އިންޑިޔާގެ ލައިން އޮފް ކްރެޑިޓް، އެލްސީއޯގެ ދަށުން ކުޅުދުއްފުށީގައި ގާއިމުކުރަން ނިންމި ސިންތެޓިކް ޓްރެކްގެ އެއްބަސްވުމުގައި ކޮންޓެކްޓަރާއެކު ސޮއިކޮށްފި އެވެ.
އެގްޒިމް ބޭންކް މެދުވެރިކޮށް ގާއިމުކުރާ މި ޓްރެކްގެ މަސައްކަތް ހަވާލުކުރީ، ފެޑޯ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.
ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފަޔާޒެވެ. ފެޑޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެޗްއާރު މެނޭޖަރު އާދަމު ފަހުނު ކަމަށް އެމިނިސްޓްރީ ހާމަކުރެ އެވެ.
ކުރީގެ ސަރުކާރުގައި ހަމަޖެހުނު މި މަޝްރޫއުއަކީ ބޮޑު ޕްރޮޖެކްޓެއްގެ ތެރެއިން އެއް ޕްރޮޖެކްޓްކަމަށް ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން 2025 ވަނަ އަހަރުގެ މެއިމަހު ކުޅުދުއްފުށީގައި ބޭއްވި ތިލަދުންމަތީ ފެތުމުގެ މުބާރާތް ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ ރާފިއު ވިދާޅުވީ، ކުޅުދުއްފުށީގައި ސިންތެޓިކް ޓްރެކް ގާއިމުކުރަން އުޅޭތާ ހަތަރު އަހަރު ވެދާނެ ކަމަށާއި އެކަމަކު އިރާދަކުރެއްވިއްޔާ އަންނަ ޖުލައިމަހުގެ ތެރޭގައި އެ މަޝްރޫއުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.
"ކުޅުދުއްފުށީ ސިންތަޓިކް ޓްރެކްގެ ވާހަކައަކީ ވަރަށް ދިގު ވާހަކައެއް. އަޅުގަނޑު ދަންނަވާނީ މިދިޔަ އަހަރުވެސް ޕޯޑިއަމްގައި ހުރެގެން ދެއްކި ވާހަކައެއް. ގާތްގަނޑަށް ހަތަރު އަހަރު ވެއްޖެ މިކަމެއްގައި އަޅުގަނޑުމެން އުޅޭތާ. އެދުވަހުވެސް އަޅުހަނޑު ދެންނެވިން މިއީ އިންޑިޔާގެ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްދާ މަޝްރޫއެކޭ. ސީދާ ދުވަހެއް ދަނަވަން ދައްޗޭ. އެކަމަކު މިއަދު އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ފަހުން ލިބިފައި އޮތް މައުލޫމާތަކީ އަންނަ ޖުލައިމަހުގައި އަޅުގަނޑުމެންނަށް އެ ޕްރޮޖެކްޓްގައި ސޮއިކުރެވިގެންދާނެއޭ." މިދިޔަ އަހަރު މެއިމަހު ސްޕޯޓް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންނަމަވެސް މިނިސްޓަރު ވިދާޅުވި ތާރީހުގައި އެއްބަސްވުމުގައި ސޮއިނުކުރެވުނެވެ. ސިންތެޓިކް ޓްރެކް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް އެކަން މިނިސްޓްރީން ހާމަކުރެއްވި މިއަދުގެ ވަގުތެއްގައި އެވެ. މި މަޝްރޫއަށް ހަރަދުވާނެ އަދަދެއް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ސްޕޯޓް މިނިސްޓަރު ރާފިއުގެ މިނިސްޓަރުކަމުގެ ދަށުން ކުޅުދުއްފުއްޓަށް އިތުރު ސްވިމިންގ ޓްރެކަކާއި ބީޗް އެރީނާގައި ބޭނުންކުރާނެ ސިޑްބަރިއެއް ވަނީ ގާއިމުކޮށްފަ އެވެ.
ކުޅުދުއްފުއްޓަކީ ގިނަ އަދަދެއްގެ ދުވުންތެރިން ގައުމީ ފެންވަރުގައި އުފައްދަމުންދާ ރަށެއްކަމުން ސިންތެޓިކް ޓްރެކްގެ މުހިންމުކަން ރަށަށް ވަނީ ވަރަށް ބޮޑުވެފަ އެވެ.




