ހދ. ނޮޅިވަރަމުގައި ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގުމަށް ނިންމާފައިވާކަމަށް ރައިސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ދިވެހި އިގުތިސޯދުގައި މިހާތަނަށް އެކަށީގެންވާ ގޮތަކަށް ސަރުކާރުތަކުން ސަމާލުކަން ދީފައި ނުވާ އެހެން ނަމަވެސް، ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުން ވިސްނާއިރު، އެންމެ ސަމާލުކަން ދޭންޖެހޭ އެއް ސިނާޢަތަކީ ދަރުވެރިކަމުގެ ސިނާޢަތް ކަމުގައި ދެކޭކަމުގަ އެވެ.
"ވިލުންތެރި އިޤްތިޞާދެއް ޤާއިމްކުރުމަށްޓަކައި ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން މައިގަނޑު ބާވަތްތައް ރާއްޖޭގެ އާބާދީއަށް އެކަށީގެންވާ ވަރަށް އުފެއްދުމަށް މަސައްކަތްކޮށް، ފުޑް ސެކިޔުރިޓީ ޤާއިމްކުރުމަކީ، މި ސަރުކާރުގެ ސިޔާސަތު." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި އަމާޒަށް ވާސިލްވުމުގެ ގޮތުން، އެގްރިކަލްޗަރ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް މިހާރު ވަނީ ޤާއިމްކުރެވިފަކަށާއި ދަނޑުވެރިކަމުގެ ވިޔަފާރިތައް އިތުރުކޮށް، މިދާއިރާއަށް ޕްރައިވެޓް އިންވެސްޓްމަންޓް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ ކަމަށެވެ.
'ޕަބްލިކް ޕްއިވެޓް ޕަރޓްނަރޝިޕް'ގެ ދަށުން ކޮނޑޭގައާއި ކާށިދޫގައި ދަނޑުވެރިކަމުގެ މަޝްރޫއެއް ފެށުމަށް މިހާރު ވާނީ ހުޅުވާލާފަކަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ލ. ގަމުގައާއި ހދ. ނޮޅިވަރަމުގައި މަޝްރޫއުތައް ކުރިއަށްގެންދަން މި އަހަރު ހުޅުވާލާނެކަމުގަ އެވެ.
އިތުރަށް ރައީސް ވިދާޅުވީ މި މަޝްރޫޢުތަކުގައި މަސައްކަތް ކުރާނީ، ރަށްރަށުގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމަށާއި، އުފެއްދުންތައް ގަނެވިއްކުމުގައި ދިމާވާ ދަތިތައް ފަދަ ރަށު ފެންވަރުގެ ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކަމުގަ އެވެ.




