ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިވަގުތުވެސް ރަށުގައި 19 މަޝްރޫއެއް ކުރިއަށްގެންދާ ކަމަށާއި އެއީ ޖުމްލަ 28.2 މިލިއަން ރުފިޔާކަމުގައި މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ތިނެއް ނޮވެމްބަރު 1988 ގައި ދިވެހިންގެ ބަޔަކު އިސްވެ ސްރީލަންކާގެ ޓެރަރިސްޓުންގެ ޖަމާއަތެއްގެ ބަޔަކާ އެކު މާލެ އަރައި ދިން ހަމަލާގައި ޝަހީދުވި ގައުމީ ބަތަލު ހުސައިން އާދަމުގެ ހަނދާނުގައި، ސިޓީ ކައުންސިލުން ހެދި ބިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، މިފަދަ ބިނާތައް ހެދިގެންދަނީ ކައުންސިލްގެ ފަސް އަހަރުގެ ތަރައްގީގެ ޕްލޭންގައި ހިމެނިގެން ކަމަށެވެ.
މި މަސައްކަތްތައް މިކުރަނީ ކައުންސިލްގެ އާމުދަނީ އިތުރުކުރުމަށް ކުރެވޭ މަސައްކަތާއި ގާނޫނުގެ ތެރެއިން ލިބޭ ބްލޮކް ގްރާންޓްގެ ސަބަބުން ކަމަށެވެ.
"މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކައުންސިލްގެ އާމުދަނީ އިތުރުކުރުމަށް ކުރެވުނު މަސައްކަތާއި އަދި ގާނޫނުގައި ލިޔެވިގެން ދައުލަތުން ދެމުން އަންނަ ބްލޮކް ގްރާންޓްގެ ސަބަބުން ކުރެވޭ މަސައްކަތްތައް. އެހެންކަމުން އަޅުގަނޑު މިއަދުވެސް އެދޭ އެދުމަކީ ލާމަރުކަޒީ ގާނޫނުގެ ދިފާއުގައި އަދި ލާމަރުކަޒީ ގާނޫނުން ރައްޔިތުންނަށް ލިބިދޭ ހައްގުތައް ކަށަވަރުކުރުމުގައި އަޅުގަނޑުމެން އެންމެންހާ ރައްޔިތުން ގުޅިގެން އެކުގައި މަސައްކަތް ކޮށްދިނުން. " މޭޔަރު އާތިފް ވިދާޅުވި އެވެ.
އަދި މި މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވެނީ ލާމަރުކަޒީ ގާނޫނުން ރައްޔިތުން ލިބިފައިވާ ބާރާއި އިހުތިޔާރުގެ ސަބަބުން ކަމުގައި މޭޔަރު ވިދާޅުވި އެވެ.
"ހަގީގަތަކީ ވެރިރަށް މާލޭގައި ހުންނަ އިދާރާއަކުން ނުފެންނާނެ އަޅުގަނޑުމެންގެ ރަށްރަށުގައި ހުންނަ ކުދިކުދި ކަންކަމެއް. ރައްޔިތުންނާ ، ރައްޔިތުން އިންތިހާބުކޮށްފައިވާ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކުން މިފަދަ ކަންކަން ރަށްރަށުގައި ކުރެވޭނީ. " މޭޔަރު ވިދާޅުވި އެވެ.
ކައުންސިލުން ހިންގާ މިފަދަ މަޝްރޫއުގެ ސަބަބުން ރަށު ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރެވި އެ ފައިސާ ރަށުގެ އިގުތިސޯދުގައި ދައުރުކުރެވި އިތުރުކުރެވޭ ކުރެވުންވެސް މޭޔަރު އާތިފް ފާހަގަކުރެއްވި އެވެ.




