ލިވަޕޫލަށް ކުޅެމުން އަންނަ ފްރާންސް ގައުމީ ޓީމުގެ ޒުވާން ތަރި ހޫގޯ އެކިޓީކޭއަށް އަނިޔާވެ މިއަހަރުގެ ޖޫންގައި ފަށާ ވޯލްޑްކަޕުގައި އަދި މި ސީޒަނުގައި އިތުރަށް ނުކުޅެވޭނެކަން ޔަގީންވެފައިވާ ކަމަށް ފްރާންސްގެ މެނޭޖަރު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެފަހުން ޕީއެސްޖީއާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗުގެ 22 ވަނަ މިނެޓުގައި 23 އަހަރުގެ އެކިޓީކޭއަށް އަނިޔާވެ އޭނާ ވަނީ ބަދަލުކޮށްފަ އެވެ. މިމެޗު 2 - 0 ން ކާމިޔާބުކުރީ ޕީއެސްޖީންނެވެ.
މީޑިއާތަކުން ހާމަކުރާ ގޮތުގައި މިއަނިޔާއާއި ގުޅިގެން އެކިޓީކޭ 9 މަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. އެކިޓީކޭ ވަނީ ބުދަ ދުވަހު ސްކޭންތައް ހަދާފަ އެވެ. އަދި އަނިޔާގެ ފުރިހަމަ ތަފްސީލް އަދި ލިވަޕޫލުން ހާމަކޮށްފައެއް ނުވެ އެވެ.
ފްރާންސްގެ މެނޭޖަރު ބުނީ އަންގާރަދުވަހު ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި އެކިޓީކޭއަށް ސީރިއަސް އަނިޔާއެއް ވެފައިވާ ކަމަށާއި ނަސީބު ދިމާކުރިގޮތުން ލިބުނު އަނިޔާގެ ސީރިއަސް ކަމުން ލިވަޕޫލާއެކު ސީޒަން ނިންމާނުލެވޭއިރު އަންނަ ޖޫންގައި ފަށާ ވޯލްޑް ކަޕުގައި ވެސް އޭނާއަށް ނުކުޅެވޭނެ ކަމަށެވެ.
"ވޭތުވެދިޔަ ކުރު މުއްދަތެއްގެ ތެރޭގައި ގައުމީ ޓީމާއެކު އަލަށް ގުޅި ފުރަތަމަ މެޗު ކުޅުނު 10 ވަރަކަށް ޒުވާން ކުޅުންތެރިންގެ ތެރޭގައި ހޫގޯ ހިމެނޭ، މި ގްރޫޕަށް ވަރަށް ފަސޭހަ އަދި ފަރިތަކަމާއެކު އޭނާ ދަނޑުމަތީގައި އަދި ދަނޑުން ބޭރުގައި ވެސް ވަނީ ހޭނިފައި، މި އަނިޔާއަކީ އޭނާއަށް އަދި ފްރާންސް ގައުމީ ޓީމަށް ވެސް ލިބޭ ވަރަށް ބޮޑު ދެރައެއް" ޑިޝޯމްޕްސް ބުނެފައިވެ އެވެ.
އޭނާ ނެތްތަން ވަރަށް ބޮޑަށް ދައްކާނެ ކަމަށާއި އެހެންނަމަވެސް އެންމެ ވަރުގަދަ ފޯމުގައި އޭނާ އެނބުރި އަންނާނެ ކަން ޔަގީންވާ ކަމަށާއި މިދަނޑިވަޅުގައި ހުރިހާ ސަޕޯޓެއް އޭނާއަށް ދޭނެ ކަމަށާއި މުޅި ގައުމީ ޓީމުގެ ހުރިހާ ސްޓާފުންނާއި ކުޅުންތެރިން ތިބީ އޭނާއާއި އެއްކޮށްކަން ޑިޝޯމްޕްސް ފާހަގަކުރި އެވެ.
އެއިންޓްރަކްޓް ފްރޭންކްފާޓުން މިދިޔަ ޖުލައިގައި ލިވަޕޫލާއި ގުޅުނު އެކިޓީކޭ ވަނީ ލިވަޕޫލުގެ މި އުދަނގޫ ސީޒަނުގައި ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކި އެއް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެފަ އެވެ. އޭނާ ވަނީ ހުރިހާ މުބާރާތެއްގައި އެޓީމަށް 17 ގޯލު ޖަހައިދީ 6 އެސިސްޓް ހަދައިދީފަ އެވެ.
މިފަހަރުގެ ވޯލްޑްކަޕުގައި އެޓީމުގެ އެންމެ އަރަމުން އަންނަ އެއް ތަރިންގެ ތެރޭގައި ހިމެނޭ އެކިޓީކޭ ނެތުމަކީ ފްރާންސަށް ލިބޭ ނުތަނަވަސްވުމަކަށް ވާނެ އެވެ. އެހެންނަމަވެސް ފްރާންސްގެ ގައުމީ ޓީމަކީ ވަރުގަދަ ސްކޮޑެއް އޮތް މޮޅު ޓީމެއްކަން އަދި މިމުބާރާތުގެ ޓޮޕް ފޭވަރިއްޓެއްކަން ފާހަގަކޮށްލެވެ އެވެ.ސ