ކުޅުދުއްފުށީގައި ދާދިފަހުން ތަރައްގީކޮށް ހުޅުވި ހިތްގައިމު މަށިކުޅި ޕްލެޓްފޯމަށް ބަޔަކު ގެއްލުންދީފި އެވެ.
ސިޓީ ކައުންސިލާއި އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޒިގްޒެގުން ހެދި މި ޕްލެޓްފޯމަށް ގެއްލުންދިނީ އަންގާރަ ދުވަހާއި ބުދަ ދުވަހުގެ ވަގުތުގަ އެވެ.
މަށިކުޅި ބަލާ ޕްލެޓްފޯމްގެ ވޯކްވޭ ލައިޓްތަކަށް ފުރަތަމަ ގެއްލުންދިނީ އަންގާރަދުވަހުގެ ވަގުތެއްގަ އެވެ. ގެއްލުންދިނުމުން ލައިޓްތައް އިހު ހުރިގޮތަށް ބަދަލުކޮށް މަރާމަތުކޮށްފައިވަނިކޮށް އަނެއްކާ ބުދަ ދުވަހު ވަނީ ލައިޓްތަކަށް ބަޔަކު ގެއްލުންދީފަ އެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް މޭޔަރު މުހައްމަދު އާތިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫއުއަކީ ރަށުގެ ތަރައްގީއާއި ރައްޔިތުންގެ ހިތްހަމަޖެހުމަަށް، ޒިގްޒެގް ޖަމިއްޔާއާއި، ޔޫއެންޑީޕީ އަދި ސިޓީ ކައުންސިލްގެ ގުޅިގެން ރަށުގެ މާލިއްޔާއިން ބޮޑުހޭދައެއްކޮށްގެން ހިންގާފައިވާ މުހިންމު މަޝްރޫއުއެއްކަމުން މިފަދަ އަމަލުތަކުގެ ސަބަބުން ރަށުގެ ތަރައްގީއަށް ހުރަސްއެޅި، ރައްޔިތުންގެ މާލިއްޔާއަށް ގެއްލުންވެ، ބައިނަލްއަޤްވާމީ ފަރާތްތަކުން އިތުރަށް ފަންޑުހޯދުމުގައިވެސް ދަތިތަކެއް ކުރިމަތިވުމުގެ ފުރުސަތުއެބައޮތް ކަމަށެވެ.
އެހެންކަމުން އެދުމަކީ އެއްވެސް ފަރާތަކުން މިފަދަ އަމަލުތައް ތަކުރާރުނުކުރުން ކަމަށާއި މިފަދަ އަމަލެއް ހިންގަނިކޮށް ފެނިއްޖެނަމަ އެކަން ހުއްޓުވާ ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކޮށްދިނުންމަށްވެސް މޭޔަރު އެދިލެއްވި އެވެ.
މިތަން ހެދިފަހުން ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް އެތަން ބެލުމަށް އަންނަނީ ޒިޔާރާތްކުރަމުންނެވެ.