twitterviber whatsapp telegramfacebookyoutube instagram
18th November 2025

އަންނަ އަހަރުން ފެށިގެން ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ދެނީ

Nov 18, 2025

ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އަންނަ އަހަރުން ފެށިގެން އާސަންދަ ހަމަޖައްސައިދޭން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފި އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ސޯޝަލް ސެންޓުގައި ބޭއްވި ހާއްސަ ހަފުލާގައި ރައީސް ވިދާޅުވީ ނަފުސާނީ ބައްޔަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް އެކަމަށް ކުރާ ފަރުވާތަކަށް މިއަދާ ހަމައަށް ވެސް އާސަންދަ ނުލިބޭ ކަމަށެވެ.

ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުން މީގެ ކުރިން ވަނީ ދަރިމައިވުމުގެ މައްސަލަތަކާ ގުޅޭ ބައެއް ފަރުވާއަށް ވަކި ޝަރުތަތަކާ އެކު އާސަންދަ ލިބޭ ގޮތް ވެސް ހަދައިފަ އެވެ.

އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާ ތަރައްގީ ކުރަން ރައީސް ވަނީ މިރޭ ފާހަގަކުރައްވައިފަ އެވެ. އެކަމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ވެސް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 15 ރަށެއްގައި ސީޓީ ސްކޭން ހިދުމަތް ގާއިމް ކުރާނެ އެވެ. އަދި ޓާޝަރީ ހޮސްޕިޓަލްތަކުގެ ތެރެއިން އެމްއާރުއައިގެ ހިދުމަތް ނެތް ހޮސްޕިޓަލްތަކުގައި އެކަން ވެސް ފަށާނެކަން ރައީސް އިއުލާން ކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރަށްރަށުގެ ސިއްހީ މަރުކަޒުތައް އެ ރަށެއްގެ ނިސްބަތުން ތަރައްގީކޮށް، ރަށުން ބޭރަށް ނުގޮސް ކޮންމެ ރަށެއްގައި ވެސް ތިބެގެން ލެބޯޓްރީ ޓެސްޓްތައް ހެދޭނެ މިންވަރަށް އެ ހިދުމަތް ފުޅާކޮށް މުވައްޒަފުން ހޯދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355