twitterviber whatsapp telegramfacebookyoutube instagram
30th May 2025

ނޭޝަނަލް ކެރިއަރސް ސާރވިސްގެ އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
May 28, 2025

ނޭޝަނަލް ކެރިއަރސް ސާރވިސް (އެންސީއެސް)ގެ އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

ނޯތު އޮފީސް ކޮމްޕްލެކްސް އިމާރާތުގައި ގާއިމުކުރި މި އޮފީސް ހުޅުވައިދެއްވީ މިއަދު ހެނދުނު އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ އަލީ ހައިދަރު އަހުމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ އަލީ ހައިދަރު ވިދާޅުވީ، ކުޅުދުއްފުށީގައި މިއަދު ހުޅުވިގެން މިދިޔަ ނޭޝަނަލް ކެރިއަރސް ސާރވިސް އޮފީހާއެކު އުތުރު ސަރަހައްދަށް ދާއިރާއިން ބޮޑު ކުރިއެރުމެއް ކުރިއެރުމެއް ލިބިގެންދާނެކަން ގަބޫލުކުރައްވާ ކަމުގަ އެވެ.

"އަޅުގަނޑުމެން ބޭނުންވާ ލަނޑުދަނޑު ހާސިލުކުރުމަށްދާ ރާސްތާގައި އެންމެ މުހިންމު ކަންތައް. އެކަމަށް ހުޅުވޭ ދޮރެއް މޯލްޑިވްސް ކެރިއަރ ސާރވިސް މެދުވެރިކޮށް ވަޒީފާތައް ހޯދުމާއި ހުނަރު އިތުރުކުރުމާއި އަދި އެކި ކަހަލަ މަސައްކަތް ދަސްކޮށް. ކުޅުދުއްފުށީގައި މި ހިދުމަތް ފެށިގެން ދިޔުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މިސަރަހައްދަށް، އުތުރު ސަރަހައްދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެކަން އަޅުގަނޑު ގަބޫލުކުރަން." ޑރ ހައިދަރު ވިދާޅުވި އެވެ.

މިއީ ފެށުމެއް ކަމަށާއި މިފެށުމާ އެކީގައި އިތުރު ކުރިއެރުންތައް ވަކިން ހާއްސަކޮށް ޒުވާނުންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ވަސީލަތްތަކެއް ނޭޝަނަލް ކެރިއަރސް ސާރވިސްއިން ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނޭޝަނަލް ކެެރިއަރސް ސާރވިސް ހިންގުމާ ހަވާލުވެހުންނެވި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަހީދާ އަލީ ވިދާޅުވީ، މި އޮފީހަކީ ދިވެހީންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށާއި ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަނުގައި ވަޒީފާގެ ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ގުޅައިދިނުމަށާއި އަދި މަސައްކަތުގެ އުމުރުފުރާގެ މީހުންނަށް އެކަށޭނެ މަސައްކަތްތަކާއި ވަޒީފާތައް ހިރާދަކުރުމުގައި އެހީތެރިވެ މަގު ދެއްކުމުގައި މަސައްކަތްކުރާނެ އޮފީހެއް ކަމަށެވެ.

ޝަހީދާ ވިދާޅުވީ، ނޭޝަނަލް ކެރިއަރސް ސާރވިސްގެ އެއް މަގުސަދަކީ ވަޒީފާތަކަށް ދާ އުމުރު ފުރާއިގެ ދަރިވަރުންނަށް ރަނގަޅު މަގުދައްކައިދީ އަދި ވަޒީފާތަކަށް ދިޔުމަށް މަގުފަހިކޮށްދިނުންކަމުގައި އެވެ. މިއީ މާލޭން ބޭރުގައި ހުޅުވުނު މިފަދަ ހަތަރުވަނަ އޮފީސްކަމުގައި އޭނާ ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ކުޅުދުއްފުށީ މޭޔަރާއި ދެ ދާއިރާގެ މަޖިލިސް މެންބަރުންނާއި މުއައްސަސާތަކުންނާއި ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355