ސިޓީ ކައުންސިލުން ކުޅުދުއްފުށީގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ކުންފުނިތަކަށް ނާޖައިޒު ފައިދާ ހޯދައިދިނުމަށް މަގުފަހިކުރާ ކަމަށް ލޯކަލް ގަވަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަހުމަދު (ޖިހާދޭ) ތުހުމަތުކުރައްވައިފި އެވެ.
ސޯޝަލް މީޑިއާގައި ޖިހާދޭ ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ހުރިހާ ވައްކަމަކީ ސިއްރިއްޔާތުގައި ކުރާ ވައްކަމެއް ނޫން ކަމަށާއި ބައެއް ވައްކަންތަކަކީ ވަރަށް ފާޅުގައި ކުރާ ވައްކަންތައްކަން ފާހަގަކުރެއްވި އެވެ. އަދި ޓްރާންސްޕޭރަންޓްކޮށް ހުރިހާ ކަމެއް ހާމަކުރުމަކީ ވައްކަން ނުކުރާ ކަމުގެ ހެއްކެއް ނޫން ކަމަށާއި ހުރިހާ ކަމެއް ދައްކަމުން، ޕަބްލިޝްކުރަމުންވެސް ރައްޔިތުންގެ ލޯތަކަށް އޮޅުވާލެވިދާނެކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ވާދަވެރި ބިޑް އުސޫލުން ސިޓީ ކައުންސިލުން ކުޅުދުއްފުށީގައި އަންނަނީ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. ލާމަރުކަޒީ ގާނޫނު ލިބުނު ބާރުތަކާއެކު އެ މަޝްރޫއުތައް ހިންގަމުންދަނީ ރަށުގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.
ޖިހާދޭ ވިދާޅުވީ، ބިޑަށް ހުޅުވާލުމުން އެންމެ ކުޑަ އަގެއް ހުށަހަޅައިގެން މަޝްރޫއުތައް ކާމިޔާބު ކުރުމަށްފަހު ވޭރިއޭޝަންގެ ނަމުގައި އިތުރަށް ގިނަ އަދަދެއްގެ ފައިސާ އިތުރުކުރުމާއި މުއްދަތު އިތުރުކުރުމަކީ ވަރަށް ނަހަމަ ގޮތެއްގައި މުއައްސަސާތަކުން ކުރަމުން އަންނަކަމެއް ކަމަށެވެ. މިއީ ދުނިޔޭގައިވެސް ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ހިންގުމަށް އެންމެ ބޮޑަށް ބޭނުން ކުރާ އެއް ގޮތްކަމުގައި އޭނާ ވިދާޅުވި އެވެ.
ވޭރިއޭޝަންގެ ނަމުގައި ގިނަ އަދަދެއްގެ ފައިސާތަކެއް ނުވަތަ ފައިދާތަކެއް އެކިގޮތްގޮތުން ނަހަމަ ގޮތުގައި ކުންފުނިތަކަށް ދިނުމަކީ ނާޖައިޒު ފައިދާ ހޯދުމަށް ވަރަށް ގިނަ މުއައްސަސާތަކުން ކުންފުނިތަކާ ގުޅިގެން ކުރާ ކަމެއްކަމުގައިވެސް އޭނާ ވިދާޅުވި އެވެ..
"މި ހިނގާ 2025 ވަނަ އަހަރު އެކި އެކި ޕްރޮޖެކްޓްތަކުގެ ވޭރިއޭޝަންގެ ގޮތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ޖުމްލަ 100 އަށްވުރެ ގިނަ ވޭރިއޭޝަން ފާސްކޮށްފައިވާކަމަށް އާންމުކޮށްފައިވާ ކައުންސިލްގެ ޕްރޮކިއުމަންޓް ރެކޯޑްތަކުން ފެންނަން އެބައޮތް. މިއީ އެކިއެކި ޕްރޮޖެކްޓްތަކުގެ މުއްދަތު އިތުރުކުރަން 77 ވޭރިއޭޝަންއެއް އަދި އަގު އިތުރުކުރަން ޖުމްލަ 26 ވޭރިއޭޝަންއެއް. މި 103 ވޭރިއޭޝަންއިން އެތައް އެތައް ރެޑް ފްލެގްތަކެއް ފެންނާން އެބަހުރި." ޖިހާދޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވޭރިއޭޝަންތަކުން މުއްދަތު އިތުރުކުރުމަށް ފާސްކޮށްފައިވާ ޖުމްލަ ދުވަހުގެ އަދަދަކީ 3098 ދުވަސް ނުވަތަ 8 އަހަރާއި 5 މަހާއި 28 ދުވަސް ކަމަށާޢި ވޭރިއޭޝަންތަކުން އަގު އިތުރުކުރުމަށް ފާސްކޮށްފައިވާ ޖުމްލަ އަދަދަކީ 1.49 މިލިއަން ރުފިޔާ ކަމަށެވެ.
