ޗާގޯސް މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފާއިތުވި ސަރުކާރުގެ ދުވަސްވަރު ރާއްޖޭގެ ދެކުނުން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ފޯޅަވައްސާއި ފުށު އަރާ ކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި ދިވެހި ސަރުކާރުން ބައިވެރިވެ ރާއްޖޭގެ އީއީޒެޑްގެ ތެރެއިން ދެކުނުން ބޮޑު ބައެއް ދޫކޮށްލާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެންގުމަށް ވިލަރެސް ކޮމިޓީން މަސައްކަތްތަކެއްކޮށް، އެކަމާ ބެހޭ ރިޕޯޓު މިހާރު ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށާއި، ކަމާ ބެހޭ މާހިރުން އެ ރިޕޯޓަށް ދީފައިވާ ލަފާތަކަށް ބިނާކޮށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށާއި، އަދި ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮންނަ ކަނޑުގެ އިން ކަނޑައެޅުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ލޯ އެންޑް ސީ (އިޓްލޮސް)ގެ ނިންމުން ބަލައިނުގަންނަން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން، ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން އިޓްލޮސްގައި ނެގި ސްޓޭންޑްތަކުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށާއި، އެ ސްޓޭންޑުތައް ނެގި ސަބަބުން އޮޅުންފިލުވުމަށާއި، ފިޔަވަޅު އަޅަން ޖެހޭނަމަ ފިޔަަޅު އެޅުމަށް އިންކުއަރީ ކޮމިޝަނެއް ހަދަން ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.
ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދައި، ޗާގޯސް ރާއްޖެއަށް ހޯދުމަށް އިނގިރޭސިވިލާތާއެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން މޮރިޝަސްއަށްވުތެ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް ބަޔާންކޮށް އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާ މަޝްވަރާތަކެއް ކޮށްފައިވާކަން ރައީސް ހާމަކުރެއްވިއެވެ.
މޮރިޝަސް އިން ޗާގޯސް ހޯދަން ކުރި މަސައްކަތުގައި ކުރީ ސަރުކާރުން ދޫދީފައިވާ ކަމަށް މިސަރުކާރުގެ ވެރިން ގަބޫލުކުރެއެވެ. ގެއްލުނު ބައި އަނބުރާ ހޯދުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.




