twitterviber whatsapp telegramfacebookyoutube instagram
9th March 2026

ނުފުރުނު 164 އުމްރާވެރިން ޗާޓަރު ފްލައިޓެއްގައި މިރޭ ފުރަނީ

Mar 8, 2026

އެކި ސަބަބުތައް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ ފުރުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޝަހީމް ވިދާޅުވި ގޮތުގައި، އެކި ކުންފުނިތަކުން ޢުމްރާއަށް ދިއުމަށް އުޅުނު ބައެއް މީހުންނާއި، ޓްރާންސިޓްކޮޮށް ފުރަން އުޅުނު ބައެއް މީހުންގެ ފުލައިޓު ކެންސަލްވުމުގެ ސަބަބުން، ނުފުރި ތިބި މީހުންގެ ތެރެއިން އުމްރާއަށް ފުރަން ބޭނުންވެފައި 150 މީހަކު ތިބި ކަމަށެވެ.

އެ މީހުންނާ ގުޅޭ ގޮތުން، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އެ އަދަދު މިހާރު 164އަށް އަރާ ކަމަށެވެ. އަދި އެ މީހުން މިރޭ އުމްރާއަށް ފުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެ މީހުން ގެންދިޔުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް މައްކާގައި ތިބެވޭނެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ޚާއްސަ އަހަންމިއްޔަތު ކަމެއް ދެއްވި ކަމަށް ވިދާޅުވެ ޝަހީމް ވަނީ އެ މަނިކުފާނަށް ޝުކުރު ދަންނަވައިފައެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ، އުމްރާ ދަތުރު ހަމަޖައްސާ ގުރޫޕެއް ކަމަށްވާ އަލް-އަބްރާރު ކުންފުނީގެ ދަށުން ފުރުމަށް ޢުމްރާވެރިން ތައްޔާރުވަމުން ދަނިކޮށް، ދަތުރު ކެންސަލްކުރިކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ބުނެފައެވެ.

އެ މައްސަލަ އެ މިނިސްޓްރީއާއި ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ. އަދި އެ ކުންފުނިން ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިޔުމުން އަޅުކަމަށް ނުދެވުނު 28 މީހަކަށް ސަޢޫދީ ޢަރަބިއްޔާއަށް ދެވޭނެ އިންތިޒާމު ޙައްޖު ކޯޕަރޭޝަނުން މިދިޔަ ބުދަ ދުވަހު ހަމަޖައްސައިދިނެވެ.

އެ މައްސަލައިގައި މިނިސްޓްރީން ސާފުކުރި މައުލޫމާތުތަކަށް ބަލާއިރު އަލްއަބްރާރު ހައްޖު އެންޑް އުމްރާ ކުންފުނިން އެ އުމްރާ ދަތުރު ކެންސަލްކޮށްފައިވަނީ މަގުބޫލު އެއްވެސް ސަބަބެއް ނެތި އަދި ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ ހިލާފަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެހެންވެ އެ ކުންފުންޏަށް ދޫކުރެވިފައިވާ ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައި، އެކަން ކުންފުންޏަށް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355