އިބްރާހިމް ހަމީދު
ވަޢުދާ ހުވާކޮށް އެ ވަޢުދާ ހުވާގެ މަތިން ހަނދާން ނައްތާލުމަކީ މިއަދުގެ މުޖުތަމައުގައި ގިނައިން އަޑުއިވޭ އަދި އާންމު ވަމުން އަންނަ ކަމެކެވެ. ވައުދަކީ ކަމެއް ކޮށްދޭން ނުވަތަ ކަމެއް ކުރާނެ ކަމަށް ބުނެ އެހެން މީހަކާއެކު ނުވަތަ ބަޔަކާއިއެކު ވެވޭ އިގުރާރެކެވެ. ނުވަތަ އެއްބަސްވާ އެއްބަސްވުމެކެވެ. ކޮންމެ ކަމަކަށް ވައުދެއް ކުރިކަމުގައި ވީނަމަވެސް އެވަޢުދު ފުއްދުމަކީ އެ މީހެއްގެ މައްޗަށް ލާޒިމް ކަމެކެވެ. އިސްލާމްދީނުގައި ވަނީ ވަޢުދު ފުއްދުމަށް ވަރަށް މަތިވެރި އަހަންމިއްޔަތު ކަމެއްދީފައެވެ. އަދި އެއީ މަކާރިމުލް އަހްލާޤުގެ ތެރެއިން ހިމެނިގެންވާ ވަރަށް ރިވެތި ސިފައެކެވެ .
ވަޢުދާ ހިލާފުވުމަކީ މުނާފިޤުންގެ ސިފައެއްކަން ގުރުއާނާ މަތިވެރި ނަބިއްޔާގެ ބަސްފުޅުތަކުން އެނގި ހާމަވެއެވެ. ދިވެހި މުޖުމަތަމައުގައި ކަން ހިނގަމުން އަންނަގޮތަށް ބަލާއިރު ވަޢުދު ފުއްދުމަކީ އެހާ މުހިއްމު ކަމެއްކަމަކަށް ނުފެނެއެވެ. ނުވަތަ ދިވެހިންނަކަށް އެއީ އެހާ މުހިއްމު ކަމެއްހެން ހީނުވެއެވެ.
ވަޢުދުވުމާއި ވަޢުދު ނުފުއްދުމުގެ ވާހަކަތައް އެންމެ ގިނައިން ފެންމަތިވެގެން އަންނަނީ އިންތިހާބުތައް ކައިރިވުމުންނެވެ. އެގޮތުން ރިޔާސީ އިންތިހާބާއި އާންމު އިންތިހާބުތަކުގެ ދުވަސްވަރު އެންމެ ގިނައިން ދެކެވޭ ވާހަކައަކީ ވަޢުދުވާ ވާހަކަ އާއި ވަޢުދު ނުފުއްދާ ވާހަކައެވެ. އެއީ ވަޢުދުގެ މޫސުމަކަށްވެ އިންތިހާބުތައް ނިމި އިންތިހާބުކުރާ މަގާމަށް ހޮވުމާއެކު ވަޢުދުތައް މަތިން ހަނދާން ނައްތާލައެވެ. ރައްޔިތުންގެ ކުރިމަތީ ވަޢުދުތައް ކުރާ ގިނަ މީހުން ވަޢުދު ނުފުއްދާ ވާހަކަ އަޑުއިވެނީ ވަޢުދުތަކަށް އިހުތިރާމް ނުކުރުމުގެ ސަގާފަތެއް އަށަގެންފައިވާތީއެވެ. ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ކުރިމަތީ ވާ ވަޢުދުތައް ގަބޫލުކޮށް އިންތިހާބަށްފަހު އެވަޢުދުތައް މަތިން ހަނދާން ނައްތާލުމުން މިމުޖުތަމައުގައި ދިރިއުޅޭ ރައްޔިތުން އެއްދުވަހުން އަނެއްދުވަހަށް ދަނީ ބިކަވަމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިހާބުތަކާއެކު ވަޢުދުގެ އަޑު ގުގުމައިގެންދެއެވެ. އެގޮތުން އިމާރާތްތަކުގެ ބިންގާ އަޅައިދިނުމާއި ބަނދަރު ހެދުމާއި ފަޅުކޮނުމާއި ބިންހިއްކުމުގެ ތަފާތު މަޝްރޫއުތައް ކުރިއަށް ގެންދާނެކަމަށް ބުނެ ކުރެވޭ ވަޢުދުތަކާއި އަޙުދުތައް އަޑުއަހާ މިއަދު ރައްޔިތުން އެކަންކަން މަތިން ފޫހި ކުރުވައިފިއެވެ. މިއަދު ރައްޔިތުން އެކަންކަން ބަލައިގަންނަން ބޭނުންވަނީ ހޭލާތިއްބާ ފެނުނު ހުވަފެނެއްގެ ގޮތުގައެވެ. ދެ ލޯބިވެރިން އުޑުން ތަރި ބާލައިދިނުން ކަހަލަ ކަމެއްގެ ގޮތުގައި އެކަންކަން ރައްޔިތުން ދަނީ ސިފަކުރަމުންނެވެ.
