twitterviber whatsapp telegramfacebookyoutube instagram
27th November 2025

ރެޒާގެ ހެޓްރިކާއެކު ބީއެމްއެލް ކަޓުވާލާ ކޭއާރުއެޗް ސެމީއަށް

މުޙައްމަދު އަހުމަދު
Nov 27, 2025

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ގްރޫޕު ސްޓޭޖުގެ ފަހު މެޗުތައް ފޯރިގަދަކަމާއެކު ނިންމާލިއިރު ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެ އެވެ.

ރޭ ކުޅެވުނު މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަ މެޗަކަށް ވެގެން ދިޔައީ ޔުނައިޓެޑް ބީއެމްއެލްއާ ކުލަބް ކޭއާރުއެޗް ބައްދަލުކުރި މެޗެވެ. ދެޓީމުން ވެސް ލެޔަށް ކުޅުނުއިރު މެޗަށް ނުކުތްއިރު ވެސް މިމެޗުން މޮޅުވާން ދެޓީމަށް ވެސް އޮތީ މަޖުބޫރުވެފަ އެވެ. އެއީ ބަލިވާ ޓީމެއް މުބާރާތާ އަލްވަދާއު ކިޔަން ޖެހޭނެތީ އެވެ.

ފޯރިގަދަ މޮޅު ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނުނު ނަމަވެސް އިރާނަށް ނިސްބަތްވާ މުހައްމަދު ރެޒާ ރަހްމާނިއާ ހެޓްރިކާއެކު މިމެޗު ކާމިޔާބުކުރީ ކްލަބް ކޭއާރުއެޗުންނެވެ. 5 - 2 ގެ ނަތީޖާއަކުން ކޭއާރުއެޗުން މިމެޗު ކާމިޔާބުކުރިއިރު އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ރެޒާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ހެޓްރިކެއް ހަދާފަ އެވެ. އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ. މި ބައްޔާއެކު މުބާރާތާ ބީއެމްއެލްއިން ވަނީ އަލްވަދާއު ކިޔާފަ އެވެ.

މިމެޗުން މޮޅުވެގެން ފަސޭހަކަމާއެކު ސެމީގެ ފުރުސަތް އެޓީމަށް އޮތް ނަމަވެސް ރޭ ކުޅެވުނު މެޗުން މޮޅުވެވޭ ގޮތެއް އެޓީމަކަށް ނުވި އެވެ. ގްރޫޕު އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު ސެމީއަށް ކޭޕީއާރުސީ ދަތުރުކުރިއިރު ދެވަނައަށް 6 ޕޮއިންޓާއެކު ދަތުރުކުރީ ކުލަބް ކޭއާރުއެޗުންނެވެ. 3 ޕޮއިންޓާއެކު ބީއެމްއެލް 3 ވަނައަށް ދިޔައިރު ފުލުގައި އޮތް ދިރާގަށް ޕޮއިންޓެއް ނުލިބެ އެވެ.

މިމެޗުގައި ކޭއާރުއެޗުގެ އަނެއް ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މަމްދޫހް އިބްރާހިމްއާއި އަބޫބަކުރު އާދަމްގެ އިތުރުން އެޓީމުގެ ބިދޭސީ އަނެއް ކުޅުންތެރިޔާ ކެނެޝްބެކޯވް ޒަނާރބެކް އެވެ. މިމެޗުގައި ބީއެމްއެލުގެ ދެގޯލު ވެސް އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖާޒީ ނަންބަރު 11 ހަމްދޫން އަހްމަދު އެވެ.

އެހެން މެޗުތަކަށް ބަލާލާއިރު އަލީ ޝިޔާހު (ޝިޔާ)ގެ މޮޅު ކުޅުމާއެކު އެމްޓީސީސީން ކުޅުދުއްފުށި ސިޓީ ޕޮލިސް ކުލަބުގެ މައްޗަށް ވަނީ ފަސޭހަ މޮޅެއް ހޯދާ އެޓީމުން ސައްތައިން ސައްތަ ރެކޯޑަކާއެކު ސެމީގެ ޖާގައެއް ހޯދާފަ އެވެ. މިމެޗުގައި ސިޔާ ދެލަނޑު ޖެހއިރު ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ ރަޔާން އާއި ސާމިންގެ އިތުރުން އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހާސިލްކުރީ މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އަލީ ޝިޔާހު (ޝިޔާ) އެވެ.

މިމެޗުން މޮޅުވެގެން ކޭސީޕީއަށް ސެމީއަށް ދަތުރުކުރުމުގެ ފުރުސަތު އޮތެވެ، އެހެންނަމަވެސް މިމެޗުން ބަލިވުމާއެކު މިގްރޫޕުން ސެމީއަށް ދަތުރުކުރީ ޖުމްލަ 3 މެޗުން ހޯދި 7 ޕޮއިންޓާއެކު ދެވަނައިގައި ރޯޑް ރެކްރިއޭޝަން ކުލަބެވެ. އެމްޓީސީސީ އެއްވަނައިގައި ސެމީއަށް ދަތުރުކުރީ ކުޅުނު 4 މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު އެވެ. މިގްރޫޕުގެ ފުލަށް ދިޔައީ އެއްވެސް މެޗަކުން މޮޅުނުވެ އޮތް ކޭސީސީއާރުސީ އެވެ.

ރޭ ކުޅެވުނު ފަހު މެޗުގައި ބައްދަލުކުރީ ކުލަބް ވެމްކޯއާއި ކޭސީސީއާރުސީ އެވެ. 8 - 3 ގެ ނަތީޖާއަކުން ވެމްކޯ މިމެޗު ކާމިޔާބު ކުރި ނަމަވެސް މެޗަށް ނުކުތްއިރު ވެސް ދެޓީމަށް ވެސް ވަނީ ސެމީގެ ފުރުސަތު ގެއްލިފަ އެވެ. މިމެޗުގައި ވެމްކޯގެ ޒުވާން ތަރި އަލީ އަލްސަންގެ ފަރާތުން 4 ގޯލު ފެނިގެންދިޔައިރު ފިޒާން ވަނީ ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި އަނެއް ލަނޑުތައް ޖަހައިދިނީ ނާއިހު މުފީދުގެ އިތުރުން ޒައިދު މުހައްމަދެވެ. ކެސީސީއާރުސީގެ 3 ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ވިސާމް އެވެ.

މުބާރާތުގެ ސެމީ ފައިނަލް އޮންނާނީ 28 ނޮވެމްބަރުވާ ހުކުރު ދުވަހު އެވެ. އެރޭގެ ފުރަތަމަ ސެމީގައި ކޭޕީއާރުސީން ނުކުންނާނީ ގްރޫޕު ބީގެ ދެވަނައިގައި ސެމީއަށް ދިޔަ އާރުއާރުސީ އާ ދެކޮޅަށެވެ. އަދި ހަމަ އެދުވަހު ދެވަނަ ސެމީ ވެސް ކުޅެވޭނެ އެވެ. ދެވަނަ ސެމީގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ކުލަބް އެމްޓީސީސީ އާއި ކުލަބް ކޭއާރުއެޗެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355