ރަން ދިހަފަހެއް ނޫޓު ސީރީޒްގެ 100ރ. ގެ އާ ސްޓޮކެއް މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެނެސްފި އެވެ.
އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން ނެރެފައިވާ ރަންދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100ރ. ގެ ނޫޓުގެ އާ ސްޓޮކެއް ގެނައީ އެ ސްޓޮކް މަދުވުމުގެ ސަބަބުން ކަމަށެވެ.
"މި އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން 02 ފެބްރުއަރީ 2026 ގައި އާ ސްޓޮކެއް މި އޮތޯރިޓީއަށް ވަނީ ގެނެސްފައި،" އެމްއެމްއޭ އިން ބުންޏެވެ.
މިދިޔަ އަހަރު ޖެނުއަރީ މަހު 100ރ. ގެ އާ ނޫޓުތައް ޗާޕުކުރުމަށްފަހު ދައުރު ކުރުމަށް ނެރުނެވެ. އެ ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ ކުރީގެ ގަވަރުނަރު އަލީ ހާޝިމެވެ. އާ ޗާޕުގެ 100ރ. ނޫޓުގެ ދެ ފަރާތުގައި ވެސް ދިވެހި ނިޝާން ޖަހާފައި ހުރެ އެވެ.
އެމްއެމްއޭ އިން ފައިސާގެ އާ ނޫޓެއް ތައާރަފްކުރީ ޖެނުއަރީ، 2016 ގަ އެވެ. އެ ނޫޓު ހެދީ ޕޮލިމާ ކަރުދާހުގައި އާ ޑިޒައިނަކަށެވެ. އަދި އެ ނޫޓް ސީރީޒް ނެރުމަށްފަހު، ކުރީގެ ނޫޓުތައް ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ.




