twitterviber whatsapp telegramfacebookyoutube instagram
19th April 2026

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަނީ

ނަބީލާ އިސްމާޢީލް
Apr 19, 2026

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން މި ގޮތަށް އެންގީ އިއްޔެ ޕީސީބީގެ ރައީސް މުހައްމަދު އަނަސް އަށް ފޮނުވި ސިޓީގަ އެވެ.

މި ސިޓީގައި ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށާއި ހަރަދުތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށް ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް އަންގާފައިވެ އެވެ.

މީގެ އިތުރުން ކުންފުނިތަކުގެ ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް ތައުލީމީ ފެންވަރާއި ހުނަރާއި ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު މެތިޓް ބޭސްޑް ޕޮލިސީ މިހާރަށްވުރެ ހަރުދަނާ ކުރުމަށް އިރުޝާދު ދީފައިވެ އެވެ.

މިއީ އެންމެ އެކަށީގެންވާ ފަރާތްތައް ވަޒީފާތަކަށް ހޮވައި، ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި ފިޔަވަޅުތަކަކީ ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި ދައުލަތުގެ މާލީ އަދި ހިންގުމުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި މިވަގުތު ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެކެވެ.

މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ކުންފުނިތަކަށް އެންގުމަށާއި އެ ކުންފުނިތަކުން އެކަމަށް އަމަލުކުރާ މިންވަރު މޮނިޓާ ކުރުމަށާއި މި އިރުޝާދުތައް ތަންފީޒުވަމުންދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ގަވާއިދުން ފިނޭންސް މިނިސްޓްރީއާ ހިއްސާކުރުމަށް އެ މިނިސްޓްރީން އެދިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355