twitterviber whatsapp telegramfacebookyoutube instagram
27th October 2025

ކުޅުދުއްފުށީ ނޫން މީހުންނަށް ރަށުން ސިޔާސީ މަގާމު ދޭތި އަންހެނުން ކޮމެޓީގެ ރައީސާ ކަންބޮޑުވެއްޖެ

Oct 27, 2025
2

ކުޅުދުއްފުށީ ނޫން މީހުންނަށް ރަށުން ސިޔާސީ މަގާމު ދޭތި، ކުޅުދުއްފުށީ އަންހެނުން ކޮމެޓީގެ ރައީސާ ހަދީޖާ މޫސާ ކަންބޮޑުވުންފާޅުކޮށްފި އެވެ.

ކުޅުދުއްފުށީގައި މަސައްކަތްކުރައްވާ ގޮތަށް ފަސް ބޭފުޅަކަށް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަންޔަނުކުރެއްވި ހަބަރުގެ ލިންކް ޝެއާކުރައްވާ، ހަދީޖާ ވަނީ އެމަގާމުތައް ލިބިލެއްވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ހަދީޖާ ވިދާޅުވީ، އެހެންނަމަވެސް ކުޅުދުއްފުށިން ސިޔާސީ މަގާމު ދެވެން ޖެހޭނީ ކުޅުދުއްފުށީ މީހުންނަށް ކަމަށާއި ޕީޕީއެމް/ޕީއެންސީއަށް މަސައްކަތްކޮށްދެއްވި އަންހެން ބޭފުޅުންވެސް ކުޅުދުއްފުށީގައި ވަރަށް ގިނަ ކަމަށެވެ.

" ސިޔާސީ މަގާމުތަކަށް އަންޔަނުކުރެވުނު އެންމެންނަށް މަރުހަބާ. އެހެންނަމަވެސް އަޅުގަނޑު ބަލާ ނުގަނެވޭނެ އެއްކަމެއް ފާހަގަކޮށްލާނަން. ކުޅުދުއްފުށިން ސިޔާސީ މަގާމު ދެވެން ޖެހޭނީ ކުޅުދުއްފުށީ މީހުންނަށް. ޕީޕީއެމް/ޕީއެންސީއަށް މަސައްކަތްކޮށްދެއްވި [ކުޅުދުއްފުށި] އަންހެން ބޭފުޅުންވެސް ވަރަށް ގިނަ." ޕީއެންސީއަށް ނިސްބަތްވެލައްވާ ހަދީޖާ ވިދާޅުވި އެވެ.

ހަދީޖާ މިފަދަ މޭރުމަކުން ވާހަކަދެއްކެވިއިރު މިއަދު ރަށަށް އަންޔަނުން ކުރެވުނު ސިޔާސީ މަގާމުގެ ތެރޭގައި ރަށުން ބޭރު ބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ. އެއީ ސޯޝަލް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަންޔަނުކުރެއްވި އައިޝަތު އިބުރާހިމެވެ. އޭނާ މަސައްކަތްކުރައްވާނީ ކުޅުދުއްފުށީގައި ހުންނަ ހދ އެފްސީއެސްސީގަ އެވެ.

އައިޝަތު އިބުރާހިމަކީ، ކުޅުދުއްފުށީ އެއާޕޯޓްގެ އެސިސްޓެންޓް މެނޭޖަރު އަބުދުއް އަހަދުގެ އަނބިމީހާ އެވެ. ކުޅުދުއްފުއްޓަށް ނިސްބަތްނުވިނަމަވެސް އެ ދެ ބޭފުޅުން ކުޅުދުއްފުށީގައި ދިރިއުޅުއްވާތާ އަހަރުތަކެއްވެއްޖެ އެވެ.

އަންހެނުން ކޮމެޓީގެ ރައީސާ ހަދީޖާގެ ޕޯސްޓްގައި އިތުރަށް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއަށް މަސައްކަތްކޮށްދެއްވި ވަރަށް ގިނަ އަންހެނުން ބޭފުޅުން ކުޅުދުއްފުށީގައި އުޅޭނެ ކަމަށާއި އެތަނުން ބޭފުޅަކަށް ސިޔާސީ މަގާމެއް ދިނުން މައްސަލައެއް ނޫން ކަމަށެވެ.

"ސުވާލަކީ އެ ބޭފުޅުންނަށް (ރަށުން ބޭރު) އަމިއްލައަށް ވޯޓް ލެވޭތޯ ކުޅުދުއްފުށީ މެންބަރެއް ހޮވަން. ނޫނީ ކައުންސިލް އިންތިހާބުގައިވެސް ވޯޓްލެވޭތޯ؟ މިއީ ވަރަށް ވާހަކަ ދެން." އަންހެނުން ކޮމެޓީގެ ރައީސާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355