނު 8 ވަނަ އިސްލާހާއެކު ކައުންސިލްތަކަށް ބާރުތައް ލިބުމުންކަމުގައި މޭޔަރު ފާހަގަކުރެއްވި އެވެ.

މިރަސްމިއްޔާތުގައި ސިޓީ ކައުންސިލުން މިހާރުވެސް އުމްރާނީގޮތުން ކުރަމުންދާ މަސައްކަތްތަކާ ކުރިއަށް ރޭވިފައިވާ ބައެއް މަސައްކަތްތައް ރައްޔިތުންނާ ހިއްސާކުރި އެވެ. އަލަށް މި އިމާރާތްކުރި ހިނަވާގެ އިމާރާތްކުރީ އާންމުންނާއި ޖަމާއަތްތެރިންނާ ބައްދަލުކޮށް އެ މީހުންގެ ހިޔާލާއި މަޝްވަރާއާއެކު އެވެ.

ތާރީހުން ފެންނަ އޮތްގޮތުގައި އެންމެ ފުރަތަމަ ކުޅުދުއްފުށީގައި ހިނަވާގެ އެއް އަޅާފައިވަނީ މަސްޖިދުލް ރަހުމާން، ކުޑަ މިސްކިތުގެ ގަބުރުސްތާނުގައި 1982 ގަ އެވެ. އެ ޒަމާނަށް ބަލާއިރު އެއީ ރަނގަޅު ފެންވަރަކަށް އަޅާފައިވާ ހިނަވާގެ އެއްކެވެ. އެތަން ހެދީ ކުޅުދުއްފުށީ މުސްތަރީ މަންޒިލް، ހަސަން މުހައްމަދު (ރާޅު ހަސަންބެ) އެވެ.

އޭގެ ފަހުން ދާއިމީ ހިނަވާގެއެއް އަޅާފައިވަނީވެސް ހަމަ އެ މިސްކިތުގެ ގޯތިތެރޭގައި 1994 ޑިސެމްބަރުގަ އެވެ. އެ ހިނަވާގެވެސް ހެދީ ރާޅު ހަސަންބެ އެވެ. މަސްޖިދުލް އުލާ ގަބުރުސްތާނުގައި މިހާރު ބޭނުންކުރަމުންދާ ހިނަވާގެ އިމާރާތްކޮށްފައިވަނީ އޭރުގެ ރަށު އޮފީހުންކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

ކަށުކަމާކެމީގެ މަސައްކަތްތައް ކުރަމުންގެންދަނީ ރަށުގެ ވަރަށް ގިނަ ބައެއްގެ ދީލަތި އެހީތެރިކަމާއެކީ އެވެ. 2020 ވަނަ އަހަރާ ހަމައަށް މީހުން ވަޅުލުމުގެ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މުސާރަވެސް ދެމުންގޮސްފައިވަނީ ރައްޔިތު މާލިއްޔަތުންނެވެ.

މާލެ ސަރަހައްދު ފިޔަވާ އެންމެ ގިނަ މީހުން ވިހައި މަރުވަނީ ކުޅުދުއްފުށީގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355