ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރު ކުރާ ބޯޓެއްގައި ފަޅުވެރިއެއްގެ މަސައްކަތް ކުރި މީހަކު އުމުރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އެ ހުކުމް އިއްވީ ދައުލަތުން އެމީހާގެ މައްޗަށް އުފުލި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. ދައުލަތުން އެ ދައުވާ އޭނާގެ މައްޗަށް ކުރީ ނޯތު ހާބަރުން އޭނާ ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރެއިން އޭނާގެ ޖިންސު ޖީބުގެ ތެރެއިން 50 ގްރާމް ޑައިމޯފިން ހުރި ކޮތަޅެއް ފެނިފައިވާތީ އެވެ.
ދައުވާއަށް އޭނާ އިންކާރުކުރި ނަމަވެސް، ދިފާއުގައި ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ. އޭނާ ވެސް ދިފާއުގައި އޭނާ ބުނަނީ އެ ކޮތަޅުގައި މަސްތުވާތަކެތި ހުރި ކަން އޭނާއަށް ނޭނގޭ ކަމަށާއި އެއީ ގޮތް ނޭނގޭ މީހަކު ދިން ކޮތަޅެއް ކަމަށެވެ.
ނަމަވެސް، މި މައްސަލަގައި ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލް އިއްވެވި ހުކުމްގައި ކަނޑައެޅީ މި މައްސަލާގައި ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ހިޔާޒަތުގެ ދަށުން ފެނުނު ތަކެތިކަން ސާބިތުވާ ކަމަށެވެ. އެއީ މަސްތުވާތަކެތި ފެނިފައިވަނީ ދައުވާ ލިބޭ މީހާ ލައިގެން ހުރި ޖީންސުގެ ވާތްފަރާތު ކުރިމަތީ ޖީބުގައި އޮތް ކޮތަޅެއްގެ ތެރެއިންކަން ސާބިތުވާތީ ކަމަށް ހުކުމްގައި ބުންޏެވެ.
ހުކުމްގައު ބުނި ގޮތުގައި މަސްތުވާތަކެތި ފެނުނު ކޮތަޅަކީ ޓޭޕް އަޅައި އެތެރެ ނުފެންނަ ފަދައަކުން ބަންދުކޮށްފައި އޮތް ޕެކޭޖެއް ނުވަތަ އެފަދަ ގޮތަކަށް ބަންދުކޮށްފައި އެއްޗެއް ނޭނެވެ. ނަމަވެސް އެއ،ީ އެއްވެސް ގޮތަކަށް ބަންދުކޮށްފައިނުވާ ކަރުދާސް ކޮތަޅެކެވެ. އެ ކޮތަޅުގައި އެއްވެސް މީހެއްގެ ނަމެއް ނުވަތަ ގުޅޭނެ ފޯނު ނަންބަރެއް ފަދަ އެއްޗެއް ލިޔެފައެއް ވެސް ނުވެ އެވެ.
ހުކުމްގައި ބުނީ ބޯޓުން ކުޅުދުއްފުއްޓަށް ގެނައުމަށް މީހަކު ދޭ އެއްޗެއް ހަވާލުވާ ނަމަ އެންމެ ކުޑަމިނުން އެއީ ކާކުއާ ހަވާލުކުރާ އެއްޗެއްތޯ ނުވަތަ އެ ތަކެއްޗާ ހަވާލުވާން މީހަކު އަންނާނެތޯ މިފަދަ ސުވާލު އެ އެއްޗެއް ހަވާލުކުރަން އަންނަ މީހަކު ކައިރީ އަހާނެކަމަށް ގަބޫކުކުރެވޭ ކަމަށެވެ. އެ ކޮތަޅު އޭނާއާ ހަވާލުކުރީ ގޮތް ނޭނގޭ މީހެއް ކަމަށް ބުނި ނަމަވެސް، އެއީ ކާކު ކަން ބުނެދެވިފައިނުވާ ކަމަށް ހުކުމްގައިވެ.
"މި ދެންނެވި ކަންކަން އެހެން ހުރުމުން، މަސްތުވާތަކެތި ހުރި ޖޫސްޕެޓީ ކޮތަޅު ޖީންސުގެ ޖީބުގައި އޮތީ އޭނާގެ އެނގުމުގެ ތެރެއިން ކަން އެނގެން އޮވެ އެވެ،" ހުކުމްގައި ބުންޏެވެ.
އެހެންވެ، އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި 25 އަހަރުގެ (އުމުރު ދުވަހުގެ) ޖަލު ހުކުމަކާ އެކު، 100،000ރ. ޖޫރިމަނާ ކުރުމުގެ އަދަބު އިއްވި އެވެ.