ދުސްތޫރީ ހަޔާތަށް އައި އިންގިލާބާއެކު ސިޔާސީ ހަރަކާތްތަކަށް މިވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ރައްޔިތުންގެ ވެރިއަކަށް ނުވަތަ ރައްޔިތުންގެ މަންދޫބަކަށް މީހަކު އައްޔަންކުރުމުގައި ވަޢުދުތަކަކީ ވަރަށް މުހިއްމު އެއްޗެކެވެ. އަދި ރައްޔިތުންގެ އިތުބާރަކީ އެފަދަ މަގާމަކަށް ދެވަނަ ފަހަރު ހޮވުމުގައި ބާރުލިބިދޭނެ ކަމެކެވެ.
ދޭދޭ މީހުންގެ މެދުގައި ވެވޭ އެއްބަސްވުންތަކާއި ކުރާ ވަޢުދުތަކަކީ އާންމުކޮށް އެންމެންނަށް އެނގޭނެ އެއްޗިއްސެއް ނޫނެވެ. އެހެންނަމަވެސް އެފަދަ އެއްބަސްވުންތަކާއި ދޭދޭ ފަރުދުންގެ މެދުގައި ކުރާ ވަޢުދުތަކަކީ ވެސް އެއަށް އިހުތިރާމުކުރަންޖެހޭނެ އެއްޗެކެވެ. މިއަދު އެންމެނަށް އަޑުއިވޭ އަދި އާންމުކޮށް ދެއްކޭނީ އާންމު ރައްޔިތުންނާއި މީޑިޔާތަކުގެ ކުރިމަތީގައި ވާ ވަޢުދުތަކުގެ ވާހަކައެވެ. އެފަދަ ފަރާތްތަކުން ދިވެހިންނަކީ ނުވިސްނޭ އަދި ކަންތައްތައް މަތިން އަވަހަށް ހަނދާންނެތޭނެ ބައެއްކަމަށް ގަބޫލުކޮށްގެން ނުވާނެއެވެ. ރައްޔިތުންގެ ވޯޓަކުން ހޮވާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރައްޔިތުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމު ނުކުރާނަމަ ދިވެހިން ޑިމޮކްރަސީގެ މަތިން ފޫހިވެދާނެއެވެ. އަދި ވޯޓަކީ އިތުބާރާ ޔަގީންކަމަށް ދޭ ވޯޓަކަށްވުރެ ބާޒާރުގައި ގަނެ ވިއްކާ މުދަލަކަށް އެވޯޓު ބަދަލުވެދާނެއެވެ. އެހެނީ، ކުރާ ވަޢުދުތަކަށް ބަލައިގެން އަދި ދޭ އިތުބާރެއްގެ ބޮޑުކަމުން އެމީހަކަށް ދޭ ވޯޓު ބޭކާރު އެއްޗަކަށްވެގެންދާތަން ބަލާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. ކެމްޕޭނުކުރުމަށް ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ދައްކާ ވާހަކަތަކަކީ ޒިންމާދާރު އަދި ކުރަން ބުނާކަމަކީ އެމީހަކަށް ކުރެވޭނެ ކަމަކަށް ވާންޖެހެއެވެ. މިއަދުގެ ސިޔާސީ ހަގީގަތަކީ ވަޢުދު ވާ ގިނަ މީހުން އެމީހުންގެ ކުރާ ވަޢުދުތަކުގެ މަތިން ހަނދާން ނައްތާލާފައިވާ ކަމެވެ. ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ވައުދެއްވެ އެވަޢުދު ފުއްދާ މީހުން މަދުކަމެވެ.