twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ނޫރު ޖަމިއްޔާގެ ފަރާތުން ދީނީ ދަރުސް އެއް ބާއްވައިފި

Jun 14, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ނޫރު ޖަމިއްޔާ އާއި ކުޅުދުއްފުށީގައި ހުރި އެހެނިހެން ޖަމިއްޔާތަކާއި ގުޅިގެން ދީނީ ދަރުސެއް ބާއްވައިފިއެވެ.

ރޭ ކުޅުދުއްފުށީ ބަންޑާރަ މައިދާނުގައި އޮތް ދީނީ ދަރުސްގައި ދަރުސްދެއްވީ އައްޝައިހް އާދަމް ޝަމީމެއެވެ. “ސުވަރުގެއަށް މަގެއް” މިމައިގަނޑު މައުޟޫއަށް ދެއްވި ދަރުސްގައި އައްޝައިހް އާދަމް ޝަމީމް ވިދާޅުވީ ސުވަރުގެއަށް ދާން އޮތްމަގު ވަނީ މާތްﷲ އާއި ކީރިތި ރަސޫލާ އަންގަވާފައި ކަމަށާއި އެއީ ކީރީތި ޤުރުއާނާއި ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތްކަމަށް ވިދާޅުވިއެވެ. އެގޮތުން ކީރީތި ޤުރުއާނުގައި ސުވަރުގޭގެ މަގެއް ކަމަށް ދައްކަވާފައިވަނީ އީމާންކަމާއި ތަޤުވާވެރިކަމާއި ޞާލިހު އަމަލުތައް ކަމަށް ވިދާޅުވިއެވެ. އަދި އެއާ ހިލާފު އަނެއް މަގަކީ ނަރަކައަށް އޮތް މަގުކަމަށް އާދަމް ޝަމީމް ވިދާޅުވިއެވެ.

ރޭގެ ދަރުސްގައި ޝައިހުގެ ވާހަކައިގައި މާތްﷲ އަށް އީމާންވެ ޞާލިހު އަމަލުކުރާނަމަ އެބަޔަކު ސުވަރުގެ ވަންނާނެކަން އެއީ ޔަގީންވެ ކަށަވަރުވާ ކަމެއްކަމަށާއި އަދި އީމާންކަމެއްނެތި މުއުމިނަކަށެށް ނުވާނެކަމަށް ވިދާޅުވިއެވެ. އީމާންނުވެ ޞާލިހު އަމަލު ނުކޮށް  ސުވަރު ގޭގެ މަގުން ކުރިއަށް ނުދެވޭނެ ކަން ފާހަގަކުރައްވާ ވިދާޅުވީ ނިޔަތުގައި ކިތައްމެ މޮޅު ހެޔޮއެއްޗެއް އޮތަސް އެތެރޭގައި ކިތައްމެ މާތް އެއްޗެއް ފޮރޮވާފައި އޮތަސް ބޭޭރު ފަސާދަ ވެއްޖެއްޔާ އަދި ބޭރުފުށުގެ އަމަލުތައް ރީތިވެފައި އެތެރެ ހަލާކުވިޔަސް އެއީ ސުވަރުގެ ދާނެ މަގެއްނޫން ކަމަށާއި އެއީ ސުވަރުގެއާއި ހިލާފު މަގެއްކަމަށް ޝޭހުގެވާހަކައިގައި ފާހަގަކުރެއްވިއެވެ.

މިދަރުސް ތައާރަފް ކުރުމުގެ ގޮތުން ވާހަކަ ދެއްކީ މުހައްމަދު އުމަރެވެ. މުހައްމަދު އުމަރުގެ ވާހަކައިގައި ނޫރު ޖަމިއްޔާއިން ބޭއްވި ދަރުސްގައި އެހީތެރިކަން ފޯރުކޮށްދެއްވި ކުޅުދުއްފުށީގެ ކުލަބު ޖަމިއްޔާތަކަށާއި  ހދ އަތޮޅުން އެދަރުސްގެ ކަންކަމަށް އެހީތެރިވި ޖަމިއްޔާތަކަށް ޝުކުރު ދެއްނެވިއެވެ. އަދި ޝެއިހް އާދަމް ޝަމީމުގެ ތައުލީމީ ހަޔާތުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދެއްކިއެވެ.

ކުޅުދުއްފުށީ ނޫރު ޖަމްއިއްޔާގެ ނާއިބު ރައީސް ޠޮލްހަތު އިބްރާހިމް ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ނޫރު ޖަމްއިއްޔާއިން ކުޅުދުއްފުށީގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަގުޞަދުގައި ސިލްސިލާކޮށް ކުރިއަށް ގެންދަވާ ޕްރޮގުރާމް ތަކުގެ ތެރެއިން ޕުރޮގްރާމެއް ކަމަށެވެ. އެގޮތުން މިފަހަރުގެ ޕުރޮގްރާމް ކުރިއަށް ގެންދިޔައީ ކުޅުދުއްފުށީގައި އުފެދިފައިވާ ކުލަބު ޖަމިއްޔާތަކާއި ގުޅިގެން އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއެކު ކަން ޠޮލްހަތު ފާހަކުރެއްވިއެވެ.

ނޫރު ޖަމްއިއްޔާގެ ފަރާތުން ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ވަނީ ތަފާތު ދަރުސްތައް ބާއްވާފައެވެ. އެގޮތުން އަލްބަޔާން ނަމުގައި ދީނީ ހޭލުންތެރި ކުރުމަށް ބޭއްވުނު ޕްރޮގުރާމަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ޕުރޮގްރާމުތަކެއް ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.

ރޭ ބޭއްވުނު ދަރުސް އަޑުއެހުމަށްވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.  އަދި ދަރުސް އަޑުއެހުމަށް ހދ އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުންވެސް ވަނީ ކުޅުދުއްފުއްޓަށް އައިސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355