twitterviber whatsapp telegramfacebookyoutube instagram
19th November 2025

ހައުސިން މަޝްރޫއު ލަސްކޮށް، އަވަސް ކުރެވޭ ވަރުގެ އިހްތިޔާރާއި ބާރެއް ކައުންސިލަށް ނެތް: މޭޔަރު

Nov 19, 2025

ކުޅުދުއްފުށީގައި ގާއިމްކުރާ 400 ހައުސިން މަޝްރޫއުއަކީ ސަރުކާރުގެ ބަޖެޓުން ހިންގާ މަޝްރޫއުއެއް ކަމަށާއި އެ މަޝްރޫއު ލަސްކޮށް، އަވަސް ކުރެވޭ ވަރުގެ އިހްތިޔާރާއި ބާރެއް ކައުންސިލަށް ލިބިގެން ނުވާ ކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

މޭޔަރު މިހެން ވިދާޅުވީ، ކުޅުދުއްފުށީގައި މިދިޔަ ސަރުކާރުން ފެށި 400 ހައުސިން ޔުނިޓްގެ މަސައްކަތް ހުއްޓުމުގައި ސިޓީ ކައުންސިލްގެ އިހުމާލު އެބައޮތް ކަމަށް ކައުންސިލް މެންބަރު އިބްރާހިމް އަހުމަދު ވިދާޅުވުމާ ގުޅިގެންނެވެ.

މޭޔަރު އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 400 ހައުސިން ޔުނިޓްގެ މަޝްރޫއު ހުއްޓިފައި އޮންނާތީ މި ސަރުކާރުގެ އެކަމާ ގުޅުންހުރި ވަޒީރާއި ވުޒާރާގެ އިސް ބޭފުޅުންނާއި 2024 އަދި 2025 ވަނަ އަހަރު ވެސް ކައުންސިލުން ބައްދަކޮށް އެކަމުގެ ކަންބޮޑުވުން އުފުލާ އެ މަޝްރޫއު އަވަސްކޮށްދެއްވުމަށް އެދިފައިވާނެ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުވި ދެ ފަހަރުވެސް އެންމެ އިސްކަމެއްދެއްވައިގެން ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްދެއްވުމަށް އެދިފައިވާނެ ކަމަށެވެ.

"400 ހައުސިން ޔުނިޓަކީ މައި ސަރުކާރުން އިއުލާންކޮށްގެން މައި ސަރުކާރުގެ ބަޖެޓުން ކުރިއަށް ގެންދާ މަޝްރޫއެއް، އެ މަޝްރޫއު ލަސްކޮށް އަވަސް ކުރެވޭ ވަރުގެ އިހްތިޔާރާ ބާރެއް ކައުންސިލަށް ލިބިގެން ނުވާކަން ކައުންސިލަރުންނަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ، އަދި އެ މަޝްރޫއުގައި ކައުންސިލްގެ އިހުމާލުއޮތްކަމަށް ކައުންސިލަރު އިބްރާހިމް އަހްމަދު ވިދާޅުވާނަމަ، ޒިންމާދާރުގޮތަކީ އެވީ އިހުމާލަކާއި އެކަމުގެ ސާފު ހެކި ދެއްކުން، އެފަދަކަމެއް ހިނގާފައިވާނަމަ އަޅުގަނޑާ ހިސާބަށްވެސް އެ މައްސަލައާއި އެކަމުގެ މައުލޫމާތު ގެނެސްދެއްވަންވާނެ،" މޭޔަރު ވިދާޅުވި އެވެ.

އެފަދަ އެއްވެސް ވާހަކައެއް މިހާހިސާބަށް ވެސް ހިއްސާކޮށްފަނުވާ ކަމަށާއި އަދި ގަބޫލުކުރާ ގޮތުގައި އެފަދަކަމެއް ވާނަމަދެ އަހަރުވެގެންދިޔައިރު ސަރުކާރުން ވެސް އެކަން އަންގާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިމާރާތްކުރަން ފެށި މި ހައުންސިން ޔުނިޓްތަކަކީ އަތޮޅުތެރޭގައި ހިންގާ އެންމެ ބޮޑު ހައުންސިން މަޝްރޫއު އެވެ. އެ ހައުންސިން ޔުނިޓްތަކުގެ މަސައްކަތް ހުއްޓުނީ ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށްވެ އެވެ.

މަސައްކަތް ނިންމަމުންދާ ވަރަކަށް މިނިސްޓްރީއަށް ބިލްތައް ހުށަހަޅާއިރު ބިލްތަކަށް ފައިސާ ނުދައްކާ ކަމަށާއި އެހެންވުމުގެ ސަބަބުން އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުދެވިވާ ކަމަށް ވެސް މީގެކުރިން ރިޕޯޓްކޮށްފައިވެ އެވެ.

ޑިޒައިން އެންޑް ބިލް އުސޫލުން ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް ގާތްގަނޑަކަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355