މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުން ފަސް މާއްދާއިން އޭ ސްޓަރ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާރޝިޕް ލިބުނު 11 ދަރިވަރުންގެ ތެރޭގައި ކުޅުދުއްފުށީ، ޖަލާލުއްދީން ސްކޫލްގެ ދަރިވަރަކު ހިމެނިއްޖެ އެވެ.
މާލޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ލިބުނު ދަރިވަރުންގެ ތެރެއިން ރައީސް ސްކޮލަރޝިޕް ލިބުނު 11 ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ.
މަތީ ސާނަވީގެ ގަދަ 10 ގެ އެއްވަނައިގައި ހިމެނުނީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރަކާއި ބ އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކާއި ސީއެޗްއެސްއީގެ ހަ ދަރިވަރުންނާއި އަހުމަދިއްޔާ އާއި އަރަބިއްޔާ ސްކޫލުގެ ދަރިވަރެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް އެ ދަރިވަރުން ބޭނުން ޤައުމެއްގައި ބޭނުން ރޮނގަކުން މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ދެއެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ މުއިއްޒު ވަނީ، މަތީ ސާނަވީ އިމްތިހާނުން ދުނިޔެއިން އެއްވަނަ ހޯދައިގެން "އައުޓްސްޑޭންޑިންގ ޕިއަރސަން ލަރނަރ އެވޯޑް،" ހާސިލުކުރި 2 ދަރިވަރުންނަށް، އެވޯޑް ހަވާލުކޮށްދެއްވައިފަ އެވެ. އަދި ސާނަވީ އިމްތިހާނުން ވަކި ވަކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދި 57 ދަރިވަރުންނަށާއި، ސާނަވީ އިމްތިހާނުން ގައުމީ ގަދަ 10 ގެ 1 ވަނަ ނަތީޖާ ހޯދި 21 ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީވެސް ރައީސެވެ.
ހައިއެޗީވަރސް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެޑކިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.