ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މިދައުރުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތައް މަތިކުރެވި ޓާޝިއަރީ ފެންވަރަށް ބަދަލުކުރެވިގެންދާނެކަމަށް އެ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު ނާޒިމާ އަލީ ވިދާޅުވެއްޖެ އެވެ.
ކޭއޯއަށް ދެއްވި ހާއްސަ އިންޓަވިއުގައި ސީއީއޯ ނާޒިމާ ވިދާޅުވީ، ޓާޝިއަރީ ފެންވަރަށް ހިދުމަތްތައް މަތިކުރަނީ އާ އިމާރާތެއް އަޅައި ޖާގަ އިތުރުކުރުމަށްފަހު ކަމަށެވެ. އެގޮތުން ހޮސްޕިޓަލުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް އަޅަން ނިންމާފައިވާ އިމާރާތް ޑިޒައިން ކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި ޑިޒައިނިންގެ މަސައްކަތް އަންނަ އަހަރުގެ ފެބުރުއަރީމަހު ނިންމޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އާ އިމާރާތް ހަދަން ހަމަޖެހިފައިވަނީ ހޮސްޕިޓަލުގެ އެތެރޭގައިކަމުން ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެހެންނަމަވެސް އިމާރާތް ނިންމަން ތާވަލުކޮށްފައިވާ މުއްދަތަށް ނިންމޭނެ ކަމަށެވެ. އާ އިމާރާތް ނިންމަން ތާވަލުކޮށްފައިވަނީ 2027 ވަނަ ވަނަ އަހަރުގެ ތެރޭގައި އެވެ. އާ އިމާރާތް ނިންމުމާއެކު ހޮސްޕިޓަލުން ދެމުންގެންދާ ގިނަ ހިދުމަތްތައް އެ އިމާރާތަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ސީއީއޯ ވިދާޅުވި އެވެ.
" އާ އިމާރާތުގެ ޑިޒައިންގެ ފުރަތަމަ ޑްރާފްޓް މިހާރު ނިމި އަޅުގަނޑުމެންގެ ހިޔާލު ހޯދަން ލިބިފައިވަނީ. ވަރަށް ފުރިހަމަ އިމާރާތެއް އަންނާނީ. އެސްޓީއޯ ފާމަސީ ހުންނަ ސަރަހައްދުގައި އިމާރާތް އަންނަނީ. އެސަރަހައްދުގައި ހުރި އިމާރާތްތައް ނެގުމާއި ހޮސްޕިޓަލުގެ އެތެރެއިން އާ އިމާރާތަށް އަރާ ތިއޭޓަރުތައް އެހެން ސަރަހައްދަކަށް ބަދަލުކޮށްފަ އިމާރާތް އަޅަން މިފެށެނީ. އެހެންވުމުން ގޮންޖެހުންތައް އެބަހުރި. އެކަމަކު ޓައިމްލައިނަށް މަސައްކަތް ނިންމަން ރައީސް އޮފީހާއި މިނިސްޓްރީން ވަރަށް މަސައްކަތްކުރައްވާ." ނާޒިމާ ވިދާޅުވި އެވެ.
ހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ މައްސަލަކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުވީ، ޖާގައިގެ މައްސަލަ ހައްލުވެގެން ނޫނީ ޓާޝިއަރީ ހިދުމަތް ފަށަން ދަތިވާނެކަމަށެވެ. މިވަގުތުވެސް ސާރޖިކަލް ވާރޑުގައި ތިން ވައްތަރެއްގެ ބަލި މީހުން ގެންގުޅޭއިރު އެތަނުގައި ހުންނަނީ އެންމެ 15 ބެޑްކަމަށާއި އެއީ 72 ގެ އާބާދީއަށް ހިދުމަތްދޭއިރު ވަރަށް ލިމިޓެޑް އަދަދެއްކަން ނާޒިމާ ފާހަގަކުރެއްވި އެވެ.
ނާޒިމާ ވިދާޅުވީ، އާ އިމާރާތުގައި އެންމެ ފުރަތަމަ ގާއިމުކުރާނީ ކެތު ލެބެއް ކަމަށާއި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދައުރު ނިމުމުގެ ކުރިން ކެތު ލެބް ގާއިމުކޮށް ސާރޖަރީސް ފަށާނެ ކަމަށާއި އަދި މީގެ އިތުރުން ނިއުރޯ ސާރޖަރީ (ނާރުގެ އޮޕަރޭޝަންތައް)ވެސް ކުރެވޭ ވަރުވާނެކަމަށް ސީއީއޯ ވިދާޅުވި އެވެ. ނާޒިމާ ވިދާޅުވީ އާ އިމާރާތާއެކު ޔޫރޮލޮޖިސްޓެއްގެ ގެނެސް ސިސްޓް ރިމޫވްކުރެވޭވަރުވެސް ކުރާނެ ކަމަށާއި މީގެ އިތުރުން ލޮލުގެ ސާރޖަރީތައްވެސް ކުރެވޭވަރުކުރާނެ ކަމަށަ އޭނާ ވިދާޅުވި އެވެ.
އާ އިމާރާތުގެ މަސައްކަތް ނިމުމުން މިހާރުވެސް ވަރަށް ކުޑަ ޖާގައެއްގައި ހިންގަމުންދާ ދެ ޑިޕާޓްމަންޓްކަމަށްވާ ދަތުގެ ހިދުމަތާއި ފިޒިއޮތެރެޕީގެ ހިދުމަތްވެސް އާ އިމާރާތަށް ބަދަލުކުރެވި ފުޅާކުރެވިގެންދާނެކަމަށް ސީއީއޯ ނާޒިމާ ވިދާޅުވި އެވެ.
ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު ހިތުގެ މައްސަލަތަކުގައި އާއި ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކާއި ސްޓްރޯކް ޖެހުން ފަދަ މައްސަލަތަކުގައި މާލެއަށް ފޮނުވަން ޖެހެ އެވެ. ރައީސް ޑރ މުއިއްޒު ވައުދުވެވަޑައިގެންފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި އެފަދަ ބޮޑެތި އޮޕަރޭޝަންތައް ކުރެވޭ ވަރަށް ހިދުމަތް ފުޅާކުރައްވާނެ ކަމަށެވެ.




