ޕެޓްރޯލްއާއި ޑީސަލް ވިއްކާ އަގުތަށް އިންތިހާއަށް ބޮޑުކޮށްފައިވާތީ ކުޅުދުއްފުށީ މޭޔާރ މުހައްމަދު އާތިފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މޭޔާރ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތެޔޮލިބުމުގައި އެއްވެސް ދަތިކަމެއް ނުވާކަމަށާއި 1 މަސްދުވަހުގެ ތެޔޮ ރައްކާކޮށްފައި ހުރިކަމަށް ސަރުކާރުން، ރައްޔިތުންނަށް ޔަގީންކަންދިންތާ ހަފްތާއެއްހާ ދުވަސްތެރޭ ތެޔޮ ދެގުނައެއްހާތަން މިއަދު އަގުބޮޑުކޮށްލިބުމަކީ ކަންބޮޑުވާން ޖެހޭހާ ބޮޑު އަގުތަކެއް ކަމަށެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އަންނަމުންދާކަން ޤަބޫލުކުރެއްވި ނަމަވެސް، ސަރުކާރުން ކުރިން ދީފައިވާ ޔަޤީންކަމާ އަޅާބަލާއިރު މިހާރު ފެންނަމުންދާ އަގުތަކަކީ އިންތިހާއަށް ބޮޑު އަގުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުން އަޅުގަނޑުމެންނަށް އޮޅުވާލުން ހުއްޓާލާ، ތެދު މައުލޫމާތު ފޯރުކޮށްދެއްވާ، ސަރުކާރުގެ އިސްރާފު ކުޑަކޮށް، ރައްޔިތުންނަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ސިޔާސަތުތައް އެކަށައަޅާ ތަންފީޒުކުރުމަށް ގޮވާލަން." މޭޔަރ ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ތެލުގެ ވިޔަފާރިކުރާ 2 ކުންފުނި ހުންނައިރު އެތަނުން ޑީސެލައިން ޝެޑުން މިއަދު ހަވީރުވެސް އަގު ބޮޑުނުކޮށް ތެޔޮ ވިއްކާފައިވާތީ އެތަނުގައި ޕެޓްރޯލް އެޅުމަށް ކިއުވަނީ ދަމާލާފަ އެވެ.
ނަމަވެސް އެތަނުންވެސް މިއަދު ލިމިޓްކޮށްގެން މީހަކަށް ވިއްކާފައިވަނީ 15ލ ގެ ޕެޓްރޯލްއެވެ. އިރުއޮއްސުމާހަމައަށް އެތަނުން ކުރީގެ އަގަށް ތެޔޮ އެޅުން ނަމަވެސް މިރޭ އެ ޝެޑުންވެސް ވަނީ އަގުބޮޑުކޮށްފަ އެވެ.
މޭޔާރ އިތުރަށް ވިދާޅުވީ ތެލުގެ އަގު ކުއްލިއަކަށް އިންތިހާއަށް އުފުލެމުންދާތީ ކޮންބޮޑުވުން ފާޅުކުރައްވައި, ސަރުކާރުން ރައްޔިތުންނަށް ތެދު މަޢުލޫމާތު ދިނުމަށާއި އިސްރާފު ކުޑަކޮށް, ރައްޔިތުންނަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ސިޔާސަތުތައް އެކަށައަޅައި، ތަންފީޒުކުރަން ޖެހޭކަމަށް ވިދާޅުވެފަ އެވެ.
ކުޅުދުއްފުށި ސިޓީގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، މީގެ ހަފުތާއެއް ކުރިން 16.09 ރުފިޔާ އަށް ހުރި ޕެޓްރޯލް ލިޓަރެއްގެ އަގު މިހާރު ވަނީ 29.30 ރުފިޔާއަށް އުފުލިފައިކަމަށާއި, އަދި އޭރު 15.19 ރުފިޔާއަށް ހުރި ޑީސަލް ލިޓަރެއްގެ އަގު މިހާރު ހުރީ 29.51 ރުފިޔާގައި ކަމަށް މޭޔަރ ފާހަގަކުރެއްވި އެވެ.




