twitterviber whatsapp telegramfacebookyoutube instagram
27th August 2025

ކުޅުދުއްފުށީ 2000 ހައުންސިންގ ޔުނިޓް އަޅަން އެޗްޑީސީއާ ހަވާލުކޮށްފި

Aug 26, 2025

ރައީސް ޑރ މުހައްމަދު މުއިއްޒު ކުޅުދުއްފުށީ ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި 2000 ހައުސިންގ ޔުނިޓްގެ މަސައްކަތްކުރަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއު ހިންގަން އެޗްޑީސީއާ ހަވާލުކުރެއްވީ މިރޭ ރައީސް ޑރ މުއިއްޒު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މިމަޝްރޫއުގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، ހަސަން ރަޝީދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހެއިރެވެ.

މިމަޝްރޫއުގެ އިތުރުން، ކުޅުދުއްފުށިގައި ހުއްޓިފައިހުރި 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރަންވެސް އެޗްޑީސީއާ ހަވާލުކުރި އެވެ. އެ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، އެމަނިކުފާނު އިއުލާންކުރައްވާފައިވާ 2000 ހައުސިންގެ ތެރެއިން 700 ޔުނިޓު ތަރައްގީ ކުރާނީ އަމިއްލަ ގޯތީގައި ގެދޮރު ތަރައްގީކޮށްދޭނެ ފަދަ ސްކީމެއްކަމަށެވެ. އަދި ބާކީ 1300 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްގެންދާނީ ޕަބްލިކް ހައުސިންގެ ތެރެއިންކަމަށެވެ.

"700 ޔުނިޓު މިދޫކުރަނީ މިގޮތަށް. އެއީ ކޮންމެ ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓެއް. އެ 700 ޔުނިޓު މިހާއްސަކުރަނީ ތިބޭފުޅުންގެ ތެރެއިން، އަމިއްލަ ގޯތީގައި ގެއަޅަން ބޭނުންވާ މީހުންނަށް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި 700 ހައުސިންގއަށް ކުރިމަތިލާން އެދޭ ފަރާތްތައް ދެނެގަނެ އެކަން މިނިސްޓްރީ އާއި ސިޓީ ކައުންސިލާއި އަދި އެޗްޑީސީއާ ހިއްސާކޮށް ގުޅިގެން މަސައްކަތް ބާރަށް ކުރިއަށް ގެންދާނެކަމަށެވެ.

ކުޅުދުއްފުށީ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ މެއި މަހުގެތެރޭގައެވެ. ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ކުންފުނިކަމުގައިވާ ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއި ހަވާލުކޮށްގެން ފެށި މިމަސައްކަތްވަނީ ވަކި ހިސާބަކުން ހުއްޓިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355