މި ވޭރިއޭޝަންތަކުން ފާހަގަވާ ކަމަށް ޖިހާދޭ ވިދާޅުވާ ބައެއް ކަންކަން:
• އެއް ކޮންޓްރެކްޓަރުންތަކަކަށް ގިނަ ވޭރިއޭޝަންތަކެއް އެވާޑްކޮށްފައިވުން.
• ގިނަ ވޭރިއޭޝަންސްތަކެއްގައި ދިގު މުއްދަތުތަކެއް އެވާޑްކޮށްފައިވުން.
• ހިންގާފައިވާ ގިނަ ޕްރޮޖެކްޓްތަކުގައި ކޮންމެވެސް ވޭރިއޭޝަންއެއް ހިމެނިފައިވުމާއި، އެއް ޕްރޮޖެކްޓަކަށް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ވޭރިއޭޝަން ގެނެވިފައިވާކަން.
• ބިޑް ކޮމިޓީއަށް ކައުންސިލަރުންގެ ނުފޫޒު ފާވެފައިވުމުގެ ފުރުސަތު ފެންނަން އޮތުން.
• ވޭރިއޭޝަންތަކަކީ ދިވެހިރާއްޖޭގައި ނާޖައިޒު ގޮތުގައި ފައިދާނަގަން އެންމެ ގިނައިން ބޭނުންކުރާ އެއް ގޮތް ކަމަށްވާއިރު އަހަރެއްގެ ތެރޭގައި 103 ވޭރިއޭޝަން ފާސްކޮށްފައި އޮތުމަކީ ރައްޔިތުންނާއި ދައުލަތުގެ ކަމާ ބެހޭ މުވައްސަސާތަކުން މިކަމާ ސުވާލު އުފައްދަން ޖެހޭ ކަމެއްކަން.
• ވޭރިއޭޝަންތަކަކީ އޭގައި ޕޮލިޓިކަލް ފޭވާސް އާއި ބެނެފިޓްސް އަދި ކޮމިޝަނާއި ރިޝްވަތު ވަރަށް ބޮޑަށް ހިމެނުމުގެ ފުރުސަތު އޮތް އެއްޗެއްކަން.
• ޕްރޮޖެކްޓްތައް ޕްލޭން ކުރުމުގައި ހުރި ދޯހަޅިކަން އަދި އިންއެފިޝިއެންޓްކަން.
• ބައެއް ކޮންޓްރެކްޓަރުންނަށް ދެތިން ޕްރޮޖެކްޓެއްގެ ތެރެއިން 14 އަށްވުރެ ގިނަ ވޭރިއޭޝަން އެވާޑްކޮށްފައިވާކަން.
• ޕްރޮޖެކްޓަކަށް ވޭރިއޭޝަން ގެނައުމަކީ އެކަމުން ރައްޔިތުންގެ ފައިސާއިން އެތައް ގުނައެއް ޚަރަދު ބޮޑުވާކަމެއްކަން.
• ޕްރޮޖެކްޓްތަކުގެ ގަވާނަންސް އަދި ސްޕަވިޝަންއާއި ޕްލޭނިންއާ މެދު އެތައް ސުވާލެއް އުފޭދޭކަން.
ބްލޮކް ގުރާންޓްގެ ގޮތުގައި ދައުލަތުގެ އާމްދަނީގެ 5 އިންސައްތަ ކައުންސިލްތަކަށް ދޫކުރާއިރު ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ވެސް އަހަރަކު ގާތްގަނޑަކަށް 50 މިލިއަންގެ ބަޖެޓެއް ލިބޭ ކަމަށާއި މި ހިނގާ 2025 ވަނަ އަހަރަށް ސިޓީ ކައުންސިލުން ވަނީ 127 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ފާސްކޮށްފައިވާ ކަމަށެވެ. އެއީ މި އަހަރަށް ކައުންސިލަށް ދޫކޮށްފައިވާ ބުލޮކް ގުރާންޓާއި، ކައުންސިލަށް ވަންނަ އާމުދަނީއާއި، ކެރީ ފޯވާޑް ކުރެވިފައިވާ ބަޖެޓްގެ ގޮތުގައި ލިބިފައިވާ ފައިސާކަމަށް ޖިހާދޭ ވިދާޅުވި އެވެ.
