ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ނިންމި ހައުސިން މަޝްރޫއުގެ މަސައްކަތް އިއުލާންކުރަން ހުއްދަ ނުދީ އޮތް މައްސަލައިގައި ޖަވާބު ދިނުމަށް ފިނޭންސް މިނިސްޓްރީން ދެކޮޅު ހަދައިފި އެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 150 ޔުނިޓްގެ ރިއަލް އެސްޓޭޓް މަޝްރޫއުއެއް ކުޅުދުއްފުށީގައި ކުރިއަށް ގެންދަން ނިންމީ މި އަހަރުގެ ފެބްރުއަރީ މަހު ތެރޭގަ އެވެ.
ލާމަރުކަޒީ ގާނޫނު އޮތް ގޮތުން ކައުންސިލުން އެ މަޝްރޫއުއަށް ހުޅުވާލުމުގެ ކުރިން އެލްޖީއޭ އާއި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެ އެވެ. އެކަމަށް އެލްޖީއޭއިން ހުއްދަ ލިބިފައިވާއިރު ފިނޭންސް މިނިސްޓްރީން މިހާތަނަށް ހުއްދަ ދީފައެއް ނުވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ހުއްދައަށް އެދިފައިވާތާ މިހާރު އަށް މަސް ވަނީ ވެފަ އެވެ.
ރައްޔިތުންނާ ގުޅުން ހުރި މުހިންމު މަޝްރޫއުއަށް ހުއްދަ ނުދީ ލަސްވަނީ ކީއްވެތޯ ސާފުކުރަން މި ނޫހުން ވާނީ މަސައްކަތްތަކެއް ކޮށްފަ އެވެ. ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިސަރު އިފާދު ވަހީދުއާ ކޭއޯ އިން ފުރަތަމަ ސުވާލުކުރީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އިފާދު އޭރު ވިދާޅުވީ، ކަމާ ގުޅުން ހުރި ފަރާތްތަކާ ވާހަކަދެއްކުމަށް ފަހު ޖަވާބެއް ދޭނެ ކަމަށެވެ.
އެކަމަކު، ޖުލައި މަހާއި މި ހިނގައި އޮކްޓޯބަރު މަހުގެ ސުވާލު ތަކުރާރުކުރުމުން ވެސް އިފާދު ޖަވާބު ދެއްވާފައިނުވެ އެވެ.
މިނިސްޓްރީގެ ހުއްދަ ނުލިބިގެން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން މި އަހަރު ޖޫން މަހު ޗެނަލް 13 ގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ އެ މަޝްރޫއު އީއޯއައިއަށް ހުޅުވާލުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ނަގަން ޖެހޭތީ އެކަމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ކައުންސިލް ނިންމުމާ އެކު ހުއްދަ ހޯދަން ޖެހޭ ތަންތަން ހުށަހަޅަން ސިޓީ ކައުންސިލުން ނިންމާ އެލްޖީއޭއަށާއި ފިނޭންސްއަށް ހުށަހެޅި ކަމަށެވެ.
އެ މަޝްރޫއު ހިންގަން އެލްޖީއޭގެ ހުއްދަ ލިބި މިހާރު އޮތީ ފިނޭންސް މިނިސްޓްރީގައި ކަމަށާއި އެކަމަށް ހުޅުވާލުން ލަސްވަނީ ފިނޭންސްއަށް 'ޔެސް' ނުބުނެވިގެން ކަމަށް ވެސް މޭޔަރު އާތިފް ވިދާޅުވި އެވެ.
އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރި ގިނަ އިންވެސްޓަރުންތަކެއް އެބަތިބި ކަމަށާއި އިއުލާން ކުރެވޭ ވަރަށް ހުރިހާ ލިޔެކިޔުންތަކެއް ހުރީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފިނޭންސްގެ ހުއްދައެއް ބޭނުންވާ ކަމެއްގައި މި އުޅެނީ މަސް ދެ މަސްވެގެންމިދަނީ. ހުއްދައަށް ފޮނުވާފައި މިހާރު ފިނޭންސް މިނިސްޓްރީގައި އޮތީ. އަޅުގަނޑުމެންނަށް [ހައުސިން މަޝްރޫއު] އިއުލާންކުރުން ލަސްވެގެން މިދަނީ ސަރުކާރުން "ޔެސް" އެޕްރޫވަލް، [ނުލިބިގެން] އެވަރު ކުޑަކަމެއްގައި އެޕްރޫވަލް މިހާ ލަސްވަމުންދާއިރު އަނެއްކާވެސް ކުދިކުދި ކަންކަމުގައި އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީގައި ސަލާން ޖަހަން ޖެހޭ ގޮތަށް ގާނޫނު ބަދަލު ވެއްޖެކަމަށްވާ ނަމަ އެއީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ނިކަމެތިކަމެއް." މޭޔަރު އާތިފް އޭރު ވިދާޅުވެފައިވެ އެވެ.
ސަރުކާރުން ކުޅުދުއްފުށީގައި ކުރިއަށްގެންދަން ނިންމައި އަދި ފަށާފައި ހުރި ހައުސިން މަޝްރޫއުތައް ވެސް ވަނީ ހުއްޓިފަ އެވެ.




