ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ބަޔޯމެޓްރިކްސް ނުދީ ތިބި ބިދޭސީން މާދަމާ އިން ފެށިގެން ޑީޕޯޓް ކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕީއެންސީން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަކީ ރައްޔިތުންނަށް ވެވަޑައިގެން ވައުދުފުޅެއް ކަމަށާއި އޭގެ ތެރޭގައި މަސްތުވާތަކެއްޗާއި ގޭންގުތަކާއި ބިދޭސީންގެ މައްސަލަ ހައްލުކޮށްދެއްވުން ހިމެނޭ ކަމަށެވެ.
ބިދޭސީންގެ މައްސަލައަކީ މިދިޔަ ހުރިހާ ވެރިކަމެއްގައި ވެސް އޮތް މައްސަލައެއް ކަމަށާއި އެކަން ބޮޑުވަމުން އައިއިރު ވެސް އެކަން ހައްލުކުރަން މަސައްކަތްތަކެއް ކޮށްފައި ނުވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް މި ސަރުކާރުން "ކުރަނގި އޮޕަރޭޝަން" ފެށިއިރު ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދު ވެސް ނޭނގޭ ކަމަށާއި އެ މީހުންނާ ގުޅޭ އެއްވެސް ތަފާސްހިސާބެއް ނެތް ކަމަށެވެ.
ނަމަވެސް މި ސަރުކާރުން ފެށި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގާފައިވާކަމަށާއި ރާއްޖޭގައި ތިބީ ކޮން ބިދޭސީންނެއް ކަމާއި އެ މީހުން ތިބީ ކޮން ތަނެއްގައި ކަން ވެސް މިހާރު އެނގޭކަމަށް ރައީސް ވިދާޅުވި އެވެ.
ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް ދިން މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާ ކަމަށާއި އެ މުއްދަތާ ހަމައަށް އެ މައުލޫމާތު ނުދީ ރާއްޖޭގައި ބިދޭސީއަކު އުޅޭ ނަމަ ޑީޕޯޓް ކުރަން ފަށާނެކަމުގެ ރައީސް ވިދާޅުވި އެވެ
ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި ވެސް ވަނީ ރާއްޖޭގައި އެކި ކުށްތަކަށް އަރައިގަންނަމުން އައި ބިދޭސީން ހިމެނޭ ގޮތަށް 9،021 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާ ކަމަށެވެ.