"ވިސްނާލަން ޖެހޭ ކަމަކީ މިފަދަ ބޮޑެތި ބަޖެޓްތަކުން އާންމު ރައްޔިތުންގެ ޖީބަށް ބޮޑުކުރަން ހިންގުނީ ކޮން ޕްރޮޖެކްޓެއްތޯ؟ ކުޅިވަރު ކުޅުމާއި، ޕާކް ހެދުމާއި މައިޒާން ހެދުމާއި، ލޭންޑް ސްކޭޕިންއާ މަރާމާތު ވެސް މުހިންމު. ނަމަވެސް އާންމު ރައްޔިތުންގެ ޖީބަށް ފައިދާވާ ކަހަލަ ކޮންކަމެއްތޯ ކުރެވުނީ؟ ކުޅުދުއްފުށީގެ އިޤްތިސާދު ރަނގަޅުކުރަން ކޮން ކަމެއްތޯ ކުރެވުނީ؟ ޓޫރިޒަމް އެޑްވައިޒަރީ ބޯޑެއް ހެދުން ނަމަވެސް ޓޫރިޒަމް ޑެސްކެއް ބަހައްޓާ ނުލެވި ލޯކަލް ޓޫރިޒަމްގެ މަންފާ ލިބޭނެގޮތެއް ހަދާ ނުލެވި މި ދަނީ އަޅެ ކީއްވެތޯ؟." ޖިހާދޭ ވިދާޅުވި އެވެ.
ޖިހާދޭ ވިދާޅުވީ، މިހާރުވެސް ކުޅުދުއްފުށީގައި އެންމެ ފަޤީރު ހާލަތުގައި އުޅޭ 100 އަށް ވުރެ ގިނަ އާއިލާ އުޅޭ ކަމަށާއި މިއީ ދުވާލަކު އެއް ފަހަރު ވެސް ރަނގަޅަށް ކާލައިގެން އުޅެވޭ އާއިލާތަކެއް ނޫން ކަމަށެވެ. އަދި ލިޔަންކިޔަން ނޭނގޭ 300 އެއްހާ ކުދިން އުޅޭކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ އާއިލާތަކާ މިފަދަ އެންމެ ހާލުގައި އުޅޭ ރައްޔިތުންނަށްޓަކާ އަޅުގަނޑުމެންނަށް ކޮށްދެވުނީ ކޮންކަމެއްތޯ އެބަ ސުވާލު ކޮށްލަންޖެހޭ. އަދި އަޅުގަނޑުމެން އާންމު ރައްޔިތުންގެ ޖީބުތައް މުއްސަނދި ކޮށްދިނުމަށްޓަކައި ކޮށްދެވުނީ ކޮންކަމެއްތޯ ސުވާލުކޮށްލަން ޖެހޭ. އަދި ނެޝަނަލް ލެވެލްގައި އަޅުގަނޑުމެންގެ ރަށަށް ތަރައްޤީ ހޯދައިދިނުމަށް ކުރެވުނީ ކޮންކަމެއްތޯ ސުވާލު އުފައްދަން ޖެހޭ." ޖިހާދޭ ވިދާޅުވި އެވެ.
ސެލެބުރިޓީ ހެދުމާއި ވާހަކަ ދެއްކުމަކީ ކާމިޔާބީ މިންކުރަން ޖެހޭ މިންގަނޑެއް ކަމުގައި ހަދައިފިނަމަ ހަލާކުވެގެން ހިނގައިދާނެ ކަމަށާއި ދެތިން ކުޅިވަރު މުބާރާތަކާއި ޕާކްތަކާއި، މައިޒާންތަކާ ހަދާދިނީމާ ލޯ ކަނު، ބީރު މަންމަން ބަޔަކަށް ވެއްޖެނަމަ ގެއްލި ނިކަމެތިވެގެން ހިނގައިދާނެ ކަމަށެވެ. އަދި މިކަންކަމުގެ ޒިންމާ ރަށުގެ އިސްވެރިޔާ ނަގަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.




