މައިމުޅަވާ ދަރިންނަށް ތަރިކައިން ބިން ލިބޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރު ކޮށްލައިފި އެވެ.
މައިމުޅަވުމަކީ އަންހެން ދަރީގެ ދަރިންނަށް ވާރުތަމުދާ ނުލިބޭ ގޮތް ވުމެވެ. މި ގޮތް ދިމާވާނީ ބައްޕަ ނުވަތަ މަންމަ ދުނިޔޭގައި ހުއްޓައި އަންހެން ދަރިފުޅު މަރުވާއިރު އޭނާގެ ދަރިން ތިބުމުންނެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅި އެ ބިލުގައި ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ބިމާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާ އާއި 17 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން މައިމުޅަވުމުގެ ސަބަބުން ދަރިންނަށް ބިމުން ނުލިބޭ ހާލަތްތަކެއް ކުރިމަތިވާ ކަމަށެވެ.
އޭގެ ސަބަބުން މުޖުތަމައު އާއި އާއިލާތަކުގެ މެދުގައި އަރައިރުން އުފެދި މައްސަލަތައް ކުރިމަތިވާ ކަމަށާއި ބޭއިންސާފު ހާލަތްތަކެއް ކުރިމަތިވާ ކަމެއް ބިލުގައި ބުނެފައިވެ އެވެ.
އެ ބިލު ބަލައިގަތުމަށް ފެނޭތޯ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި 49 މެންބަރުން ވޯޓު ދެއްވީ ބަލައިގަންނަން ނުފެންނަ ކަމަށެވެ. އަދި ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.
މަޖިލީހުގައި އެ ބިލަށް ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެންބަރުން ގިނައިން ދެއްކެވީ ގޯތި ދިނުމުގައި ކުރީ ސަރުކާރުން އަމަލު ކުރި ގޮތުގެ ވާހަކަ އެވެ. އެ މައްސަލަ އާ ގުޅޭ ގޮތުން ބަހުސް ކުރެއްވީ މަދު މެންބަރުންތަކެކެވެ.
ނަމަވެސް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވި ގޮތުގައި ޕީއެންސީން އެ ބިލަށް ދެކޮޅު ވަނީ އެއީ ސަރުކާރުން ބިމާ ބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނާތީ އެވެ. އަދި ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލުގެ ތެރެއިން މި މައްސަލަ އަށް ވެސް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.




