twitterviber whatsapp telegramfacebookyoutube instagram
9th November 2025

ކޭއާރުއެޗުގައި ޓްރޯމާ އެންޑް އެމަޖެންސީ ހިދުމަތާއި ޑައިލިސިސް ހިދުމަތް ފުޅާކުރަނީ

މީގެ އިތުރުން އައިނު ފިހާރަ އާއި ބަލި މީހުންނަށް އެކަށީގެންވާ ކެއުން ލިބޭނެ ކެންޓީނެއްވެސް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސީއީއޯ ނާޒިމާ ވިދާޅުވި

އަބްދުލް ވާހިދު ޙަސަން
Nov 9, 2025

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޓްރޯމާ އެންޑް އެމަޖެންސީ ހިދުމަތާއި ޑައިލިސިސް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކޭއާރުއެޗުގެ އީއާރުގެ ހިދުމަތް މިހާރު ދެމުން އަންނަނީ ހިދުމަތް ބޭނުންވާ ފަރާތްތަކަށް އެންމެ އަވަހަށް ހިދުމަތް ލިބޭނެ ގޮތަށް ނޫންކަން ފާހަގަކުރައްވަމުން އެ ހޮސްޕިޓަލްގެ ސީއީއޯ ނާޒިމާ އަލީ ވިދާޅުވީ، މިހާރު އީއާރަށް ގެންނަ ބަލި މީހާ ވާރޑާ ހަމައަށް ގެންދަން ޖެހެނީ ދިގުރާސްތާއެއް ކަޑަތުކުރުމަށްފަހު ކަމަށެވެ.

އަދި މީގެ އިތުރުން ހޮސްޕިޓަލްގެ އާ އިމާރާތް ހަދަން ނިންމާފައިވަނީ މިހާރު އެމަޖެންސީ ބޭނުންކުރާ އީއާރަށް ބަލި މީހުން ގެނެސް، ވައްދައި ދިމާކަމަށްވެސްވާތީއާ އެކު އެވެ.

" އައިސީޔޫގައި އޮންނަ އޮންނަ ހާލު ބޮޑު ބަލިމީހާ އިތުރު ފަރުވާއަކަށްވިޔަސް މޫވްކޮށް ހެދުން އެއީ އެންމެ ރައްކާތެރި ގޮތްކަމަށް ނުވާތީ. އަދި އައިސީޔޫގައި ބާއްވައިގެން އެތަނުން ދިނުމަށް ބޭނުންވާތީ ކަމަށް." ނާޒިމާ ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރުމުގެ ގޮތުން މިހާރު ވަނީ ޓްރޯމާ އެންޑް އެމަޖެންސީ ޑިޕާޓްމަންޓް އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމާ އެ މަސައްކަތް އަންނަ ހަފުތާތެރޭގައި ބަޔަކާ ހަވާލުކުރެވޭނެކަމަށް ސީއީއޯ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ޓްރޯމާ އެންޑް އެމަޖެންސީ އެކްސްޓެންޝަން ބަދަލުކުރަން ނިންމާފައިވާނީ ހޮސްޕިޓަލްގެ އުތުރު ފަޅިއަށެވެ. އީއާރަށް ވަންނަ މަގުވެސް އިންނާނީ ތިން ބުރީގެ އާ އިމާރާތް އިންނަ މަގަށެވެ.

އެހެންވުމުން އީއާރަށް ގެންނަ މީހުންނަށް މިހާރަށްވުރެ އަވަހަށް ފަރުވާދެވިގެންދާނެކަން ފާހަގަކުރައްވައި ނާޒިމާ ވިދާޅުވީ، އެ ސަރަހައްދު ތަރައްގީކޮށް ނިމޭއިރު މިހާރަށްވުރެ އަވަސް އަދި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ލިބިގެންދާނެކަމަށެވެ.

ސީއީއޯ ވިދާޅުވީ، މީގެ އިތުރުން ޑައިލިސިސް ހިދުމަތް ފުޅާކުރުމުގެ ގޮތުގައި އެނދު އިތުރުކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތް ކުރުމަށް މިހާރު ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށެވެ. މިހާރު ޑައިލިސިސް ދެމުންދާ ހަތަރު އެނދުގެ އިތުރުން، އިތުރު 6 އެނދު ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އޭރުން ޖުމްލަ 10 އެނދަށް ބަދަލުވާނެ އެވެ.

އޭނާ ވިދާޅުވީ، އެތަނުން އެއް އެނދު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އައިސީޔޫގައި ކަމަށެވެ. މިހާރު އައިސީޔޫގައި އެ ހިދުމަތް ލިބެން ނެތުމުން އެތަނުގައި އޮންނަ ބަލި މީހާ ޑައިލިސިސް ހަދަން ގެންދަން ޖެހެނީ ޑައިލިސިސް ޑިޕާޓްމަންޓަށެވެ. މިކަމުގެ ސަބަބުން ބަލި މީހާ އުފުލާ ތަކުލީފަށް ލުޔެއް ލިބިގެންދާނެކަން ނާޒީމާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ގިނަ ބަޔަކު އެދެމުންދާ އައިނު ފިހާރައި ހެދުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށާއި އެކަމަށް ބޭނުންވާ ކުރެހުމާއި އިންޓާނަލް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ނާޒިމާ ވިދާޅުވި އެވެ. އަދި އައިނު ފިހާރައިގެ ކުރެހުން ފައިނަލްކޮށް ނިމިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމާ ވިދާޅުވީ، ޓްރޯމާ އެންޑް އެމަޖެންސީ އެކްސްޓެންޝަން އާއި ޑައިލިސިސް ހިދުމަތާއި އައިނު ފިހާރައިގެ މަސައްކަތް ނިންމާ ލަސްވެގެން އަންނަ ޖެނުއަރީމަހުގެ ފަހުކޮޅު ހިދުމަތްދެވޭނެ ކަމަށެވެ.

މި މަސައްކަތްތަކާއެކު އަންނަ އަހަރަކީ ހޮސްޕިޓަލްގެ އިންފްރާސްޓްރަކްޗާއަށްވެސް ބޮޑު ބަދަލުތަކެއް އަންނާނެ އަހަރެއްކަމަށާއި މީގެ އިތުރުން ހޮސްޕިޓަލުގައި ބަލި މީހުންނަށް އެކަށީގެންވާ ކެއުންތައް ލިބޭނެ ކެންޓީނެއްވެސް ގާއިމުކުރުމުގެ މަސައްކަތްކުރަމުންކަމަށް ސީއީއޯ ވިދާޅުވި އެވެ.

އަތޮޅުތެރޭ އެންމެ ގިނަ މީހުން ހިދުމަތް ހޯދަމުންދާ މި ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް މަތިކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355