ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަނުން ބާއްވާ އެންޓުޕްރެނާސް ކޮންފްލޫއެންސް މިއަދު ކުޅުދުއްފުށީގައި ފަށަން ތައްޔާރުވެއްޖެ އެވެ.
އެކަން އިންތިޒާމުކުރާ ފަރާތުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ، މިފަހަރުގެ ކޮންފްލޫއެންސްގައި 16 ސްޓޯލެއް ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުގެ ކާބޯތަކެތި ވިއްކާ ސްޓޯލްތަކާއި އާރޓް އެންޑް ކްރާފްޓް އަދި ސާވިސް ބިޒްނަސް ސްޓޯލްތައް ހުންނާނެ ކަމަށެވެ.
ކޮންފްލޫއެންސްގެ ސްޓޯލްތައް މާދަމާ ހަވީރު ފެށިގެން ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށްދާނެ ކަމަށެވެ.
މި އެންޓުޕްރެނާސް ކޮންފުލޫއެންސްގައި ހޮނިހިރުވެސް ކުރިއަށްދާނެ އެވެ. ހޮނިހިރު ދުވަހު ހެނދުނު 8:30 – 16:30 މި ޕްރޮގުރާމު ކުރިއަށްދާނެކަމަށް އިންތިޒާމު ކުރާ ފަރާތުން މައުލޫމާތުދެ އެވެ.
މި އިވެންޓްގައި ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނީ ހޮނިހިރުދުވަހު އެވެ. ޕެނަލިސްޓުންގެ ގޮތުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު އާއި އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރު އައިމިނަތު އަލީގެ އިތުރުން މަޝްހޫރު، ވިޔަފާރިވެރިން ބައިވެރިވެލައްވާނެ އެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕެނަލް ޑިސްކަޝަންތައް އަޑުއެހުމަށް އާންމުންނަށް ވަނީ ހުޅުވާލާފަ އެވެ. މި ކޮންފްލޫއެންސްގައި ގައުމީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ މަހުމޫދު ޝައުޤީވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މިއީ ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން އިން ދަރިވަރުންގެ ޔޫނިއަންގެ ކުޅުދުއްފުށީ ކެމްޕަހުގައި ގާއިމްކުރެވިފައިވާ ގޮފި ގުރުޒު އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށި ކެމްޕަހާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި ގުޅިގެން ކުޅުދުއްފުށި ކުރިއަށްގެންދާ ހަރަކާތެކެވެ.




