twitterviber whatsapp telegramfacebookyoutube instagram
22nd November 2025

ޒިގްޒެގް ފުޓްސަލް މުބާރާތް ފަށަނީ، ނުވަ ޓީމަކުން ވާދަކުރޭ

މުޙައްމަދު އަހުމަދު
Nov 22, 2025

ޒިގްޒެގުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އިންޓަ އޮފީސް ފުޓްސަލް މުބާރާތް ފަށަން ތައްޔާރުވެއްޖެ އެވެ.

ޒިގްޒެގްގެ 11 ވަނަ އިންޓަ އޮފީސް ފުޓްސަލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ އަށެއް ޖަހާއިރު ކުޅުދުއްފުށި ޕޯޓް ރެކްރިއޭޝަން ކްލަބް (ކޭޕީއާރުސީ) އާ ކުލަބް ކޭއާރުއެޗް ބައްދަލުކުރާ ފޯރިގަދަ މެޗުންނެވެ.

މި އަހަރުގެ މުބާރާތަށް ބަލާއިރު އެހެން އަހަރުތަކާ ޚިލާފަށް ވާދަކުރާ ޓީމުތަކުގެ އަދަދު މަދު ކަން ފާހަގަ ކުރެވެ އެވެ. މިފަހަރުގެ މުބާރާތުގައި ވާދަކުރާނީ ޖުމްލަ ނުވަ ޓީމަކުންނެވެ.

މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެން ސީދާ ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ޓީމުތައް މަދުވުމުގެ ސަބަބުން މި އަހަރު ކުއާޓާ ފައިނަލް ނުކުޅޭނެ އެވެ.

މި އަހަރުގެ މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ކުލަބް ކޭއާރުއެޗްއާ ކޭޕީއާރުސީގެ އިތުރުން ޔުނައިޓެޑް ބީއެމްއެލްއާ ދިރާގެވެ. ގްރޫޕް ބީގައި ހިމެނެނީ ފަސް ޓީމެކެވެ. އެއީ ކުލަބް އެމްޓީސީސީއާ ކުލަބް ވެމްކޯ އަދި ކުލަބް ކޭސީޕީގެ އިތުރުން ކޭސީސީއާރުސީއާއި އާރުއާރުސީ އެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭ ނުވައެއް ޖަހާއިރު ކުޅެވޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ބީއެމްއެލްއާ ދިރާގެވެ.

ތިންވަނަ މެޗުގައި 10 ޖަހާއިރު ގްރޫޕް ބީގައި ނުކުންނާނީ އާރުއާރުސީއާއި ކުލަބް އެމްޓީސީސީ އެވެ. އަދި 11 ޖަހާއިރު ކުޅެވޭ ފަހު މެޗުގައި ވާދަކުރާނީ ކުލަބް ވެމްކޯއާއި ކުލަބް ކޭސީޕީ އެވެ.

މިމުބާރާތަކީ ކުޅުދުއްފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާއި ސަރުކާރު އަދި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އޮފީސްތަކުގެ ފުޓްސަލް މުބާރާތެކެވެ.

މި އަހަރުގެ މުބާރާތުގައި ނުވަ ޓީމަކުން ވާދަކުރާއިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭ 08:30 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355