ކުޅުދުއްފުށި ބަނދަރު ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކުރުމަށް ސިޓީ ކައުންސިލުން ތަރައްގީކުރި 'ބަނދަރު އޮފީސް' އިމާރާތުގެ މަސައްކަތް ނިންމާލައިފި އެވެ.
ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ހެދި މި އޮފީހުގެ ހިދުމަތާއެކު ބަނދަރު ބެލެހެއްޓުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށާއި އެތަން ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެ އެވެ.
ސިޓީ ކައުންސިލުން ބުނީ، މި އިމާރާތުގައި ބަނދަރު މޮނިޓާ ކުރުމަށް އޯޕަން ޓެރަސްއަކާއި ބަނދަރުންދޭ ހިދުމަތްތަކާ ގުޅޭ އާލާތް ރައްކާކުރެވޭނެ ގުދަނަކާއި ބަނދަރު ބަލަހައްޓާ މުވައްޒަފުން ބޭނުންވާ އޮފީސް ޖާގަ ހިމެނޭނެ ކަމަށެވެ.
މީގެ އިތުރުން ކައުންޓަރަކާއި އާންމުންނަށްވެސް ބޭނުންކުރެވޭނެ ފާހާނާގެ ހިދުމަތް މި އޮފީހުގައި ގާއިމުކޮށްފައިވާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.
ވޭވްލެންތް ކުންފުންޏާ ހަވާލުކޮށްގެން އެއް ބުރިއަށް ހެދި މި އިމާރާތަކީ ވަރަށް ހިތްގައިމުކޮށް ރީތީ ޑިޒައިނަކަށް ތަރައްގީކޮށްފައިވާ އޮފީހެކެވެ. މިތަނުގައި ބޭނުންކޮށްފައިވަނީ ސިޓީ ކައުންސިލްގެ ކުލައެއްކަމުގައިވާ 'ރަން' ކުލައިގެ ޝޭޑްތަކެވެ.
މިހާރު ބަނދަރު ބަލަހައްޓަމުންދަނީ އުތުރު ބަނދަރުގައި ގާއިމުކޮށްފައިވާ ކޮންޓެއިނާ އޮފީހަކުންނެވެ.




