ސްޕޯޓް ފިޝިންގ އަށް ގޮސް އުޅުނު ކުޅުދުއްފުށި ޓީމަކަށް މިހާތަނަށް ރާއްޖޭން ރެކޯޑްކުރެވިފައިވާ އެންމެ ބޮޑު 'ކޯބިޔަ' ބާނައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ހެނދުނު ކުޅުދުއްފުއްޓާ 16 މޭލު ބޭރުން ބޭނި މި 'ކޯބިޔަ'ގައި 30.56 ކިލޯ ހުއްޓެވެ. މި މަސްބޭނީ އަލީ ވަހީދު (ލެގޯޑާ ދޮންބެ) އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިހާތަނަށް ރެކޯޑްކުރެވިފައިވާ އެންމެ ބޮޑު ކޯބިޔަ އެވެ. ބައެއް ހިސާބުތަކުގައި މިމަހަށް 'މުރަނގަ ވީރު'ވެސް ކިޔަ އެވެ.
'ކޯބިޔަ' މިނަން މިމަހަށް ދީފައިވާ އިނގިރޭސިބަހުން ކިޔާ 'ކޯބިއާ' މިނަމާ ގުޅޭގޮތުން މަހުގެ އަނގަބޮޑުވެފައި ކޯބޮޑުކަމަށް ފާހަގަކުރެވިފައިވާތީ އެވެ.
ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި މިއީ ރާއްޖޭގެ މަސްވެރިންނަށް އާއްމުކޮށް ރާއްޖޭގައި އުޅޭ މަހެއް ނޫން ކަމަށާއި މިއީ މިއާއިލާގެ އުޅޭ ހަމައެކަނި ބާވަތް ކަމަށެވެ. މިއީ ފަތިކޮށް އަނގަ ވަރަށް ފުޅާކޮށް، ދިގުކޮށް ހުންނަމަހެކެވެ.
މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި ވަކިވަކިން ކުރުކޮށް 7 އާއި 9 އާ ދެމެދުގެ އަދަދަކަށް ހަރުކަށިތަކެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 2 މީޓަރަށެވެ. މަހުގެ ނިގޫފަތުގެ ކޮޅުހުންނަނީ ހަނދުފަޅިބުރަށް ކަފިކޮންނެވެ. ނަމަވެސް ޅަމަހުގައި ނިގޫފަތް ހުންނަނީ ކޮޅަށް ވަށްކޮންނެވެ. މިއި މާކަނޑުތަކުގެ މަތީބައިގައި އުޅޭމަހެކެވެ. ނަމަވެސް މިބާވަތުގެ މަސް ކުދިކުދި އައިން ހަދައިގެން ފަރުފަރުގެ ބޭރުގައި އުޅެއެވެ. ކޯބިޔާއަކީ އައްޓަމަހުގެ އާއިލާއާއި ކޮންމެވެސް ވަރަކަށް ގުޅުން ހުރި މަހެކެވެ.
މިމަހުގެ އާއްމު ސިފަތައް އައްޓަމަހާއި ވަރަށް އެއްގޮތެވެ. ނަމަވެސް އައްޓަމަހުގެ ބޮލުގެ މަތީގައި ހުންނަ 'ތަތްކުރާތަށި' މިމަހަކު ނުހުރެއެވެ. މަހުގެ ބުރަކަށިމައްޗާއި އަރިމަތީގެ ކުލައަކީ މުށިކުލައެވެ. މަހުގެ ދެއަރިމަތީގައި އަޅިކޮށް ހުންނަ ފުޅާ ދެރޮނގު ފާޅުކޮށް ފެންނަން ހުރެއެވެ. ބަނޑުދަށް ހުންނަނީ ފަނޑު ރީނދޫކުލައެއްގައެވެ. މަހުގެ އާއްމު ކާނާއަކީ ކަކުނިފާޑުގެ ސޫތްޕާއި، ބޯވަދިލަމަހާއި މަސްމަހާމެއްސެވެ.




