twitterviber whatsapp telegramfacebookyoutube instagram
5th November 2025

ކޭއާރުއެޗުގައި ނާރާއި ހިތުގެ ބަލީގެ ޑޮކްޓަރުންގެ ހިދުމަތް ފަށައިފި

އިތުރު ސަބް-ސްޕެޝަލިޓީ އެއްކަމަށްވާ ކިޑުނީ ބަލިތަކާއި ފުއްޕާމޭގެ ބަލީގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތްވެސް އަވަސް މުސްތަގުބަލެއްގައި ލިބިގެންދާނެކަމަށް ސީއީއޯ ނާޒިމާ ވިދާޅުވި.

އަބްދުލް ވާހިދު ޙަސަން
Nov 4, 2025

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރުގެ ހިދުމަތަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ހޮސްޕިޓަލުގައި ދެ ސަބް-ސްޕެޝަލިޓީ ޑޮކްޓަރުންގެ ހިދުމަތް ފަށާފައިވާކަމަށް ޗީފް އޮޕަރޭޝަން އޮފިސަރު ނާޒިމާ އަލީ ވިދާޅުވެއްޖެ އެވެ.

ކޭއާރުއެޗަކީ އަތޮޅުތެރޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ. އެ ހޮސްޕިޓާ ޓާޝިއަރީ ފެންވަރަށް ބަދަލުކޮށް ސަބް-ސްޕެޝަލިޓީ ހިދުމަތް ހިދުމަތް ދިނުމަކީ ރައީސްގެ ވައުދުފުޅެކެވެ.

ކޭއޯއާ ވާހަކަދައްކަވަމުން ސީއީއޯ ނާޒިމާ އަލީ ވިދާޅުވީ، ޓާޝިއަރީ ފެންވަރުގެ ހިދުމަތްތަކެއް ދިނުމަށް ދެ ފިޔަވައްސަކަށް ބަހާލައިގެން މަސައްކަތްކުރަމުންދާ ކަމަށާއި އެގޮތުން ފުރަތަމަ މަރުހަލާގެ މަސައްކަތެއްގެ ގޮތުން ސަބް-ސްޕެޝަލިޓީ ޑޮކްޓަރުންގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ނާރުގެ ޑޮކްޓަރަކާއި ހިތުގެ ޑޮކްޓަރެއްގެ ހިދުމަތް ފެށުމާއެކު އެ ހިދުމަތްތައް ހޯދަން މާލެއަށްދާ ޖެހޭ މިންވަރު މަދުކުރެވިގެންދާނެ ކަމަށެވެ. ނާޒިމާ ވިދާޅުވީ، ހިތުގެ ބަލިތައް ޑައިގްނޯސްކުރުމަށް ހަދަން ޖެހޭ ޓެސްޓްތައް މިހާރު ހެދޭނެ ކަމަށެވެ. އެގޮތުން ކުރިންވެސް ދެމުންދާ އީސީޖީގެ އިތުރުން ޓީއެމްޓީ އާއި އެކޯގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މިއާއެކު ހިތުގެ މައްސަލަތަކުގައި ގެންނަ ބަލި މީހުން ޑައިގްނޯސްކުރެވި، އަދި ހާރޓްއެޓޭކް ޖެހިގެން ގެންނަ މީހުން މާލެއަށް ސާރޖަރީ ހެދުމަށް ފޮނުވުމާ ހަމައަށް ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ސީއީއޯ ނާޒިމާ ވިދާޅުވީ، ނާރުގެ އެކި މައްސަލަތަކުގައި އަންނަ މީހުންގެ މައްސަލަތައް އަވަހަށް ދެނެގަނެވި ފަރުވާދެވޭނެ ކަމަށާއި އަދި ސްޓްރޯކް ފަދަ ބޮޑެތި މައްސަލަތަކުގައި މާލެ ފޮނުވުމާ ހަމައަށް ނާރުގެ ޑޮކްޓަރެއް ސީދާ ފަރުވާ ލިބިގެންދާނެ ކަމަށެވެ.

" މާލެއިން ސްޓަންޓް ލެއްވުމަށްފަހު ރިވިއުއަށް ދާން ޖެހޭ ދިޔުން ނިމުމަށް އަންނާނެ. އަދި އަޅުގަނޑުމެންގެ ކެތު ލެބެއް ނެތް، އެކަމަށްވެސް މަސައްކަތްތަކެއް އަންނަނީ ކުރެވެމުން." ސީއީއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކިޑްނީ ބަލިތަކުގެ ޑޮކްޓަރަކާއި ފުއްޕާމޭގެ ޑޮކްޓަރެއްގެ ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އެ ދެ ޑޮކްޓަރުންގެ ހިދުމަތްވެސް އަވަސް މުސްތަގުބަލެއްގައި ލިބިގެންދާނެކަމަށެވެ. ކިޑްނީ ބަލިތަކުގެ ގިނަ ބަޔަކު މިހާރުވެސް އެ ހޮސްޕިޓަލުން ހިދުމަތް ހޯދާއިރު އޭގެ ތެރޭގައި 21 މީހުންނަކީ ޑައިލިސިސް ހަދާ މީހުންނެވެ.

ނާޒިމާ ވިދާޅުވީ، އާ ސަބް-ސްޕެޝަލިޓީ ހިދުމަތްތަކާއެކު ސިއްހީ ފަރުވާ ހޯދުމަށް މިސަރަހައްދުގެ ރައްޔިތުން ކުރަމުންދާ ތަކުލީފަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބިގެންދާނެކަމަށެވެ.

ކުޅުދުއްފުށިން އެންމެ ގިނައިން މާލެއަށް ފޮނުވަން ޖެހެނީ ހިތުގެ ބަލިތަކާއި ނާރުގެ މައްސަލަތަކުގެ ބަލި މީހުންނެވެ. އެ ހޮސްޕިޓަލްގައި އެންމެ ފުރަތަމަ ހިތުގެ ބަލީގެ ޑޮކްޓަރެއްގެ ހިދުމަތް ދިނީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވުމާއެކު އެ ހިދުމަތް ހުއްޓުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355