twitterviber whatsapp telegramfacebookyoutube instagram
30th March 2026

10 ރުފިޔާގެ އާ ސްޓޮކެއް ގެނެސްފި

ނަބީލާ އިސްމާޢީލް
Mar 30, 2026

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 10 ރުފިޔާގެ އާ ނޫޓުތަކެއް އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދައުރުކުރަން ފެށުމަށް ނިންމައިފިއެވެ.

މި ނޫޓުތަކަކީ ރަންދިހަފަހެއް ސީރީޒްގެ 10 ރުފިޔާގެ ސްޓޮކް މަދުވުމާއި، ބާވެ ހަލާކުވާ ނޫޓުތައް އާކުރުމަށްޓަކައި އަލަށް ޗާޕުކޮށްގެން ގެނައި ނޫޓުތަކެކެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، 10 ރުފިޔާގެ ނޫޓަކީ ކުޑަ އަދަދެއްގެ ނޫޓަކަށް ވުމުން، ދިވެހިންގެ އާންމު ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް މި ނޫޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑެވެ. މީގެ ސަބަބުން ނޫޓުތައް ހަލާކުވާ މިންވަރު އިތުރުވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ. އަދި ބޮޑެތި މުއާމަލާތްތަކުގައި މިފަދަ ނޫޓު ބޭނުންނުކުރާތީ، ބޭންކުތަކަށް ފައިސާ ޖަމާކުރުމުގެ ތެރެއިން މި ނޫޓު ލިބޭ މިންވަރު މަދުކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

ނަގުދު ފައިސާއަށް އަލަށް އުފެދޭ ޑިމާންޑަށާއި އެމްއެމްއޭ އަށް ލިބޭ ނޫޓުގެ ތެރެއިން ބައުވެ ހަލާކުވެގެން ނަގާ ނޫޓުތަކުގެ ބަދަލުގައި ބޭނުންކުރުމަށް ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން މިއަދު ގެނެސްފައިވާ 10 ރުފިޔާގެ އެޕްރީލް 1 ވަނަ ދުވަހުން ފެށިގެން ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އަލަށް ޗާޕުކޮށްގެން ނެރޭ 10 ރުފިޔާގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު އެވެ. އަދި މި ނޫޓުގައިވާ ތާރީހަކީ 31 ޖުލައި 2025، 6 ޞަފަރު 1447 އެވެ.

އެމްއެމްއޭ އިން ބުނީ 10 ރުފިޔާގެ މި އާ ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށެވެ.

މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު އެވެ.

ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން މިނެރޭ 10 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 10 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355